ރަޝިއާގެ ކްރިޕްޓޯ ނިޒާމާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އަދި ކިރްގިސްތާނުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްރިޕްޓޯ އެކްސްޗޭންޖް 'ގްރައިނެކްސް' އަށް ދިން ވަރުގަދަ ސައިބަރ ހަމަލާއެއްގައި އެއް ބިލިއަނަށްވުރެ ގިނަ ރޫބަލް (ގާތްގަނޑަކަށް 13.4 މިލިއަން އެމެރިކާ ޑޮލަރު) ވަގަށް ނެގުމާ ގުޅިގެން އެ ޕްލެޓްފޯމުގެ ޓްރޭޑިން އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ.
އެ އެކްސްޗޭންޖުން ހާމަކޮށްފައިވާ ގޮތުގައި މި ފައިސާތައް ނަގާފައިވަނީ 54 އެޑްރެހަކުންނެވެ. އަދި މި ހަމަލާގައި ބޭނުންކޮށްފައިވާ އާދަޔާޚިލާފު ޓެކްނޮލޮޖީއާއި ވަސީލަތްތަކަށް ބަލާއިރު، މިއީ ދުޝްމަނު ގައުމުތަކުގެ ޖާސޫސީ އިދާރާތަކުގެ އަތެއް ވާކަމުގެ ނިޝާންތައް ފެންނަ ހަމަލާއެއްކަމަށް އެ ކުންފުނިން ތުހުމަތުކުރެއެވެ.
މި ހާދިސާއާ ގުޅިގެން ގްރައިނެކްސް އިން ވަނީ ކަމާބެހޭ ހުރިހާ މައުލޫމާތެއް ފުލުހުންނާ ހިއްސާކޮށް، ކުންފުނީގެ ސާވަރުތައް ގާއިމުކޮށްފައިވާ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް ޖިނާއީ މައްސަލައެއްވެސް ހުށަހަޅާފައެވެ. ނަމަވެސް، ހުޅަނގުގެ ގައުމުތަކުން މިހާރުވެސް ފާރަލަމުންދާ މި އެކްސްޗޭންޖަކީ، ރަޝިއާއިން ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ބޭނުންކުރާކަމަށް ތުހުމަތުކުރެވި ކުރިން ބްލެކްލިސްޓުކޮށްފައިވާ 'ގެރަންޓެކްސް' ގެ އޮޕަރޭޝަންތައް ކުރިއަށްގެންދާ އާ ނަން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ގަވާއިދާ ހިލާފު މާލީ މުއާމަލާތްތަކަށް މަގުފަހިކޮށްދޭކަމަށް ބުނެ 2022 ވަނަ އަހަރު އެމެރިކާއިންނާއި ފަހުން އީޔޫއިން ވެސް ގެރަންޓެކްސް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.
އެ ޕްލެޓްފޯމުގެ މަސައްކަތްތައް އެއްކޮށް ހުއްޓުމަކަށް އައީ 2025 ވަނަ އަހަރުގެ މާޗު މަހު، ޓީތާ އިން އެ އެކްސްޗޭންޖާ ގުޅުންހުރި 27 އާއި 28 މިލިއަން ޑޮލަރާ ދެމެދުގެ ޔޫއެސްޑީޓީ ފްރީޒް ކުރުމާ ގުޅިގެންނެވެ.
މި ހެކްއާ ގުޅޭގޮތުން ގްރައިނެކްސްގެ ތަރުޖަމާނަކު ވިދާޅުވީ، ފެށުނީއްސުރެ އެ އެކްސްޗޭންޖުގެ ނިޒާމުތަކަށް ހަމަލާތައް އަމާޒުވަމުންދާ ކަމަށެވެ. އަދި ސީއައިއެސް ސަރަހައްދުން ބޭރަށް ކްރިޕްޓޯ ފޮނުވުމަށް ހުރަސްއެޅުމަށް ރޭވިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، އެކްސްޗޭންޖު ސޭންކްޝަން ލިސްޓުތަކަށް ލައި މުއާމަލާތްތައް ބްލޮކްކުރުމަށްފަހު، މިހާރު މި ފެންނަނީ އެތެރޭގެ މާލީ ދާއިރާ ބަލިކަށިކޮށްލުމަށް ކުރާ މަސައްކަތްތައް މުޅިން އާ ހަރުފަތަކަށް ގޮސްފައިވާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ކްރިޕްޓޯ މާކެޓަށް އޮތް ނުރައްކާ ބޮޑުވަމުން އަންނަކަން ހާމަވާގޮތަށް، މި ހަފްތާގެ ކުރީކޮޅު 'ހެކެން' އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެބް3 އަށް ދިން ހަމަލާތަކުގައި 482 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވެއެވެ.
ގްރައިނެކްސްއަށް ދިން މި ހަމަލާއަކީ ކްރިޕްޓޯ ޕްލެޓްފޯމުތަކަށް އަމާޒުކޮށްދޭ ސައިބާ ހަމަލާތައް ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އަންނަކަމުގެ ހެއްކަކަށްވާއިރު، މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު މިހާރަށްވުރެ ހަރުދަނާ ކުރުން ވަނީ އިންތިހާއަށް މުހިންމުވެފައެވެ.