ދުނިޔޭގެ އިގްތިސާދީ ދުވެލި ދަށްވާނެކަމަށް އައިއެމްއެފްއިން ލަފާކޮށްފި

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއާ. އައިއެމްއެފް އިން ވަނީ ދުނިޔޭގެ އިގްތިސާދީ ދުވެލި ދަށްވާނެ ކަަމަށް ލަފާކޮށްފައި. ފޮޓޯ/އޭޕީ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު ނުވަތަ އައިއެމްއެފްއިން ނެރެފައިވާ އެންމެ ފަހުގެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ދުވެލި ވަރަށް ބޮޑަށް ދަށްވާނެއެވެ. ޚާއްޞަކޮށް ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މިއަހަރުގެ އިޤްތިޞާދީ ކުރިއެރުން 3.1 އިންސައްތައަށް ދަށްވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ޙާލަތު ގޯސްވެއްޖެނަމަ މިއަދަދު 2.0 އިންސައްތައަށް ވެއްޓި، އިންފްލޭޝަން 4.4 އިންސައްތައަށް މައްޗަށް ދާނެކަމުގެ ބިރު އެބައޮތެވެ.

  • މިއަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރާ މިންވަރު 3.1 އިންސައްތައަށް ވަނީ ދަށްކޮށްފައެވެ.
  • ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން އިންފްލޭޝަން 4.4 އިންސައްތައަށް އިތުރުވާނެކަމަށް ބެލެވެއެވެ.
  • ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ މެދުއިރުމަތީގެ ޤައުމުތަކަށެވެ.
  • ހުރްމުޒް ކަނޑުއޮޅި ބަންދުވުމަކީ މުޅި ދުނިޔޭގެ އިޤްތިޞާދަށް އޮތް ބޮޑު ނުރައްކަލެކެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައާއި ކާބޯތަކެތީގެ ހަރަދުތައް ބޮޑުވެފައިވާތީ، ދުނިޔޭގެ އިގްތިސާދީ ދުވެލި ދަށްވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް އިން ލަފާކޮށްފިއެވެ.

އައިއެމްއެފް އިން އަންގާރަ ދުވަހު ބުނީ މި އަހަރު ދުނިޔޭގެ އިގްތިސާދު 3.1 ޕަސަންޓް ކުރިއަރާނެ ކަމަށް ލަފާކުރާ ކަމަށާއި ނަމަވެސް އެއީ ފެބްރުއަރީ 28ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އާންމުކޮށްފައިވާ 3.3 ޕަސެންޓަށް ވުރެ ދަށް މިންވަރެއް ކަމަށެވެ.

ހަނގުރާމައިގައި އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ތެލާއި ގޭސް ފޯރުކޮށްދިނުމަށް މުހިންމު ޗޮކްޕޮއިންޓެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، ސަރަހައްދުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާތަކަށް ހަމަލާދީފައެވެ. އެހެންވެ ތެލާއި ގޭހުގެ ސަޕްލައި އަށް ބުރޫއަރައި އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.

އައިއެމްއެފް އިން އާންމުކޮށްފައިވާ ވޯލްޑް އިކޮނޮމިކް އަައުޓްލުކް ގައިވާ ގޮތުން މިދިޔަ އަހަރާއި ބަލާއިރު މިއަހަރުގެ އިގްތިސާދީ ދުވެލި ދަށްވާނެއެވެ. ހަކަތައިގެ އަގުތައް މުޅި އަހަރު ދުވަހު މަތީގައި ހުރެދާނެ ނުރައްކާތެރި ހާލަތްތަކުގައި، ދުނިޔޭގެ އިގްތިސާދީ ކުރިއެރުން 2.5 ޕަސެންޓަށް ނުވަތަ 2.0 ޕަސެންޓާ ގާތަށް ދަށްވުން އެކަށީގެންވާ ކަމަށް އައިއެމްއެފުން ބުންޏެވެ.

މިދިޔަ އަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި ވަނީ 3.4 ޕަސަންޓަށް ކުރިއަރާފައެވެ.

އެކި ގައުމުތަކަށް ކުރާ އަސަރު ތަފާތު

ހަނގުރާމައިގެ ސަބަބުން އެކި ގައުމުތަކަށް ކުރާ އަސަރު ތަފާތުވާނެ ކަމަށްވެސް އައިއެމްއެފް އިން ވަނީ ބުނެފައެވެ.

އެގޮތުން އީރާނުގެ އިގްތިސާދު 7.2 ޕަސަންޓަށް ދަށްވާނެ ކަމަށް އަހަރު ފެށުނުއިރު ލަފާކޮށްފައިވާއިރު، މިހާރު 6.1 ޕަސަންޓް ދަށްވާނެ ކަމަށް ލަފާކޮށްފައިވާ ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި އައިއެމްއެފް އިން ވަނީ ސައުދީ އަރަބިއްޔާގެ ޖީޑީޕީ 4.5 ޕަސެންޓުން 3.1 ޕަސެންޓަށް ދަށްވާނެ ކަމަށްވެސް ލަފާކޮށްފައެެވެ.

"އެންމެ ބޮޑަށް އަސަރު ކުރާނީ ގައުމުތަކުގެ މެދުގައި ވަރަށް ބޮޑަށް ނުތަނަވަސްވެ، ހަމަނުޖެހުން ހިނގާ ސަރަހައްދުގެ ގައުމުތަކާއި، މުދާ އެތެރެކުރާ އާމްދަނީ ދަށް ގައުމުތަކާއި، ކުރިއަރަމުން އަންނަ މާކެޓް އިގްތިސާދުތަކަށް." ޗީފް އިކޮނޮމިސްޓް ޕިއެރޭ އޮލިވިއާ ގޯރިންޗާސް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާއަށް ބަލާއިރު، ގައުމުތަކުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރާ މިންވަރު ވަނީ 2.8 ޕަސަންޓުން 1.1 ޕަސަންޓަށް ދަށްކޮށްފައެވެ.

މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ލަފާކުރި މިންވަރު ވަނީ 2 ޕަސެންޓުން 1.9 ޕަސެންޓަށް ދަށްކޮށްފައެވެ.

ޗައިނާގެ ކުރިއެރުން 4.4 ޕަސެންޓަށް މަޑުޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ޖެނުއަރީ މަހުގެ އަންދާޒާއަށްވުރެ ކުޑަކޮށް ދަށް އަދަދެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ތެރެއިން، އެމެރިކާގެ ކުރިއެރުން މިއަހަރު 2.3 ޕަސެންތަށް އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް، ކުރިއެރުމުގެ ދުވެލި ވަނީ ކުޑަކޮށް ދަށްކޮށްފައެވެ.

މީގެ އިތުރުން ޔޫރޯ ބޭނުންކުރާ ގައުމުތަކުގެ ކުރިއެރުން މި އަހަރަށް ވަނީ 0.2 ޕަސެންޓް ދަށްކޮށް 1.1 ޕަސެންޓް ކަމަށް ލަފާކޮށްފައެވެ.

އިނގިރޭސިވިލާތުގެ ކުރިއެރުން ވަނީ 0.5 ޕަސެންޓް ދަށްކޮށް، މިއަހަރު ކުރިއަރާނީ 0.8 ޕަސެންޓް ކަމަށް ލަފާކޮށްފައެވެ.

އައިއެމްއެފް އިން ރިޕޯޓު އާންމުކޮށްފައި މި ވަނީ ދުނިޔޭގެ ތެލާއި ލިކުއިފައިޑް ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް 20 ޕަސެންޓް އުފުލާ ހުރްމުޒް ކަނޑުއޮޅިން އުޅަނދުތަކަށް ދަތުރު ނުކުރެވުމުގެ ސަބަބުން ތެލާއި ގޭހާއި ގަސްކާނާގެ އަގުތައް އުފުލެމުންދާ ދަނޑިވަޅެއްގައެވެ.

އިންފްލޭޝަންވެސް މަތިވާނެ

އައިއެމްއެފް އިން ލަފާކޮށްފައިވާ ގޮތުގައި މިއަހަރުގެ އިންފްލޭޝަން 4.4 ޕަސެންޓަށް އިތުރުވާނެއެވެ. އެއީ ޖެނުއަރީ މަހު ލަފާކުރި މިންވަރަށް ވުރެ 0.6 ޕަސެންޓް ޕޮއިންޓް އިތުރު މިންވަރެކެވެ.

މާހިރުން ވިދާޅުވާ ގޮތުގައި ކަނޑުއޮޅި ބަންދުކޮށްފައި އޮންނަ މުއްދަތު އިތުރުވާނަމަ، ކުރިއަށް އޮތް މަސްތަކުގައި އިންފްލޭޝަންގެ ޕްރެޝަރުތައް އިތުރަށް ގޯސްވެދާނެއެވެ.

"1980 ވަނަ އަހަރުން ފެށިގެން، ކުރިއެރުން ދެ ޕަސެންޓަށްވުރެ ނުވަތަ އެއަށްވުރެ ދަށަށް ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި ހަތަރު ފަހަރު." އައިއެމްއެފްގެ ޗީފް އިކޮނޮމިސްޓް ޕިއޭ-އޮލިވިއޭ ގުރީންޝާސް އޭއެފްޕީ އަށް ވިދާޅުވިއެވެ.

އޭގެ ތެރޭގައި 2008 ވަނަ އަހަރުގެ ދުނިޔޭގެ މާލީ ކާރިސާ އާއި ކޮވިޑް-19 ގެ ދުވަސްވަރު ހިމެނެއެވެ.

comment ކޮމެންޓް