އިފުރު އެއާޕޯޓަށް އާ ދިރުމެއް: ފާޑުކިޔުންތަކާއެކު އިސްލާހީ ބަދަލުތަކެއް!

ރ. އިފުރު އެއާޕޯޓު - ޚިދުމަތުގެ ފެންވަރާއި ވަސީލަތްތައް ރަނގަޅު ކުރުމުގެ އާ ރޫހެއް މިހާރު މި އެއާޕޯޓުން ފެންނަމުންދޭ -- ފޮޓޯ/ ބީޗްސް-ސާޗަރ.ކޮމް

ރ. އިފުރު އެއާޕޯޓުގެ ހާލަތު ގޯސްވެފައިވާކަމަށް ބުނެ ނޫހެއްގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން، އެ އެއާޕޯޓުގެ މެނޭޖްމަންޓުން ވަނީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ގިނަ ކަންތައްތަކެއް އިސްލާހުކޮށްފައެވެ. މިގޮތުން، ހަލާކުވެފައި ހުރި ގޮނޑިތައް އާކޮށް، ފާރުތަކުގައި ކުލަލައި، އެއާކަންޑިޝަންތައް މަރާމާތުކުރުމުގެ އިތުރުން ފާޚާނާތަކުގެ ސާފުތާހިރުކަން ވަނީ ރަނގަޅުކޮށްފައެވެ. މީގެ އިތުރުން މުވައްޒަފުންގެ ފަރާތުން ފެންނަ އޯގާތެރިކަމާއި ޚިދުމަތްތެރިކަން އިތުރުވެ، މުވާސަލާތުކުރުމުގައިވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.

  • ފާޑުކިޔުންތައް ބަލައިގަނެ އެއާޕޯޓުގެ މެނޭޖްމަންޓުން އަވަސް ފިޔަވަޅުތަކެއް އެޅުން
  • ޓާމިނަލްގެ އާބާތުރަ ފިލުވައި، އެއާކަންޑިޝަންތައް މަރާމާތުކޮށް ފަސިންޖަރުންނަށް ފަސޭހަ މާހައުލެއް ގާއިމުކުރުން
  • ފާޚާނާތަކުގައި ސައިބޯންޏާއި ޓިޝޫ ހަމަކޮށް ސާފުތާހިރުކަން ކަށަވަރުކުރުން
  • މުވައްޒަފުންގެ ފަރާތުން ހިނިތުންވުމާއި އެހީތެރިކަން ލިބުމާއެކު، މުވާސަލާތީ ޚިދުމަތް ރަނގަޅުވުން

މިދިޔަ މާޗު މަހުގެ އަށް ވަނަ ދުވަހު މި ނޫހުން ޝާއިޢު ކުރި ރިޕޯޓެއްގައި ރ. އިފުރުގައި ހިންގާ އެއާޕޯޓްގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަ ކުރީމެވެ. މިހާރު މިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ތައުރީފު ހައްގު ބަދަލުތަކެއް އެ އެއާޕޯޓަށް ގެނެސްފައެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އިފުރު އެއާޕޯޓުގެ ހާލަތާ ގުޅޭގޮތުން "އިފުރު އެއާޕޯޓު ވީރާނާވަނީ، ޚިދުމަތްތައް ފަހަތަށް!" މި ސުރުޚީގެ ދަށުން ލިޔުނު ރިޕޯޓުގައި ފާހަގަކުރި ގިނަ މައްސަލަތަކެއް މިއަދު ވަނީ ހައްލުކޮށްފައެވެ. މިދިޔަ އޭޕްރީލް ހަތަރު ވަނަ ދުވަހު އެއާޕޯޓަށް ޒިޔާރަތްކުރިއިރު ފެނުނީ މުޅިން ތަފާތު، އުފާވެރި މަންޒަރެކެވެ.

