މާހިރުންނާ މަޝްވަރާ ނުކޮށް ޤާނޫނަށް ގެންނަ ބަދަލުތަކުން އެތައް ބިލިއަން ރުފިޔާއެއް ބޭކާރުވޭ: ޝާކިރު

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަޙުމަދު ޝާކިރު ވިދާޅުވި ގޮތުގައި، ކަމާގުޅޭ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާއާ ނުލައި ޤާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެތައް ބިލިއަން ރުފިޔާއެއް ދަނީ ބޭކާރުވަމުންނެވެ. މިކަން އޭނާ ފާހަގަކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު ހުށަހެޅުއްވި މަސްވެރިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. ޝާކިރު އިތުރަށް ވިދާޅުވީ ޤާނޫނުތައް ހެދުމަށްވުރެ މުހިންމީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުން ކަމަށެވެ.

  • ޤާނޫނުތަކަށް ބަދަލުގެންނަންވާނީ ދާއިރާގެ ތަޖުރިބާކާރުންނާއި މާހިރުންގެ ލަފަޔާއި މަޝްވަރާގެ މަތިންނެވެ.
  • މަޝްވަރާއާ ނުލައި ގެންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތުން އެތައް ބިލިއަން ރުފިޔާއެއް ބޭކާރުވެއެވެ.
  • މަސްވެރިކަމަކީ މޫސުމީ އަދި ގިނަ ކަންތައްތަކަކަށް ވިސްނަންޖެހޭ ސިނާއަތަކަށްވާތީ، ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން މުހިންމެވެ.
  • ކުރީގެ ސަރުކާރުން ފެށި ފާނަ މަސްވެރިކަމުގެ މަޝްރޫއުތައް ނާކާމިޔާބުވީވެސް މާހިރުންގެ ލަފާ ނުހޯދުމުންކަމަށް ތުހުމަތުކުރެއްވިއެވެ.

ޤާނޫނުތަކަށް ބަދަލު ގެނައުމުގައި އެ ދާއިރާއެއްގެ ތަޖުރިބާކާރުންގެ މަޝްވަރާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެފަދަ މަޝްވަރާތަކާ ނުލައި ގެންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެތައް ބިލިއަން ރުފިޔާއެއް ބޭކާރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަޙުމަދު ޝާކިރު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު ހުށަހެޅުއްވި މަސްވެރިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝާކިރު ވިދާޅުވީ، ހަމަ ބޭނުންވީމާ ހިތަށް އަންނަހާ ގޮތަކަށް ޤާނޫނުތަކަށް ބަދަލު ގެނައުމަކީ އޭގެ ނޭދެވޭ އަސަރު ދައުލަތުގެ މާލިއްޔަތަށް ކުރާނެ ކަމެއް ކަމަށެވެ. އަދި، މިފަދަ ބަދަލުތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާކިރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ތަފާތު ގިނަ ބާވަތްތަކުގެ މަސްވެރިކަން ހިމެނޭއިރު، މިއީ މޫސުމީ ކަމަކަށް ވާތީ ގިނަ ފެކްޓާތަކަކަށް ވިސްނަންޖެހެއެވެ.

"މީގެ އުޅޭ ސްޓޭކްހޯލްޑާސުންނާ ވާންޖެހޭ ވަރަށް މަޝްވަރާ ނުކޮށް ކޮންމެ ފަހަރަކު ގެނެވޭ ބަދަލެއްގެ ސަބަބުން ހަމަ އެތައް ބިލިއަން، މިލިއަން ރުފިޔާއެއް އެބަ ބޭކާރުވެގެންދޭ،" ޝާކިރު ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މި މަޖިލީހުން ބައެއް ގާނޫނުތައް ވަރަށް އަވަސް އަވަހަށް ބަދަލުކުރޭ --- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި ފާނަ މަސްވެރިކަމާ ގުޅޭގޮތުން ހިންގި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ޝާކިރު ވިދާޅުވީ، އެ މަޝްރޫއުތަކަށް ވީގޮތެއް މިއަދާ ހަމައަށް ވެސް އެނގެން ނެތް ކަމަށެވެ.

އެކަން އެހެން ދިމާވީ ވެސް ކަމާގުޅޭ މާހިރުންގެ ލަފާ ނުހޯދައި ކަންކަން ކުރުމުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހާ ގުޅޭގޮތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު ވިދާޅުވީ، މި ބިލުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް، ޤާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަން ހުއްޓުވުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ.

ނަމަވެސް، ޝާކިރު ވަނީ ޤާނޫނެއް ހެދުމަކީ އެކަނި ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެންމެ މުހިންމީ ކަމުގެ މާހިރުންގެ މަޝްވަރާއާ އެކު ދެމެހެއްޓެނިވި ބަދަލުތަކެއް ގެނައުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް