ރައީސްގެ ޖުޑީޝަލް ރިފޯމް ވިސްނުމަށް ކުރީގެ އުއްތަމަފަނޑިޔާރު ފާއިޒް ތާއީދުކުރައްވައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަލުން ޝަރުޢީ ދާއިރާގެ ދަށަށް ގެނައުމަށް ރައީސް ހުށަހަޅުއްވާފައިވާ އިސްލާހީ ބަދަލުތަކަށް، ކުރީގެ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ވަނީ ސޯޝަލް މީޑިއާގައި ތާއީދުކުރައްވާފައެވެ. މި ބަދަލުގެ ސަބަބުން ޝަރުޢީ ދާއިރާގެ އިދާރީ މިނިވަންކަން އަލުން ލިބިގެންދާނެކަމަށް ފާއިޒް ވިދާޅުވިއެވެ. ރައީސްގެ މި ނިންމެވުމަކީ ޖޭއެސްސީގެ ދަށުގައި ޑީޖޭއޭ އޮންނަ އޮތުން ނިމުމަކަށް ގެނެސް، ޖުޑީޝަލް ކައުންސިލް އަލުން އުފައްދައި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

  • ޑީޖޭއޭ ޝަރުޢީ ދާއިރާއާ ހަވާލުކުރަން ރައީސް ނިންމެވުމަށް ފާއިޒް ތާއީދުކުރެއްވުން.
  • މި ބަދަލުން ޝަރުޢީ ދާއިރާގެ އިދާރީ މިނިވަންކަން އިޢާދަވާނެކަމަށް ފާއިޒް ވިދާޅުވުން.
  • ޖުޑީޝަލް ކައުންސިލް އަލުން އުފެއްދުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ރައީސް ހުށަހެޅުއްވުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާންޖެހޭނީ އުއްތަމަ ފަނޑިޔާރަށް ކަމަށް ކަނޑައެޅުން.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަނބުރާ ޝަރުޢީ ދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ކުރީގެ އުއްތަމަފަނޑިޔާރު، އަހްމަދު ފާއިޒް ހުސެއިން މިއަދު ތާއީދުކުރައްވައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އަލުން އަނބުރާ ޝަރުޢީ ދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރައްވާކަން، ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ހާމަ ކުރެއްވީ ސޯޝަލް މީޑިއާގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ގާނޫނު އިސްލާހުކޮށް ޖޭއެސްސީން މަގާމު ގެއްލުވައިލި ކުރީގެ އުއްތަމަފަނޑިޔާރު ފާއިޒް ފޭސްބުކްގައި ވިދާޅުވީ، ޑީޖޭއޭ ޝަރުއީ ދާއިރާގެ ދަށަށް ގެނެވިއްޖެނަމަ، ޝަރުޢީދާއިރާގެ އިދާރީ މިނިވަންކަން އިޢާދަވާނެ ކަމަށެވެ.

"ޑީޖޭއޭ އަނބުރާ ޝަރުޢީދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރަމެވެ. ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ގާނޫނު އިސްލާހުކޮށް އެ މުއައްސަސާ ޝަރުޢީ ދާއިރާގެ ދަށަށް ގެނެވިއްޖެ ނަމަ، ޝަރުޢީ ދާއިރާގެ އިދާރީ މިނިވަންކަން އިޢާދަވެގެންދާނެއެވެ،"

ޖުޑިޝަރީ ރިފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮންޓްރޯލް ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އޮންނަ އޮތުމަށް އިސްލާހްގެންނެވުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ ހޯމަ ދުވަހުއެވެ.

ރައީސް ވިދާޅުވީ، ޖުޑީޝަލް ކައުންސިލް އަލުން ރީއިންސްޓޭޓްކުރެވޭނެ ގޮތަކަށް ޤާނޫނުތަކަށް އިސްލާޙު ގެނައުމާއި އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާތަނަކަށް ޑީޖޭއޭ ބަދަލުވުމާއި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލް އަދި ސުޕްރީމް ކޯޓުގެ އެންމެ އިސްފަނޑިޔާރު، އުއްތަމަ ފަނޑިޔާރަށް ކަމަށް ވުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅުބަދަލެއް ކަމަށް ދެކެވަޑައިގަންނަވާކަމުގައެވެ.

މީގެ ކުރިން، ޤާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކުން، ދަށުކޯޓުތަކުގެ އިސްފަނޑިޔާރަށްވުރެ އެޑްމިނިސްޓްރޭޓަރ ގެ ބާރު ގަދަކަމަށާއި، މިފަދަ ކަންކަމަކީ ޖުޑީޝަރީގެ ހިންގުމަށް އަސަރުކުރާކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިސްލާހީ ބަދަލުތަކެއް ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހަށް އަންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށާއި އެކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް