އިޤުރާރުވީމޭ ލޯބިން - 23

އިޤުރާރުވީމޭ ލޯބިން -

މި ބައިގައި ފެނިގެންދަނީ ފިރިމީހާ ރިހާމްގެ ބޭވަފާތެރިކަމުގެ ސަބަބުން އައިރާ އިންތިހާއަށް ހިތާމަކުރާ މަންޒަރެވެ. އައިރާ ބަނޑުގައި ރިއްސަން ފެށުމުން ރިހާމްއަށް ގުޅުމުން ފޯނު ނުނެގުމުގެ ސަބަބުން ޒަހްރާންގެ އެހީތެރިކަމާއެކު އޭނާ ހޮސްޕިޓަލަށް ދެއެވެ. ޑޮކްޓަރު އައިރާއަށް އިރުޝާދު ދެނީ ފިކުރުނުކުރުމަށެވެ. އަނެއްކޮޅުން، އަޔާޝް އޭނާގެ ކޮއްކޮ ޒަހްރާން ގާތު އާއިލީ ކުންފުންޏާ ގުޅުމަށް އެދުމުން ޒަހްރާން އެކަމާ ދެކޮޅުހަދައެވެ. އައިރާ ހޮސްޕިޓަލުން ނުކުންނަ ވަގުތު ޒަހްރާން އާއެކު ހުއްޓާ ރިހާމްގެ މަންމަ ޝާފިޔާއަށް ފެނި، އައިރާއާމެދު ނުބައި ގޮތަކަށް ވިސްނައި، އެ ވާހަކަ ރިހާމް ގާތު ބުނުމަށް އޮފީހަށް ދެއެވެ.

  • ރިހާމްގެ ބޭވަފާތެރިކަމުގެ ސަބަބުން އައިރާ ފުން ހިތާމައެއްގައިވުން
  • އައިރާ ބަލިވެގެން ޒަހްރާންގެ އެހީގައި ހޮސްޕިޓަލަށް ދިއުން
  • އާއިލީ ކުންފުންޏާ ގުޅެން ޒަހްރާން ދެކޮޅުހެދުން
  • ޝާފިޔާއަށް އައިރާ އަދި ޒަހްރާން އެކުގައި ފެނި، ނުބައި މާނައެއް ނެގުން
  • އައިރާގެ ބޮލުގައި އިލްޒާމެއް އެޅުވުމަށް ޝާފިޔާ ރިހާމް ގާތަށް ދިއުން

"ކިޔާބަލަ... ކޮން ވާހަކައެއްތަ؟" ރިހާމް ސުވާލުކޮށްލިއެވެ.

"ނޫން...އެއްޗެކޭ ނޫން..." އައިރާއަށް ބުނެވުނެވެ. ރިހާމްއާ އެ ވާހަކަތައް ހިއްސާކުރަން އޭނަގެ ޒަމީރު އުޒުރުވެރިވިއެވެ. ލޮލުން ފެނުނު މަންޒަރަށްފަހު އެ ހިތްވަރެއް އައިރާއަކަށް ނުލިބުނެވެ. އޭނަގެ މުޅި ހަށިގަނޑަށް ހީވަނީ ވަރުގަދަ ލޮޅުމެއް އައިސްފައިވާހެންނެވެ. މުޅި މީހާގެ ޖިސްމުގައި ހީވަނީ ތޫފާނެއް އުފެދިފައިވާހެންނެވެ.

ރިހާމް އައިރާއަށް އަވަސް ނަޒަރެއް ދިނެވެ. އޭނަ ހީކުރީ އައިރާ އުޅުނީ ޝަކުވާކުރަން ކަމުގައެވެ.

ރިހާމް ދާނިޔާއަށް މެސެޖުކުރަން ފެށިއިރު އައިރާގެ މޫނުމަތީގެ ކުލަވަރުތަކަށް އޭނައަކަށް ސަމާލުކަމެއް ނުދެވުނެވެ. އެކޮޅުން ދާނިޔާ ދައްކަމުން ދިޔަ ވާހަކަތަކުން އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ހިނިތުންވުމުން އައިރާއަށް ބަރުދާސްތުކުރަން ދަތިވޭނެއް ލިބެމުން ދިޔައެވެ. ކަރުނުން ފުސްވަމުން ދިޔަ ދެލޮލުގެ ތެރޭގައި ޖަމާވަމުން ދިޔަ ކަރުނަތައް އޭނަގެ އެސްފިޔަތަކާ ޖަދަލުކުރަން ފެށުމުން އެންމެފަހުން އައިރާ އިންތަނުން ތެދުވިއެވެ. އިތުރަށް އެތަނުގައި އިންނަންވެއްޖެނަމަ ރިހާމްގެ ކުރިމަތީގައި ރޮވިދާނެތީއެވެ. މިއަދު އޭނަގެ ކަރުނަތައް ރިހާމްއަށް ދެއްކުމުގެ ޤާބިލުކަމެއް އައިރާގެ ކިބަޔަކު ނެތެވެ.

"އެބަ އަންނަން އިނގޭ..." އެހެން ބުނެލާފައި އައިރާ، ކޮޓަރިއަށް ގޮސް ވަނެވެ. ދޮރު ލައްޕައިލުމާއެކު، އެ ދިޔަ ގޮތަށް ގޮސް ފާޚާނާއަށް ވަދެވުނީ ކިރިޔާއެވެ. ކެތްތެރިކަން ކޮޅުން ލައިގެން ގޮސް އޭނަގެ ބަޑި ފަޅައިގެން ދިޔައެވެ. ހުރިތަނަށް ތިރިވެވުނުއިރު، އަނގައިން ނުކުތް ވޭނީ އާހާއެކު އޭނަގެ މުޅި ދުނިޔެވެސް ހީވީ ފުނޑުފުނޑުވީހެންނެވެ. އައިރާ އޭނަގެ އަމިއްލަ ހަށިގަނޑުގައި އަތް ވަށާލި ގޮތުން ހީވީ ލިބުނު ވޭން ބަރުދާސްތުކުރަން މަސައްކަތްކުރަނީ ހެންނެވެ. ގިސްލުމުގެ އަޑު ބޭރުވާން ފެށުމުން އަނގަމަތީގައި އަތް އަޅާ ބާރުކޮށްލެވުނެވެ. ވަށައިގެންވީ މާހައުލު ވެސް އޭނަ ވަށާ އެނބުރެން ފެށިހެން އައިރާއަށް ހީވާން ފެށިއެވެ. ދެލޮލުގެ ތެރެއިން ކަރުނަތައް ފައިބަމުން ދިޔަވަރަކަށް ތާޒާ ކަރުނުން ދެލޯ ބަރާވަމުން ދިޔައެވެ. ނިމުނެއް ނެތް ފަދައަކުންނެވެ. ފާރުގައި ބުރަކަށި ޖައްސައިލުމަށްފަހު އައިރާއަށް އިނދެވުނެވެ. މުޅި މީހާގެ ޖިސްމުގައި ވި ތުރުތުރު އެޅުމާއެކު ހިތުގެ ތެޅުން އިންތިހާ ބާރުވެފައިވާއިރު، އޭނަގެ ހިތުގައި އަޅަމުން ދިޔަ ވޭން މީހަކަށް ތަސައްވަރުވެސް ނުކުރެވޭނެއެވެ. އުންމީދުކުރި އުފާވެރިކަމުގެ މައްޗަށް ވޭނާ ތުރާ ކުރި ހޯދައިފިއެވެ. އައިރާގެ ހަތަރު އުދަރެސް ފެނު ޖެހުނު ފަދައެވެ. ފިރިމީހާއަށް ކުރި އިތުބާރާ ވީ ލޯބީގެ އެއްވެސް އަގެއްނެތްކަމުގެ އިޙްސާސްއާއެކު އައިރާ ހީވަނީ ފުނޑުފުނޑުވެދާނެހެންނެވެ. އެކަނިމާއެކަނި އޭނަ އެތަކެއް އިރަކު އެތަނުގައި އިނެވެ. އެހެން އިންދާ ކޮޓަރީގެ ދޮރު ހުޅުވައިލިކަން އޭނައަށް އެނގުނެވެ. އައިރާ ވަކީން ބޮޑަށް އަނގަމަތީގައި އަތް އަޅާ ބާރުކޮށްލިއެވެ. އޭނަ ހީކުރީ ރިހާމް އެއްޗެއް ބުނާނެކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. އޭނަގެ ކަންފަތުގައި ދެން ޖެހުނީ ކޮޓަރީގެ ދޮރު ޖެހުނު އަޑެވެ.

ގިސްލުން މައިތިރިކުރެވުނީ އެތަކެއް އިރެއް ފަހުންނެވެ. އޭނަ ތެދުވީ ވެސް އުނދަގުލުންނެވެ. ގައިގައި ވަރެއް ނެތެވެ. މޫނު ދޮންނަ ތަށީގައި އަތް އަޅުވާލި އައިރާ ކޮޅަށް ހުރީވެސް އޭގެ ބާރުގައި ކަންނޭނގެއެވެ. ދެފައިކޮޅުގައި އޭރުވެސް ތުރުތުރު އެޅުމެއް ވިއެވެ. އޭނަ ހިތްވަރުކޮށްފައި މޫނު ދޮވެލިއެވެ. އެއަށްފަހު ޓިޝޫ ހޯލްޑަރ އިން ޓިޝޫއެއް ނަގާފައި މޫނު ފުހެލިއެވެ. އޭރު އޭނަގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނާ މުޅި ދެލޯ ވަށައިގެންވެސް ވަނީ ދުޅަކަމެކެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ ހުޅި ރަނގަޅުކޮށްލަމުން، އޭނަ ނޭފަތް ދަމައިލިއެވެ. އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އައިރާއަށް ހުރެވުނުއިރު، މުސްތަޤްބަލާމެދު އޭނައަށް އެއްވެސް އުންމީދެއް ނެތެވެ. ދަރިފުޅު ބައްޕައެއްގެ ލޯބިން މަޙްރޫމް ވެދާނެކަމުގެ ބިރުވެރިކަން އޭނަގެ ހިތުގައި އުތުރި އަރަން ފެށި ހިނދު އަނެއްކާވެސް ދެލޯ ކަރުނުން ފުސްވެގެން ދިޔައެވެ.

ހަމަޖެހިލުމަށްފަހު އޭނަ ފާޚާނާއިން ނުކުތެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ސިޓިން ރޫމަށް ނުކުމެލުމާއެކު، ލޮލުގައި އަޅައިގަތީ ހުސް ސޯފާއާ ފަޅުކަން ވެރިވެފައިވާ ސިޓިން ރޫމެވެ. ރިހާމް ދިޔައީކަން އައިރާއަށް އެނގުނު ނަމަވެސް، އެހެން ފަހަރުތަކަށްވުރެ އިތުރު ވޭނެއް މިފަހަރު އޭނައަށް ލިބުނީ ރިހާމް އެ ދަނީ އޭނަގެ ލޯބިވެރިޔާ ކައިރިއަށް ކަން އެނގުމުންނެވެ. ރިހާމް އޭނައަށް ބޭފަވާތެރިވީ ކީއްވެހެއްޔެވެ؟ އޭނަގެ ކުށަކީ ކޮބައިހެއްޔެވެ؟ މާގިނަ ދުވަހެއް ނުވެ ރިހާމް ދެން އޭނަ ވަރިކޮށްފާނެއެވެ. އޭނަ ދޫކޮށްލާފައި އެހެން މީހެއްގެ ކައިރިއަށް ގޮސްދާނެއެވެ. އޭރުން އޭނައަށް ވާނީ ކިހިނެއްހެއްޔެވެ؟ އޭނަ ހިމާޔަތާ ރައްކާތެރިކަން ހޯދާނީ ކާކު ކައިރިން ހެއްޔެވެ؟ އެހީތެރިކަމުގެ އަތެއް އޭނައަށް ދިއްކޮށްލާނީ ކާކުހެއްޔެވެ؟ އުފަން ރަށަށް ދިޔަނަމެވެސް، އެ ރަށުގައިވެސް އޭނައަށް އަޅާލާ، އޯގާތެރިވާނެ މީހަކު ނުހުންނާނެއެވެ. ކުޑަމިނުން އުޅެން ގެއެއްވެސް ނުހުންނާނެއެވެ. މަންމައާއެކު އޭނަ އުޅުނު ގެވެސް ހުންނާނީ ފަޅުވެފައިކަން ގައިމެވެ. އައިރާއަށް ބަނޑުގައި އަތް ޖައްސައިލެވުނެވެ. އޭނައަށް އެ ދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ހޯދަދެވިދާނެހެއްޔެވެ؟ މި އަނިޔާވެރި ދުނިޔޭގެ ކުރިމަތީގައި އެ ދަރިފުޅަށް ފުރިހަމަ ހިމާޔަތާއި ލޯބި އެކަނިމާ އެކަނި ދެވިދާނެހެއްޔެވެ؟

*****

އަޔާޝް ކާރުގައި އައިސް "ރިލެކްސް" އެޕާރޓްމެންޓް ކޮންޕްލެކްސްގެ ޕޯޓިކޯގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. އަދި ޒަހްރާނަށް ގުޅައިލިއެވެ. ފޯނު ނެގުމާއެކު ޒަހްރާން ވާހަކަ ދެއްކިއެވެ.

"މި ފައިބަނީ ވެއިޓް..." ޒަހްރާން ބުނެލިއެވެ. އަޔާޝް ފޯނު ބޭއްވިތާ ގިނައިރެއްނުވެ، ޒަހްރާން އަތުވެއްޖެއެވެ. އޭނަ ނުކުތްތަން ފެނި އަޔާޝް ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ގޮވާލައިފިއެވެ. ޒަހްރާންވެސް އައިސް ކާރަށް އަރާ އިށީނެވެ.

"ކޮންތާކަށް ދާނީ؟" ޒަހްރާން ސުވާލުކޮށްލިއެވެ.

"ކޮފީއަކަށް ދޯ. ހަމަޖެހިލައިގެން ވާހަކަ ދައްކާލެވޭ ކޮންމެ ތަނެއްވެސް އޯކޭވާނެ." އަޔާޝް އެހެން ބުނެލާފައި ކާރު ދުއްވައިލިއެވެ.

"ހޮސްޕިޓަލް ކައިރީގަ އިންނާނެ ރެސްޓޯރެންޓެއް. އެތަނުގެ އޯޕަން އޭރިޔާ ސަޅިވާނެ." ޒަހްރާން އެހެން ބުނުމާއެކު، އަޔާޝް ކާރުގެ މިސްރާބު އަނބުރައިލިއެވެ.

"ކޮން ވާހަކައެއް ދައްކަންތަ ތިހާވަރުން ތިއުޅެނީ؟" ޒަހްރާން ސުވާލުކޮށްލިއެވެ.

"ދެން ގޮސްފަ ވާހަކަ ދައްކަމާ... ހަމަޖެހިލައިގެންނެއްނު ރަނގަޅަށް ވާހަކަ ދައްކާލެވޭނީ..." އަޔާޝް ޖެހިގެން އޮތް ގޯޅިއަށް ކާރު އަނބުރާލަމުން ވާހަކަ ދެއްކިއެވެ. އޭނަ އަވަސް ނަޒަރެއް ޒަހްރާނަށް ދީފައި އަނެއްކާވެސް މަގުމައްޗަށް ސަމާލުކަން ދިނެވެ.

"ނުބުންޏަސް އެނގޭ ކީއްކުރަންކަން ތިއައީ! ބައްޕަ ބުނެގެން ކޮންމެވެސް ކަމަކަށް އަހަރެން ކޮންވިންސް ކުރުވަން ދޯ!" ޒަހްރާން ބުނެލިއެވެ. އަޔާޝް ހީނލުމަށްފަހު ވެސް އިތުރު އެއްޗެއް ނުބުންޏެވެ. އެހިސާބަށް އާދެވުމުން އަޔާޝް ރެސްޓޯރެންޓާ ދިމާ މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްލިއެވެ. އެއަށްފަހު އޭނަ ކާރުން ފޭބިއެވެ. ޒަހްރާންވެސް މަގުގެ ދެކޮޅު ރަނގަޅަށް ބަލާލާފައި، މަގާވީ ފަޅީގެ ދޮރުފަތް ހުޅުވާލާފައި ނުކުމެއްޖެއެވެ.

