އެމެރިކާގެ ''ލައިހޫރޭ ޖަންގަލީގެ ސިޔާސަތު''ގެ ސަބަބުން ޗައިނާއަށް ބޮޑު ހައިރާންކަމެއް

ވޮޝިންޓަން ޕޯސްޓްގައި ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވާ ގޮތުގައި، އެމެރިކާއިން ގެންގުޅޭ އަމާޒެއްނެތް ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ޗައިނާގެ އިސްވެރިން ވަނީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. ޚާއްސަކޮށް އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައާއި، ޓެރިފްގެ މައްސަލަތަކުގައި އަމަލުކުރާ ގޮތްތަކަކީ ދުނިޔޭގެ ބޮޑު ބާރަކުން އަމަލުކުރާނެ ގޮތް ނޫންކަމަށް ޗައިނާއިން ދެކެއެވެ. މި ދަނޑިވަޅުގެ ފައިދާ ނަގައި، ޗައިނާއިން ދަނީ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުންނެވެ. އަދި އެމެރިކާ ފަދައިން ބޮޑު ޚަރަދެއްކޮށްގެން ދުނިޔޭގެ ފުލުހެއްގެ ދައުރު އަދާކުރަން ޗައިނާއިން ބޭނުން ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

  • އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި ހަރުދަނާކަމެއް ނެތުމުން ޗައިނާގެ ހައިރާންކަން
  • އީރާނާއެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެމެރިކާގެ އަމަލުތައް ހުރިގޮތް
  • ޓެކްނޮލޮޖީގެ ދާއިރާއިން ޗައިނާ ހޯދަމުންދާ ހަލުވި ކުރިއެރުން
  • ދުނިޔޭގެ ފުލުހެއްގެ ދައުރު އަދާކުރުމަށް ޗައިނާއިން ބޭނުންނުވާކަން

ބެއިޖިންގް (21 އެޕްރީލް 2026) : އެމެރިކާ އީރާން އާ ދެކޮޅަށް ހަނގުރާމަ ފެށި ގޮތާއި އެ ހަނގުރާމައިގައި އެމެރިކާ އަމަލުކުރަމުން ގެންދާ ގޮތާއި އާންމުކޮށް ދުނިޔޭގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތަކުގެ އޮއްޓަރެއް ނެތި ލައިހޫރެމުންދާ މަންޒަރު ފެންނާތީ ޗައިނާގެ މަސްއޫލުވެރިން ހައިރާންވެ އަންތަރީސް ވެފައިވާކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ "ވޮޝިންޓަން ޕޯސްޓް" ބުނެފިއެވެ.

އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ނޫސްވެރިއެއްކަމަށްވާ ފަރީދު ޒަކަރިއްޔާ ޗައިނާއަށް ކުރި ދަތުރަކަށްފަހު "ވޮޝިންޓަން ޕޯސްޓް"ގައި އޭނާ ލިޔުއްވާފައިވާ އާޓިކަލެއް ބުނާގޮތުން އެމެރިކާ ގެންގުޅޭ ސިޔާސަތުތަކުގައި އެއްވެސް އޮއްޓަރެއް ނެތި އަމާޒު ލައިހޫރެމުންދާ މަންޒަރު ތަކުރާރުކޮށް ފެންނަމުން ދިޔުމާއި އެމެރިކާ ފަދަ ބޮޑ ގައުމެއް ދުނިޔޭގައި ޖަންގަލީގެ ގާނޫނު ގެންގުޅެން ފެށުމުން ޗައިނާގެ މަސްއޫލުވެރިންވަނީ ވަރަށް ބޮޑަށް ހައިރާންވެފައެވެ.

އެމެރިކާ ގައުމުތަކާ ދެކޮޅަށް ޓެރިފްގެ ފިޔަވަޅުތައް އެޅުމުގައިވެސް އެއްވެސް ހަމައެއް ލަމައެއްނެތި އަމާޒު ލައިހޫރެމުންދާ ގޮތަށް އެކަންވެސް ކޮށްފައިވާ މަންޒަރު ވަނީ ފެނިފައެވެ.

ޗައިނާގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި އެމެރިކާގެ އަމާޒު ލައިހޫރޭ މަންޒަރު އެންމެ ބޮޑަށް ފެންނަމުންދަނީ އީރާން އާ ދެކޮޅަށް އެމެރިކާ ފަށައިގެން އުޅޭ ހަނގުރާމައިންނެވެ. ސުލްހައިގެ ވާހަކަތައް ދައްކަމުން ގެންދަނިކޮށް ޑިޕްލޮމަސީއަށް އެއްވެސް ބެލުމެއްނެތި ދެ ފަހަރު އީރާނަށް ހަމަލާދީ އިސްވެރިން މަރައި ކުޑަކުދިން މަރައި އެމެރިކާ ހިންގި އަނިޔާވެރި އަމަލުތަކަކީ ހަމަޖެހޭ އަދި ތަސައްރަފު ފުދޭ ގައުމަކުން ކުރާނެކަމެއް ނޫންކަމަށްވާތީ އެމެރިކާގެ އަމަލުތަކާމެދު ޗައިނާގެ މަސްއޫލުވެރިން ވަރަށް ބޮޑަށް ހައިރާންވެ ވަޑައިގެން ވާހަކަ ދެއްކެވިކަމަށް "ވޮޝިންޓަން ޕޯސްޓް" ގައި ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވެއެވެ.

ހަނގުރާމައާ ބެހޭގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް އާއި އެމެރިކާގެ ހަނގުރާމައާބެހޭ ވަޒީރު ފަދަ ބޭފުޅުން ދެއްވާ ހަރުކަށި ބަޔާންތަކަކީވެސް ތަސައްރަފު ފުދޭ ބޮޑު ގައުމެއްގެ މަސްއޫލުވެރިން ދެއްވާ ވަރަށް ވުރެ މާ ފެންވަރުދަށް ހެއްވާ ޒާތުގެ ފޭކު ބަޔާންތަކެއްކަމާއި އެކަމާމެދު ޗައިނާގެ މަސްއޫލުވެރިން ވަރަށް ބޮޑަށް ހައިރާންވެވަޑައިގަންނަވާކަމަށް ވެއެވެ. މިއީ ޓްރަމްޕް ހައްދަވާ ބޮޑެތި ދޮގުތަކަށް ޗައިނާގެ މަސްއޫލުވެރިން ކުރެއްވި އިޝާރާތެއްކަމަށްވަނީ ބެލެވިފައެވެ.

މީގެއިތުރުން އެމެރިކާގެ ސަބަބުން ނޭޓޯ ބަލިކަށިވެ ރޫޅޭ ހިސާބަށް ދިޔުމާއި ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގެ ނަމުގައި އެމެރިކާ ކޮށްފައިވާ ކަންކަމުގެ ފޭކުކަމާމެދުވެސް ޗައިނާގެ މަސްއޫލުވެރިން ހައިރާންވެ ވަޑައިގެންނެވިކަމަށް ވެއެވެ.

ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވާ ގޮތުގައި ޗައިނާ ގެންދަނީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭ ގޮތާއި ދިފާއުގައި އީރާން އަޅާ ފިޔަވަޅުތައް ވަރަށް ގާތުންބަލައި މިކަންކަން ދިރާސާކުރަމުންނެވެ. އަދި އެމެރިކާ އީރާން އާއެކު ހަނގުރާމައިގާ ތާށިވެފައިވާ މިދަނޑިވަޅުގައި ހައިޓެކްގެ ދާއިރާއިން ޚާއްސަކޮށް އިލެކްޓްރޯނިކް ޗިޕްސް އާއި ސެމިކޮންޑަކްޓާސް ގެ ޓެކްނޮލޮޖީގައި ޗައިނާ ގެންދަނީ ކުރިޔަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންކަންވެސް ފަރީދު ޒަކަރިއްޔާ ހާމަކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޗައިނާ ގިނަ ދާއިރާތަކުގައި އެމެރިކާގެ މައްޗަށް ކުރިހޯދީ ނޫނީ އެމެރިކާއާ ފައިހަމަކުރީ އަފްޣާން ހަނގުރާމައިގާ އެމެރިކާ ތާށިވެފައި އޮތް ވިއްސަކަށް އަހަރު ތެރޭގައެވެ.

ޗައިނާގެ މަސްއޫލުވެރިންނާ ހަވާލާދީ ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވާ ގޮތުގައި އެމެރިކާ ގޮތަށް ދުނިޔޭގެ ފުލުހެއްގެ ބައި އަދާކޮށް ދުނިޔޭގެ ކަންކަމުގެ ޒިންމާ ނަގާކަށް ޗައިނާ އަދިވެސް ބޭނުމެއް ނުވެއެވެ. އެއީ އެކަމުގެ ޚަރަދުތައް ބޮޑުކަމުންނެވެ.

މިސާލަކަށް ދުނިޔޭގައި ހަންފަތުރައި ނުފޫޒާއި ބާރު ހިންގުމަށް އެމެރިކާ 750 އަށް ވުރެގިނަ އަސްކަރީ ބޭސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވެއެވެ. މި ބޭސްތައް ހިންގުމަށް އެމެރިކާއަތުން އަހަރަކު 380 ވަރަކަށް ބިލިޔަން ޑޮލަރު ޚަރަދުކުރަންޖެހޭއިރު އެމެރިކާ ދަރަނީގެ ދަންތުރާގައި ޖެހިފައިވާ މައިގަނޑު ސަބަބުތަކަކީވެސް ދުނިޔޭގެ ފުލުހެއްގެ ބައި އަދާކޮށް ހަންފެތުރުމަށް ކުރަންޖެހޭ ޚަރަދުތަކެވެ.

އެމެރިކާ ގޮތަށް މިކަން ކުރަން ޗައިނާ ބޭނުންނުވާކަން ޗައިނާގެ މަސްއޫލުވެރިންގެ ވާހަކަތަކުން ދޭހަވާކަމަށް ވެސް ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވެއެވެ.

އެމެރިކާ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއަށް ގޮވާފައި އެއާ މުޅިން ޚިލާފަށް އަމަލުކުރާތީ އެމެރިކާ ދުނިޔޭގެ ކުރިމަތީގައި ބޭޒާރުވަމުންދިޔުމާއި އެމެރިކާގެ އިހުތިރާމް ދުނިޔޭގައި ގެއްލެމުންދާ މިންވަރު އަވަސް ވުމަކީވެސް ޗައިނާއަށް ހައިރާންކަން ގެނުވިކަމެއްކަމަށް ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު