ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް އަލަށް ސޮއިކޮށްފައިވާ އެކްސެލް އެންޓަޓެއިންމަންޓާއި އޭއާރު މުރުގަދޯސް ގުޅިގެން އުފައްދާ ފުރަތަމަ ފިލްމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ އިންޑިއާގެ ސިނަމާގައި އެންމެ ނަންކުރެވޭ އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ރިތޭޝް ސިދްވާނީ އާއި ފަރްހާން އަޚްތަރުގެ އެކްސެލް އެންޓަޓެއިންމަންޓުން ސަނީއާ އެކު ކުރިއަށްގެންދާ ވަރަށް ބޮޑު ފިލްމީ ޕްރޮޖެކްޓެކެވެ.
އޭއާރު މުރުގަދޯސް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ މި ފިލްމުގައި ސަނީއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޖްޔޯތިކާއެވެ.
ދާދިފަހުން ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބޯޑާ 2"ގެ މަސައްކަތަށްފަހު، ސަނީ މި ފިލްމުގެ މައި ރޯލުން ފެނިގެންދާ ޚަބަރާއެކު، ސަނީގެ މި ފިލްމަށް ވަރަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ސަނީ ފިލްމު "ޖާޓް"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
ސަނީއާ ގާތް ފަރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރިތޭޝް، ފަރްހާން އަދި މުރުގަދޯސްއާ އެކު ފުރަތަމަ މަސައްކަތްކުރާ މި ފިލްމުން އެކްޓަރު ފެންނާނީ ސަނީގެ ދިގު ފިލްމީ ކެރިއަރުގައި ބެލުންތެރިންނަށް ފެނިފައިނުވާފަދަ ތަފާތު ކެރެކްޓާއަކުން ކަމަށެވެ.
އެކްސެލް އެންޓަޓެއިންމަންޓާއި މުރުގަދޯސް ގުޅިގެން އުފައްދާ މި އެކްޝަން ތުރިލަ ޑައިރެކްޓް ކުރާނީ ބާލާޖީ ގަނޭޝްއެވެ. މިއީ ސަނީ ޑިއޯލްގެ ކެރިއަރުގައި ކުރިއަށް އެޅޭ ވަރަށް ތަފާތު، މުހިންމު ފިޔަވަޅެކެވެ.
ސަނީގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ، "ލާހޯރު 1947"، "ގަބްރޫ" އަދި ނިތޭޝް ތިވާރީ ގެނެސްދޭ ހުރާފީ ފިލްމު "ރާމަޔާނާ" ހިމެނެއެވެ.