ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ: ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ބަންދު ގޮޅިތެރެއަށް ވެއްޓިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ ނިޔާވެފައެވެ. މި މައްސަލައާ ގުޅިގެން، އެމީހާ ނިޔާވި ސަބަބު ކަށަވަރު ކުރުމަށްޓަކައި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، މި ހާދިސާގެ ފުރިހަމަ މައުލޫމާތު ކަމާބެހޭ މިނިވަން މުއައްސަސާތަކާ ވަނީ ހިއްސާކޮށްފައެވެ.

  • ނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދު
  • ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނުން
  • ނިޔާވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމުން
  • ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މައުލޫމާތު ދިނުން

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުއްޓައި މިއަދު މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވެފައި ވަނީ މ. ރޭއަލިވާގެއާގެ/ މާލެ، އަޙްމަދު ނަވްޝާދު (41އ)އެވެ.

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައި އޮއްވައި ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

https://sun.mv/220672

އެކަމާ ގުޅިގެން މިރޭ ފުލުހުން މިޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބަންދުގައި ހުއްޓައި ނިޔާވި މީހަކަށް ވުމުން، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް