ހުސްވެފައިވާ ޑިފެންސް މިނިސްޓަރު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޙަސަން ރަޝީދު މިރޭ އައްޔަންކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވި މުޙައްމަދު ޣައްސާން މައުމޫން އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ރައީސް، ޙަސަން ރަޝީދަށް ވަޒީރުކަމުގެ ފަތްކޮޅު އެރުވީ މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް، ރައީސް އޮފީހުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ކުރިފުޅުމަތީ ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވައިފައެވެ.
ހަސަން ރަޝީދު ހުންނެވީ މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ސިޔާސީ އިސް މަގާމެއް ފުރުއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުގެ ބައެއް ވަޒީރުން ވަކިކުރިއިރު، އަނެއްބައި ވަޒީރުން ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. އެ ވަޒީރުންނަކީ:
- ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން
- ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
- ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް
- ތިމާވެއްޓާއި ފަތުރުވެރިކަމުގެ މިނިސްޓަރު ޠާރިޤް އިބްރާހީމް
- ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް
- ސަފާގަތާއި ބަހުގެ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް
- އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދު
- ސިޓީސް، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު
- ހަޔާ އެޑިޔުކޭޝަން، މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު
ބައެއް ވަޒީރުން ވަކިކޮށް، އަނެއްބައި ވަޒީރުން އިސްތިއުފާދެއްވައިފައިވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މުހިންމު ވޯޓުތަކަކުން ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އެ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީގެ އިންތިޚާބުން މުހިންމު ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރިއިރު، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުގައި އާންމުންގެ ތެރެއިން ގިނަ ބަޔަކު ވޯޓުދިނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ.
އެ އިންތިޚާބުތަކުގެ ފަހުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ.