"އޭ ޣައްސާން [ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން] ވެސް އިސްތިއުފާ ދިނީތަ؟"
ރައްޓެއްސަކު ފޯނުކޮށްފައި ސުވާލުކުރަން ފަށައިފިއެވެ. އެއީ، 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ވީމާ، އެހާ ބާރުގަދަ ބޭފުޅެއް އިސްތިއުފާދެއްވީމާ އޭނާ ވެސް ހައިރާންވީއެވެ. އޭރު އަދި އަންގާރަ ދުވަހުގެ މެންދުރު އަރަން ފެށި ލޮޅުން މުޅިއަކުން ނުނިމެއެވެ.
"ޣައްސާން ވެސް ހުންނެވީ ތިޔަހާ ސަޕްރައިޒްވެފައި،" ފޯނު ކުރުކޮށްލީމެވެ.
އަންގާރަ ދުވަހު ހެނދުނު ބެގީކޮށްގެން އޮފީހަށް ދިޔައިރު އެ މިނިސްޓަރުންނަކަށް ވެސް އެއީ ފަހު ދުވަސްކަމެއް ނޭނގެއެވެ. ގިނަ މީހުންނެކޭ އެއްގޮތަށް އެ ބޭފުޅުންނަށް ވެސް އެއީ ފަހު ދުވަސްކަން އެނގުނީ ރަސްމީ މަސައްކަތަށް ނުކުތް ފަހުންނެވެ.
"މިނިސްޓަރުންނަށް ވަރަށް ބޮޑު ސަޕްރައިޒަކަށްވީ. ކުރިން އެ ބޭފުޅުންނަށް ޑިސްކަސްކޮށްފައި ގެނައި ބަދަލެއް ނޫން އެއީ،" މި ސަރުކާރުގައި އަދިވެސް ބާރުގަދަ މަޖިލީސް މެންބަރަކު ކިޔައިދެއްވިއެވެ.
އެއީ ތެދެކެވެ. ކުއްލިއަކަށް އެރި ބޮޑު ލޮޅުމުން އާންމުން 'ސަޕްރައިޒް'ވި މިންވަރަށް ވުރެ ބޮޑަށް މިނިސްޓަރުން ހައިރާންވެ ކަންތައް ބޮޑުވިއެވެ. ޑިފެންސް މިނިސްޓަރު ޣައްސާން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ފަދަ ބޭފުޅުން ވެސް ތިއްބެވީ އެއްވެސް ވަރަކަށް އެ ކަމަށް އުންމީދުކޮށްގެންނެއް ނޫނެވެ.
ކުއްލިއަކަށް، ކީއްވެ؟
އަންގާރަ ދުވަހު ފުލުފުލުގައި ވަކިކުރެއްވި ނުވަތަ އިސްތިއުފާދެއްވި މިނިސްޓަރުންނަށް އެގޮތަށް އެކަން ކުރަން އެންގެވީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ބޭފުޅުން ވަކިކުރަން ނިންމެވި ސީދާ ސަބަބެއް އެ ބޭފުޅުންނަށް ވެސް މާ ސާފު ކަމަކަށް ނުފެނެއެވެ.
އެ ދުވަހު އިސްތިއުފާދެއްވި މިނިސްޓަރުން:
- ފޮރިން މިނިސްޓަރު ޑރ. ޚަލީލް
- ޑިފެންސް މިނިސްޓަރު ޣައްސާން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާޙިމް
- ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް
- ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
- ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
- ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މި ވަރުގެ ބަދަލެއް އަތުވެއްޖެ ނަމަ، އެ ވީގޮތް ސާފުކުރަން ރައްޔިތުން ބޭނުންވާނެއެވެ. މިސާލަކަށް، ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު އަދި، ރާއްޖޭގެ ކޮންޓެކްސްޓްގައި ޓޫރިޒަމް މިނިސްޓަރު ވެސް ހިމެނޭހެން އެ ބާރުގަދަ ތިން މަގާމަށް އެކަނި ވެސް އެ ގެނައި ކިހާ ބޮޑު ބަދަލެއް ހެއްޔެވެ؟
އަމުދުން ޖުމުލަ 20 ބޭފުޅުން ތިއްބެވި ކެބިނެޓުގެ ދެބައިކުޅަ އެއްބައި އިސްތިއުފާ ދެއްވުމަކީ އާދައިގެ ކަމެއް ހެއްޔެވެ؟ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖޫން 29، 2010 ގައި މުޅި ކެބިނެޓު ލައްވާ އިސްތިއުފާދެއްވިތަން ދުއް މީހުންނަށް އާ ކަމަކަށް ނުވެދާނެއެވެ. އެކަމަކު، އެންމެން ވެސް ކުރަނީ އެއް ސުވާލެކެވެ. މިވީ ކިހިނެއް ހެއްޔެވެ؟
ރައީސް އޮފީހުން ރަސްމީކޮށް ބުނީ، އެއީ "ރައްޔިތުންގެ ވިންދާ އެއްގޮތަށް" ސަރުކާރު ހިންގަވަން ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކެބިނެޓުގެ 10 ބޭފުޅުން ދެއްވި އިސްތިއުފާއެއް ކަމަށެވެ. ބައެއް މިނިސްޓްރީތައް އުވާލައި، އަނެއް މިނިސްޓްރީތަކާ އެއްކޮށްލައި، މިހާރު ކެބިނެޓުގައި ތިއްބެވީ 15 ބޭފުޅުންނެވެ.
އިސްލާހީ ބަދަލުތަކެއް؟
އެކިއެކި މިނިސްޓްރީތަކުގައި ތިއްބެވި 500 ސިޔާސީ މުވައްޒަފުން ވަކިކުރަން އާ ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ތެދެއް ނަމަ، ވަރަށް ރަނގަޅެވެ. އެކަމަކު، ސަރުކާރުން ރަސްމީކޮށް އެ ފަދަ އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ކެބިނެޓުގެ ނިންމުންތައް އާންމުކުރަން ހެދި ވެބްސައިޓު ވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އަދާހަމަ ނުކުރާތީ ވާނުވާއެއް ނޭނގެއެވެ.
ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ސްޓޭންޑަށް ވޯޓުދިނީ އެންމެ 31 އިންސައްތަ މީހުންނެވެ. ބާކީ، 69 އިންސައްތަ މީހުން ގަބޫލުކުރަނީ ދެ އިންތިޚާބު އެއްކޮށްލުން ބުއްދިވެރި ނޫން ކަމަށެވެ.

އަންގާރަ ދުވަހު އިސްތިއުފާދެއްވި 10 ބޭފުޅުން: މިއީ ކުއްލި ބަދަލެއް -- ފޮޓޯ/ ރައީސް އޮފީސް
އެއީ، އިންތިޚާބުތައް އެއްކުރުމާ މެދު ނެގި ވޯޓެއް ނަމަވެސް ދައުރުގެ މެދާ ހަމައިން ނަގާ އެފަދަ ވޯޓެއްގައި ނުކުންނަ ނަތީޖާއަކީ ސަރުކާރަކާ މެދު ރައްޔިތުން ދެކޭ ގޮތް ސާފުކޮށްދޭ އަލިގަދަ ހެއްކެކެވެ. ސަރުކާރުން އަމިއްލައަށް ބޭއްވި 'މިޑް ޓާމް' އިންތިޚާބެއް ގޮތުގައި ސިފަކުރެވިދާނެއެވެ. ހަމަ އެ ދުވަހު، މި މަހު ހަތަރެއްގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ވެސް ފެނުނީ ޕީއެންސީއަށް ހިތި މަންޒަރެކެވެ. އެއްވެސް ސިޓީއެއް ނުލިބުނެވެ. މުޅި ރާއްޖޭގެ މެޖޯރިޓީ ވެސް އޮތީ ރީނދޫވެފައެވެ.
"މި ވަރުގެ ބޮޑު ބައްޔެއް ވީމާ، ޑްރެމެޓިކް ބަދަލުތަކެއް ނުގެނެސް ނުވާނެ. އެއީ، ހަގީގަތުގައި ރައްޔިތުންގެ ބަސް އަހާ ކޮންމެ ވެރިކަމެއްގައި ވެސް ގެންނަން ޖެހޭނެ ބަދަލެއް. ރައްޔިތުން އެ ބުނަނީ ވެރިކަމުގެ މިސްރާބު ސީދަލެއް ނޫނޭ. އެހެންވީމާ، ސީދާކުރަން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭނެ ދެއްތޯ؟،" ސިޔާސީ ކަންކަން ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.
"ހަގީގަތުގައި ކުރަންޖެހޭނެ ސުވާލަކީ އެ ގެނައީ އެންމެ ރަނގަޅު ބަދަލު ހެއްޔޭ؟"
އާ ކަމެއް ނޫން
މިޑްޓާމް އިންތިޚާބުތަކުން ނުކުންނަ ނާކާމިޔާބީއަށް ފަހު، ސަރުކާރަށް ބޮޑު ލޮޅުމެއް އެރުމަކީ އާ ކަމެއް ނޫނެވެ. އެއީ، ސިޔާސީ އިލްމުވެރިން ގަބޫލުކުރާ ގޮތުގައި ކޮންމެހެން ކުރަން ވެސް ޖެހޭނެ ކަމެކެވެ. އެކަން ކުރާ އެންމެ މުހިންމު ސަބަބަކީ ރައްޔިތުން އަޑުއިވޭކަން އަންގައިދިނުމެވެ. ވާހަކަ ބަދަލުކޮށްލުމެވެ. ސަރުކާރު ރީސެޓްކޮށްލަނީއެވެ.
"ކުރީގައި ގޯސްކޮށް ހިނގި ކަންކަމަށް ބަޔަކު ވަކިކުރަނީ. ކޮށްފައި އަލުން ބޮޑު ބަދަލެއް ގެނެސް، އާ ބަޔަކު ލައިގެން ސަރުކާރު ރީސެޓްކޮށްލަނީ،" އެހެން ގައުމުތަކުގައި އެކަން ކުރި ގޮތަކީ ވެސް އެއީއެވެ.
އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ފެށުނު ހަނގުރާމައިގެ ސަބަބުން އަމިއްލަފުޅަށް ހޫނުގޮނޑިއަށް ވެއްޓިވަޑައިގެންފައި އިންނެވި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ފާޑުކިޔުންތަކާ އެކު ސަރުކާރަށް ބޮޑެތި ބަދަލުތައް އެބަ ގެންނަވާ ނޫން ހެއްޔެވެ؟ އަވައްޓެރި ގައުމުތަކުގެ ސިޔާސީ މާޒީގައި ވެސް މި ފަދަ ރީޝަފްލްތައް ބައިވަރު ފެންނަން ހުންނާނެއެވެ.
އެ ފަދަ ކުއްލި ލޮޅުމެއް އަރުވާލަނީ މައިގަނޑު ދެތިން ކަމެއް ހާސިލުކުރާށެވެ. އެއީ، ވާހަކަ ބަދަލުކޮށްލުމާއި، އިސްލާހީ ފިޔަވަޅުތައް އެޅުމާއި، ގެއްލިފައިވާ އިތުބާރު އަލުން އަނބުރާ ހޯދުމެވެ. މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުމާއި ނުރުހުން އަމާޒުވި ސަބަބުތައް އިސްލާހުކުރުމެވެ.
ލޮޅުމުގެ މަގުސަދު ހާސިލުވާނީ އެ ކަންކަން ބަދަލުވުމުންނެވެ. އެންމެ މުހިންމު ކަމަކަށް އާ ކެބިނެޓާއި ސަރުކާރުގެ ޕާފޯމަންސް ރަނގަޅުވާތަން ފެނުމުންނެވެ. ސަރުކާރު ހިންގުމުގައި ހެދިފައި ހުރި ގޯސްތައް އިސްލާހުކުރުމުންނެވެ.
އެ ވަރުގެ ބޮޑު ބައްޔަކުން އަރައިގަންނަން، މި ވަރުގެ ބޮޑު ބަދަލެއް ވެސް ގެންނަން ވާނެއެވެ.
ހަގީގަތުގައި މި ވަގުތު ކުރަންވީ އެހެން ސުވާލެކެވެ. އެއީ، މި ގެނައީ ރަނގަޅު ބަދަލުތޯއެވެ؟ މި ބަދަލާ އެކު، ކުރިން ފާޑުކިޔުމާއި ނުރުހުން އަމާޒުވި ކަންކަން އިސްލާހުވާނެތޯއެވެ؟ ކަންކަން ބަދަލުވާނެތޯއެވެ؟ މިސްރާބު ސީދާވާނެ ބާއެވެ؟ މިއީ ވެސް މުހިންމު ސުވާލުތަކެވެ. އެކަމަކު، އެއަށް ޖަވާބުދޭން އަދި މާ އަވަހެވެ.