https://sun.mv/218829

މަރާމާތުތަކާއެކު އާ ދިރުމެއް

ކުރިން ދަބަރު ޖަހާފައި ހުރި ގޮނޑިތަކުގައި މިހާރު ވަނީ ރީތިކޮށް ދަވާދުލައި، އާ ގޮނޑިތަކެއް ފަދައިން ބަދަލުކޮށްފައެވެ. ޑިޕާޗަރ ހޯލުގެ ސީލިންގުގައި ތަތްކޮށްފައި ހުރި ޓޭޕްތައް ނަގައި، ސީލިންގާއި ފާރުތަކުގައި އާ ކުލަލައި މުޅި ސަރަހައްދު ވަނީ އަލިކޮށްލާފައެވެ.

ކުރިން ދަބަރުޖަހާފައި ހުރި ގޮނޑިތަކުގައި ދަވާދުލައި އާކޮށްލާފައި -- ސަން ފޮޓޯ

ކުރީގެ ރިޕޯޓުގައި ފާހަގަ ނުކުރެވުނު ނަމަވެސް، އެއާޕޯޓުގެ މެނޭޖްމަންޓުން ވަނީ ހަލާކުވެފައި ހުރި އެއާކަންޑިޝަންތައް މަރާމާތުކޮށް، ޓާމިނަލް ތެރެއަކީ ފަސިންޖަރުންނަށް ފިނި އަރާމު ތަނަކަށް ހަދާފައެވެ. އަދި ކުރިން ނަގާފައި ހުރި ފެން ކޫލަރު އަލުން ބަހައްޓައި، ފާޚާނާތަކުގައި ސައިބޯންޏާއި ޓިޝޫ ފަދަ ތަކެތި ހަމަކޮށް، ސާފުތާހިރުކަން ވަނީ ދަމަހައްޓާފައެވެ.

ފާޚާނާތަކުގައި ސައިބޯންޏާއި ޓިޝޫ ލިބޭނެހެން ހަދައި ސާފުތާހިރުކަން ދަމަހައްޓާފައިވޭ -- ސަން ފޮޓޯ

ޚިދުމަތުގައި މުވައްޒަފުންގެ ހިނިތުންވުން

މި ފަހަރުގެ ދަތުރުގައި އެންމެ ބޮޑަށް ފާހަގަވީ މުވައްޒަފުންގެ އަމަލުތަކަށް އައިސްފައިވާ ހެޔޮ ބަދަލެވެ. މުވައްޒަފުންގެ ފަރާތުން ފެނުނީ ހިނިތުންވުމާއި އޯގާތެރިކަމެވެ. ހަރަކާތްތެރިކޮށް ޚިދުމަތް ދިނުމުގެ ރޫހު ފާޅުވާއިރު، ޓާމިނަލް ތެރޭގައި ފަސިންޖަރުންނަށް އެހީތެރިވުމަށް ޚާއްސަ މުވައްޒަފަކު ހަރަކާތްތެރިވަމުން ދިޔަކަން ފާހަގަކުރެވުނެވެ. މީހަކު އެހީތެރިކަމަކަށް ބޭނުންވޭތޯ އޭނާ ކައިރިން ބަލަމުންދާކަން ފާހަގަވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި އަނެއް ކަމަކީ މުވާސަލާތު ކުރުމަށް އައިސްފައިވާ ހެޔޮ ބަދަލެވެ. ޚިދުމަތުގެ ފެންވަރު ވަޒަންކޮށްލުމުގެ ގޮތުން، މި ރިޕޯޓު ތައްޔާރުކުރަމުން ދިޔަ ވަގުތު މި ނޫހުން ވާނީ އެއާޕޯޓަށް ގުޅައި، ފޯނަށް އިޖާބަދޭ މިންވަރު ޓެސްޓުކޮށްލާފައެވެ. ފުރަތަމަ ފަހަރު ފޯނު ނުނެގުނު ނަމަވެސް، އޭގެ ކުޑައިރުކޮޅެއްގެ ފަހުން އެއާޕޯޓުން އަމިއްލައަށް އަޅުގަނޑުމެންނަށް ގުޅައި، ގުޅާފައި އޮތުމުން އިޖާބަދިނީކަމަށް ބުނެފައިވެއެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އަވަސް އިސްލާހީ ފިޔަވަޅުތަކެއް

ކުރީގެ ރިޕޯޓުގައި ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، ބޮޑެތި މަރާމާތުތަކާއި ވަގުތުން ވަގުތަށް ހައްލުކުރަން ދަތި ބައެއް ފަންނީ ކަންކަން ހުރިކަން ގަބޫލުކުރަންޖެހެއެވެ. ނަމަވެސް، މިވަގުތަށް އެންމެ އަވަހަށް އިސްލާހު ކުރެވޭނެ ކަންކަމަށް އިސްލާހު ގެނެސްފައިވާކަން ފާހަގަކުރެވެއެވެ. މިއީ މެނޭޖްމަންޓުން ކަންކަން ރަނގަޅުކުރުން ބޭނުންވާ މިންވަރު ހާމަވާ ކަމެކެވެ. އުއްމީދަކީ، މިހާރު ފެށިފައިވާ މި ހެޔޮ ބަދަލުތަކާއެކު، ރިޕޯޓުގައި ފާހަގަކޮށްފައިވާ ދެން ހުރި ކަންކަން ވެސް އެކަށީގެންވާ އަވަސްމިނެއްގައި އިސްލާހުވެގެން ދިއުމެވެ.

ޑިޕާޗާ ހޯލުގެ ސީލިންގާއި ފާރުތަކުގައި ކުލަލައި ރީތިކޮށް، އެއާކަންޑިޝަންތައް މަރާމާތުކޮށް ފަސިންޖަރުންނަށް ހިތްގައިމު ތަނަކަށް ހަދާފައިވޭ -- ސަން ފޮޓޯ

މެނޭޖްމަންޓުގެ އިޖާބަދިނުމަކީ ނަމޫނާއެއް!

ކުރިން ޚިދުމަތްތައް ފަހަތަށް ދިޔައީ ކޮންމެވެސް ސަބަބަކާ ހުރެ އެކަންކަމަށް އެންމެ އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮތުމުން ކަމަށް ވެދާނެއެވެ. ނަމަވެސް، މައްސަލަތައް ސަމާލުކަމަށް ގެނައުމުން އާންމުކޮށް ކަންކުރާ އުސޫލުން ދިފާއުގައި ބަޔާންތައް ނެރެ ޒިންމާއިން ރެކެން މަސައްކަތް ކުރުމުގެ ބަދަލުގައި، ފާޑުކިޔުންތައް ބަލައިގަނެ އަވަސްކަމާއެކު އިސްލާހީ ފިޔަވަޅުތައް އަޅަން ފެށުމަކީ އިފުރު އެއާޕޯޓުގެ މެނޭޖްމަންޓުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ބޭނުންވާކަމުގެ ހެއްކެކެވެ. މިކަމަށްޓަކައި އެއާޕޯޓުގެ މެނޭޖްމަންޓަށާއި ހީވާގި މުވައްޒަފުންނަށް ޝުކުރު ހައްގެވެ.

އިފުރު އެއާޕޯޓުން ފެންނަ މި އާ ދިރުމަކީ ރ. އަތޮޅުގެ ރައްޔިތުންނަށާއި އެއާޕޯޓު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިއަދު މި ފެންނަ ހީވާގިކަމާއި ފަރުވާތެރިކަން މެދުނުކެނޑި ކުރިއަށް ގެންގޮސްފިނަމަ، އިފުރު އެއާޕޯޓަކީ ޚިދުމަތުގެ ފުރިހަމަކަން ދައްކުވައިދޭ، ނަމޫނާ އެއާޕޯޓަށް ވާނެކަމަށް އުއްމީދުކުރެވެއެވެ.

comment ކޮމެންޓް