ފެންވަރައިގެން ނުކުމެ ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނު ވަގުތު، އިޒީގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. އިޒީ ލޯ މަރާލީ، އެ ތަދު ނިތްކުރިމަތިން ތިރިއަށް ފައިބާހެން ހީވުމުންނެވެ. ތެމިފައިވާ އިސްތަށިގަނޑުގައި އަތް ހިންގައިލި ވަގުތު އިޒީގެ ހަނދާނަށް އައީ މީގެ ފަނަރަ ވަރަކަށް އަހަރު ކުރީގެ ހާދިސާއެކެވެ.
ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި އިޒީ ދުވަމުން ދިޔައިރު، ލައިގެން ހުރި ޔުނީފޯމު ވަނީ ތެމި ފޯވެފައެވެ. އަނދިރިކަން ވެރިވެފައިވާ ގޯޅިތެރެ ފަޅެވެ. ދުއްވާ އެއްޗެއް ނެތެވެ. އިޒީގެ ފަހަތުން މީހަކު ދުވަމުން އައީ ވަރަށް ބާރަށެވެ.
********
އިޒީއަށް ވިސްނައިލާނޭ ފުރުސަތެއް ނުލިބުނެވެ. ބާރު ސްޕީޑުގައި ކުރިމަތިން އައި ކާރު ގޯޅިއަށް އެޅި ވަގުތު، އިޒީގެ ގައިގައި ޖެހިފައި އޭނާ ދުރަށް ވިއްސައިގެން ދިޔައެވެ.
އިޒީގެ އަނގައިން ބޭރުވީ ވޭނީ އާހެއްގެ އަޑެވެ. ދެލޮލުގެ ކަޅި ފިޔަވައި ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ހަރަކާތެއް ނުކުރިއެވެ. ލައިގެން އޮތް ހުދު ޔުނީފޯމު ލެއިން ފޯވިއެވެ. ވާރެއާއި އެކުވެގެން ދެމެމުންދިޔަ ލޭގެ ކޯރު، މުޅި ހިސާބަށް ފެތުރެން ގިނައިރެއް ނުނެގިއެވެ. ދެލޯ މެރެމުންދިޔަ ވަގުތު، ކާރުގެ ޑްރައިވަރު ޝީޓުގެ ދޮރު ހުޅުވުނު ތަން އިޒީއަށް ފެނުނެވެ. ކާރުން ފޭބީ އިޒީއެކޭ އެއް އުމުރެއްގެ ފިރިހެން ކުއްޖެކެވެ.
ކުއްލިއަކަށް އިޒީއަށް ލޯ ހުޅުވައިލެވުނެވެ. އޭނާ ހުރީ އަމިއްލަ ކޮޓަރީގައެވެ. ފެންވަރައިގެން ނުކުތްގޮތަށް ލޯގަނޑުގެ ކުރިމަތީގައެވެ. އިޒީ އަވަސް އަވަހަށް ތުވާލި ހިއްލައިލިއެވެ. އޭނާގެ ފައިގައިވާ ބޮޑު ލަކުނަކީ މާޒީގެ އެ ހާދިސާއިން ލިބުނު އަނިޔާގެ ނިޝާނެވެ.
"ހޫ އިޒް ދެޓް؟..." ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން އިޒީއަށް އަމިއްލަ ނަފުސާއި ސުވާލުކުރެވުނީ، މާޒީގެ ހާދިސާ ހިތަށް ސިފަކުރަމުންނެވެ.
********
"އަހަންނަށް އެނގޭ ކާކު ކަން.." ސާރާ ދެއްކި ރިޕޯޓު ފެނުމުން ޝިފްލީންގެ ހިތަށް އައީ އެންމެ ނަމެކެވެ.
"ކާކު؟..." ޖަވާބު އެނގޭ ހާލުގައިވެސް ސާރާއަށް އަހައިލެވުނީ ޔަގީންކުރަން ބޭނުންވުމުންނެވެ.
"ދޭ ދޭ... ގޮސް ސުކުރު އަދާކުރޭ..." ސާރާގެ އަތަށް ރިޕޯޓު ދެމުން ޝިފްލީން އިޝާރާތްކުރީ އިޒީގެ ކެބިންއަށެވެ.
ސާރާ ހުރީ ޖެހިލުންވެފައެވެ. ދެ ހިޔާލެއްގައި ހުރެފައި އޭނާ އިޒީގެ ކެބިންއަށް ވަނެވެ. ސާރާ މޭޒު ކައިރީގައި ހުއްޓުމުންވެސް އިޒީ ބަލައެއް ނުލައެވެ. އޭނާ އިނީ ކޮންޕިއުޓަރުން އެއްޗެއް ލިޔާށެވެ. އިޒީ އެއްޗެއް ބުނޭތޯ ސާރާ އިރުކޮޅަކު މަޑުކުރިއެވެ.
"މި ރިޕޯޓު..." ސާރާ ވަރަށް ނުކެރި ހުރެފައި ވާހަކަ ދައްކަން ފެށިއެވެ.
"ނޯ..." ސާރާ ސުވާލު ކުރުމުގެ ކުރިން އިޒީއަށް ޖަވާބު ދެވުނެވެ. ކުރެވުނު މޮޔަ ކަންތައް އިހުސާސްވުމުން، އިޒީއަށް އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ.
"އޯކޭ..." ސާރާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ރިޕޯޓު ތައްޔާރުކުރީ އިޒީކަން އޭނާއަށް ކަށަވަރުވިއެވެ.
"ތޭންކް ޔޫ..." ސާރާ މަޑުމަޑުން ބުނެލިއެވެ. "ތޭންކް ޔޫ ސޯ މަޗް..."
އިޒީގެ އިނގިލިތަކުގެ ހަރަކާތް ހުއްޓުނެވެ. މުޅި ހަޔާތުގައިވެސް މީހަކު އޭނާއަށް ޝުކުރު އަދާކުރި އެއީ ފުރަތަމަ ފަހަރެވެ. މުޅީންވެސް އިޒީއަށް އިވިފައި ހުރީ، އޭނާގެ ނުބައި ސިފަތަކުގެ ވާހަކަ މީހުން ދައްކާ އަޑެވެ. ސާރާގެ ޖުމުލައިން އިޒީގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ.
ރިޕޯޓު ހިފައިގެން ނުކުތްއިރު، ސާރާ ހުރީ ފެންކަޅިވެފައެވެ. ކުރިން އޭނާ ހީކުރީ އިޒީއަކީ ކިބުރުވެރި، ބޮޑާ މީހެއް ކަމަށެވެ. އެކުގައި މަސައްކަތް ކުރަން ފޫހިވިއެވެ. އެހެނަސް، އޭނާއަށް މުހިއްމު ކަމެއް ޖެހުނު ދުވަހު، އެހީތެރިކަން ލިބުނީ އެންމެ ހީނުކުރާ، ފޫހިވި މީހާގެ ފަރާތުންނެވެ. އިޒީގެ އެންމެ އަމަލަކުން އެކަނިވެސް އޭނާ އެހެން މީހުންނަށް ދޭ އަހަންމިއްޔަތުކަން ސާބިތުކޮށްދީފިއެވެ.
"ނޮޓް އަ ގުޑް ލަޔަރ..." ސާރާ ނުކުތް މަންޒަރު ބަލަން އިން ޔައިލް ތެދުވެގެން ގޮސް އިޒީގެ ކުރިމަތީގައި އިށީނެވެ. "ސަތޭކައަކުން ސުމެއް ޕޮއިންޓް ސުމެއް ސުމެއް އެކެއް..."
އިޒީ ދެލޯ ހަނިކޮށްލިއެވެ.
"ދެން ފަހަރަކުން، މީހަކަށް ހެލްޕެއް ދީފަ، ކުޑަކޮށް ރޫޑްކޮށް ވާހަކަ ދައްކާލާ... އޭރުން އެކްޓިންގްއަށް ފަންސާސް ޕަސެންޓް ލިބިދާނެ..." ޔައިލް ސަމާސާކުރިއެވެ.
"ޓޯކިންގް ޓޫ މަޗް..." އިޒީ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ފާހަގަވެއްޖެދޯ..." ޔައިލް އެއްބަސް ނުވާކަށް ނޫޅެއެވެ. "ވަރަށް ސްޕެޝިއަލް މީހުންނަށް އެކަން ފާހަގަވާނީ..."
"ނުވޭ ފާހަގައެއް..." އިޒީ ދެކޮޅު ހެދިއެވެ.
"އެހެންވެއެއްނު ތި ބުނީ ގިނައިން ވާހަކަ ދައްކާ ވާހަކަ..." ޔައިލްގެ ކައިރިއަށް ހިނިއައެވެ.
އިޒީ ދެބުމަ ގޮށްޖަހައިލަމުން ޔައިލްއަށް ބަލައިލިއެވެ. ޔައިލްވެސް އިނީ އިޒީއަށް ބަލާށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ޔައިލްގެ ތޫނު ދެލޮލުގެ ތެރެއަށް ގެނބެމުންދިޔަ ވަރަކަށް އިޒީގެ އިހުސާސްތައް ބަދަލުވަމުން ދިޔައެވެ. ރުޅި ފިނިވިއެވެ. ރުޅި އަންނަން ބޭނުންވިޔަސް އިޒީގެ ނަފުސު އެކަމަށް ދެކޮޅު ހަދަނީއެވެ. އަމިއްލަ ނަފުސުގެ މައްޗަށް އެހެން އިހުސާސެއް އުފަންވަނީއެވެ. އެއީ ނުރައްކަލެކެވެ.
އިޒީ ފުންމައިގެން ތެދުވިގޮތުން، ޔައިލް ދިޔައީ ސިއްސައިގެންނެވެ.
"މި ހުރިހާ ފައިލެއް މިއަދު ދޭއް ޖެހުމުގެ ކުރިން ޗެކުކޮށް ނިންމާތި!..." މޭޒުމަތީގައި ހުރި ފައިލުތައް ޔައިލްގެ ކައިރިއަށް ޖައްސައިލަމުން އިޒީ ބުނެލިއެވެ.
"ހުރިހާ ފައިލެއް؟..." ޔައިލް ދެލޯ ބޮޑުކޮށްލިއެވެ.
"ނުނިންމައިފިއްޔާ، މާކްސް ކަނޑާނަން..." އިޒީ މަސައްކަތްކުރީ އަޑަށް ހަރުކަށިކަން ގެންނާށެވެ. "ޕްރޮބޭޝަން މުއްދަތު ހަމަނުވަނީސް...."
ކެބިންގެ ދޮރުގައި ޓަކި ޖަހައިލާފައި ޝިފްލީން އެތެރެއަށް ވަނެވެ. އިޒީ އޭނާ ދައްކަން އުޅުނު ވާހަކަ މެދުކަނޑައިލިއެވެ. ޔައިލްގެ މޫނުން، ކޮޅަށް ހުރި އިޒީގެ މޫނަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. ދެމީހުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފިކަން ޝިފްލީން ދެނެގަތެވެ. ޔައިލް އަވަހަށް ފައިލުތައް ހިފައިގެން އޭނާގެ މޭޒު ކައިރިއަށް ދިޔައެވެ. އިޒީވެސް ނޫންކަމަށް ހަދައިލާފައި ގޮނޑީގައި އިށީނެވެ.
"ބައްދަލުކޮށްލަން މީހަކު އައިސް އެބަހުރި... ސަޅި ބިޓެއް..." ޝިފްލީން ފަހު ޖުމުލަ ބުނީ ތަންކޮޅެއް ބާރަށެވެ. އޭނާގެ މަގުސަދަކަށްވީ ޔައިލްއަށް އެ އަޑު އިއްވައިލުމެވެ.
"ކޮބާ އޭނަ؟... މީޓިންގް ހޯލުގަތަ؟.." އިޒީ ފުންމައިގެން ތެދުވިއެވެ.
ޔައިލްގެ ކައިރިން ސަލާމަތްވާން ބޭނުންވެފައި ހުރި އިޒީއަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފިއެވެ. އަވަހަށް ކެބިންއިން ނުކުތެވެ.
ބައްދަލުވުން ބާއްވާ ހޯލަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު، އިޒީގެ ހަރަކާތް ހުއްޓުނެވެ. ކުޑަދޮރުގެ ކައިރީގައި ހުރީ އިސްކޮޅުން ދިގު ޒުވާނެކެވެ. އިޒީގެ ނަޒަރު އޭނާގެ މުޅި ހަށިގަނޑަށް ދަތުރުކޮށްލިއެވެ. އޭނާ ލައިގެން ހުރި އަތްދިގު ހުދު ގަމީސް ކަޅު ފަޓުލޫނުގެ ދަށަށް ޖަހައި، ޓައީ އަޅާފައި ހުރުން ރަމްޒުކޮށްދިނީ، އޭނާ އަދާކުރަނީ އާދައިގެ ވަޒީފާއެއް ނޫންކަމެވެ. ދެޖީބަށް އަތް ޖަހައިގެން ހުރިއިރު، ފުރަގަހުންވެސް އޭނާ ފެންނަނީ ނުހަނު ފިރިހެންވަންތަކޮށެވެ. ބާމަތި ފުޅާ ހަށިގަނޑެކެވެ. ކަސްރަތުކޮށް އެ ހަށިގަނޑު ރީތިކޮށް ބަލަހައްޓަމުންދާކަމުގެ އެތައް ހެއްކެއް ފެންނަން ހުއްޓެވެ.
ދޮރު ހުޅުވައިލި އަޑު އިވުމުން، ޒުވާނާ މަޑުމަޑުން ފަސްއެނބުރުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމުން، އޭނާ އިޒީއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
"މިސް އިޒީ؟..." ޒުވާނާ ސުވާލުކުރުމުން، އިޒީ ބޯ ޖަހައިލިއެވެ.
"އިށީންނަވާ..." ގޮނޑިއަށް އިޝާރާތް ކުރަމުން އިޒީ އެދުނެވެ.
"ރިޝާން..." އިށީނުމުގެ ކުރިން، ރިޝާން އޭނާގެ ކާޑު މޭޒުމަތީގައި ބާއްވާފައި އިޒީގެ ކައިރިއަށް ޖައްސައިލިއެވެ.
އެއީ އޭގެ ކުރިން އިޒީ އަޑުއެހި ނަމެއް ނޫނެވެ. ދަންނަ މީހެއްވެސް ނޫނެވެ. އެހެނަސް، އެ އަޑު އިވުމުން، އިޒީގެ ހިތަށް އުނދަގޫ ގޮތެއް ވިއެވެ.
"އަޑުއެހިން ވަރަށް ބޮޑެތި ކޭސްތައް ހޭންޑްލް ކުރާ ވާހަކަ..." ރިޝާން ވާހަކަ ފެށީ ދުރުދުރުންނެވެ.
"ޔެސް..." އިޒީ އެއްބަސްވިއެވެ.
"ކިތަންމެ ޕްރެޝަރ ވާ ކަހަލަ ކަމެއް ވިޔަސް؟... ނޫނީ ކޭސްއެއް ވިޔަސް؟..." ރިޝާން ބޭނުންވީ ޔަގީންކުރާށެވެ.
"އަމިއްލަ ނަފުސަށް އެހާ ފަސޭހައިން ކޮންޓްރޯލެއް ނުގެއްލޭނެ..." އިޒީގެ އަޑުގައިވީ ޔަގީންކަމެވެ.
"ރިއަލީ؟..." ރިޝާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
ރިޝާންގެ ރާގު ހުރިގޮތް އިޒީއަކަށް ކަމަކު ނުދިޔައެވެ. ރަސްމީ ކަމެއްގައި އަންނަ މީހަކު އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ، އިޒީއަށް ބަލައިގަނެވޭ ކަމަކަށް ނުވިއެވެ.
"އެއްވެސް މައްސަލައެއް އުޅެނީތަ؟..." ހިތްހަމަނުޖެހުނު ނަމަވެސް އެކަން ފޮރުވަން މަސައްކަތް ކުރަމުން، އިޒީ އަހައިލިއެވެ.
"ނޫނޭ... ހަމަ ކިއުރިއަސްވީ..." ރިޝާން ޖަހައިލީ ލުއި ހިނިގަނޑެކެވެ. "އުނދަގޫވާ ކަހަލަ ކަމެއް ކުރެވުނިއްޔާ ވަރަށް ބޮޑަށް ސޮރީ..."
ދެމީހުންގެ ދެމެދަށް ވެރިވީ ހިމޭންކަމެވެ. އިޒީ އިސްކަންދިނީ މަސައްކަތަށެވެ. ރިޝާން ގެނައި ފައިލުތަކުން ފައިލެއް ބަލައި ނިންމާފައި، އިޒީ އެ ފައިލު ލައްޕައިލިއެވެ.
"މި ކޭސްގަ..." އިޒީ އެއްޗެއް ބުނަން އުޅުނެވެ.
"އަހަރެމެން ކުރިން ބައްދަލުވިތަ؟... އެއްވެސް އިރަކު؟..." ކުރަން އައި ކަންތަކަށްވުރެ ބޮޑަށް ރިޝާންގެ ސަމާލުކަން އެހެން ކަމަކަށް ހުއްޓިފައިވާ ކަހަލައެވެ.
"ނޯ..." އިޒީ ވަގުތުން ދެކޮޅު ހެދިއެވެ.
ގޮނޑީގައި ލެނގިލިއިރިވެސް ރިޝާންގެ ނަޒަރު ހުއްޓިފައިވީ އިޒީގެ މޫނަށެވެ. އިޒީގެ މޫނުން އޭނާ ކަމެއް ހޯދަން މަސައްކަތްކުރާ ކަހަލައެވެ. އެއްކަމުން ސަލާމަތްނުވެ، އަނެއް ކަމެއް ލައިގަތުމުން، އިޒީ އިނީ ބޯގޮވާވަރު ވެފައެވެ.
ބައްދަލުވުން ބާއްވާ ހޯލުގެ ބޭރުގައި ހުރި ޔައިލްގެ ނަޒަރު ހުއްޓިފައިވީ، އެތެރޭގައި ތިބި އިޒީ އާއި ރިޝާނަށެވެ. ވަށައިގެން ބިއްލޫރި ޖަހާފައި ހުރުމުން، ބޭރުގައި ތިބޭ ބަޔަކަށް ހޯލުގެ އެތެރެ ރީތިކޮށް ފެނެއެވެ. ރިޝާންގެ ނަޒަރު އިޒީއަށް ހުއްޓިފައިވާގޮތް ޔައިލްއަކަށް ކަމަކުނުދިޔައެވެ.
"ތިހުރީ ފާޑަކަށް ޖެލަސްވެފަ ދޯ؟.... އެ ދެމީހުން ތިބީމަ..." ރިއުމާނުގެ އަޑަށް ޔައިލް ސިހުނެވެ.
ރިއުމާނު ފެނުމުން، ހިނިތުންވެލިޔަސް، އޭނާ ކުރި ސުވާލަށް ޔައިލް ވަކި ޖަވާބެއް ނުދެއެވެ.
"މީހުން ކިޔާތީ އަޑުއެހިން ޑީސެންޓްކޮށް ހުއްޓަސް ރިޝާނަކީ ވަރަށް ކަޑަ މީހެކޭ..." ރިއުމާން ބުނެލިއެވެ. "ކީއްކުރަންބާ، އިޒީއާ މީޓްކުރަނީ؟..."
ޔައިލް ދެންވެސް އެއްޗެއް ނުބުނެއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ އިޒީއަށެވެ.
"ހުރިހާ ކަމެއް އެނގުނީމަ އަދިވެސް ތި ސެކްޝަން ދޫކޮށްފަ އެހެން ތާކަށް ބަދަލުވާ ވިސްނުމެއް ނެތްތަ؟..." ރިއުމާން ހުރީ، ޔައިލްގެ ނިންމުން ކަމުނުގޮސްފައެވެ. "އެމަންޖެގެ ގޮތްވެސް ދެން މިހާރު ބުނެދީފީމެއްނު... އެވަރުންވެސް އަދިވެސް އެމަންޖެ ކައިރީ ހުންނަންތަ ބޭނުންވަނީ؟.."
"މީހެއްގެ ވާހަކަ ދައްކާއިރު ދައްކަންވާނީ ވަރަށް ރަނގަޅަށް އެމީހެއްގެ ހަގީގަތް އެނގިގެން..." ޔައިލް ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
"އެންމެނަށްވެސް އެނގެޔޭ އޭނަގެ ގޮތް... އެހެންވެ މި ބުނީ..." ރިއުމާން ދުލެއް ނުކުރިއެވެ.
ޔައިލްގެ އަތް މުށްކެވުނެވެ. އެހެނަސް، އޭނާ އިތުރު އެއްޗެއް ނުބުނެއެވެ.
*********
"އެންމެ ރަނގަޅު... އަހަރެން މި ކޭސް ހޭންޑްލް ކުރާނަން..." އިޒީ ފައިލު ލެއްޕިއެވެ.
ރިޝާން މަޑުމަޑުން ބޯ ޖަހައިލިއެވެ. އިޒީ ތެދުވިއެވެ. ހޯލުން ނުކުންނަން ހިނގައިގަތެވެ.
"ވަރަށް ބަލައިގެން އުޅެއްޗޭ!..." ރިޝާން ބުނެލިއެވެ.
ފަސްއެނބުރި ބަލައިލިއިރު، އިޒީގެ ހިތުގައި ސުވާލުތައް ފުނިޖެހިއްޖެއެވެ.
(ނުނިމޭ)