"ހިނގާ..." ޒަހްރާންއާ އެކުއެކީގައި ކަހަލަ ގޮތަކަށް އަޔާޝްވެސް ހިނގައިގަތެވެ. މާގިނަ މީހުންނެއް ބޭރަކު ނެތެވެ. ކޮންމެވެސް ވަރަކަށް ލުއިލުއި ވައިރޯޅިތަކެއް ޖެހެމުން ދިޔައެވެ. ރެސްޓޯރެންޓުގެ އޯޕެން އޭރިޔާގައި ހުރި މޭޒެއްގެ ދޮށުގައި އެމީހުން އިށީންހެން ހީނުވެ ވެއިޓަރަކު އަތުވެއްޖެއެވެ. ޒަހްރާން އޯޑަރު ދިނީ ކަޅު ކޮފީއަކަށެވެ. އަޔާޝް ނެގީ އެސްޕްރެސޯއެކެވެ.

"ދެން ކިޔާބަ. ދޮންބެ ތިހާ މުހިންމު ވެގެން ތިއައީ ކޮން ވާހަކައެއް ދައްކަންތަ؟" ޒަހްރާން ސުވާލުކޮށްލިއެވެ.

"ރެން އެކޮޅަށް ދާން ގަސްތުކުރަނީ ކޮން އިރަކުންތަ؟" އަޔާޝް އަހައިލިއެވެ.

"ކިހިނެއްވީ؟ އަހަރެން ހުރީމަ އުނދަގޫވީތަ؟" ޒަހްރާން އިނީ އަޔާޝްއަށް ބަލަހައްޓައިގެންނެވެ.

"ނޫނޭ... އަސްލު ރެން ދެން އެކޮޅަށް ދާކަށް ދޮންބެ ބޭނުމެއް ނޫން...." އަޔާޝް ބުނެލިއެވެ.

"އެއީ؟ އެއީ ކީއްވެ؟ މިހުރިހާ ޒަމާންވީއިރުވެސް އަހަރެން މިއުޅުނީ ގައިމު ރާއްޖެއަކު ނޫން." ޒަހްރާން ބުނެލިއެވެ. "ތެދަށް ބުނެބަ. ބައްޕަ ކޮންމެވެސް އެއްޗެއް ކީ ދޯ... އިޒް ދިޒް ރިލޭޓެޑް ޓު ދި ކޮންޕެނީ؟"

ޒަހްރާނަށް ކޮންމެވެސް ވަރަކަށް ޝައްކުވިއެވެ. އަޔާޝް "ހޫމް" އެކޭ ބުނެލާފައި ބޯ ޖަހައިލިއެވެ.

"ސީ އައި ޓޯލްޑް ޔޫ... ބައްޕަ ބުނެގެން ކޮންމެވެސް ކަމަކަށް އަހަރެން ކޮންވިންސް ކުރުވާކަށްނު ތިއުޅެނީ؟ ޓު ޖޮއިން ދި ކޮންޕެނީ؟" ޒަހްރާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ރެން... ބައްޕަ އެބުނަނީވެސް ގޯސް ވާހަކައެއް ނޫނޭ. ރެންގެ ވާހަކަ ބައްޕަ ބުނީމަ ދޮންބެއަށްވެސް އެ ޚިޔާލު ވަރަށް ކަމުދިޔަ. ޔޫ ހޭވް ކޮންޕްލީޓެޑް ޔުއަރ ސްޓަޑީސް. މާސްޓާސް ނިންމާފަ ވަޒީފާއަކަށް ނުގޮސް ހުރެވޭނެތަ؟ ޙަޔާތުގެ ކޮންމެވެސް ހިސާބަކުން ކޮންމެ މީހަކުވެސް ޖެހޭނެ ޒިންމާދާރުވާން. އަމިއްލައަށް ޒިންމާތައް އުފުލަން. ހަރުދަނާވާން ޖެހޭނެ. އެނގޭ ބައްޕަ އަތުގެ ފައިސާ ހުރިއްޔާ ރެންއަށް އެއްވެސް ކަމަކަށް ދަތިނުވާނެކަން. އަދި މަސައްކަތްކުރުމުގެ ބޭނުމެއް ރެންއަށް ނުފެންނާނެކަން ވެސް އެނގޭ. އެކަމަކު މިއަދު މިޙާލަތަށް ކުންފުނި ދިޔައީ އެއްމެ ދުވަހަކުން، ދެ ދުވަހަކުން ނޫނެއްނު. މިއަދު އަހަރެމެންނަށް ބޭނުން ގޮތަކަށް، ބޭނުން އެއްޗެއް ހޯދައިގެން، ބޭނުންކަމެއް ކޮށްގެން މިއުޅެވެނީ ކާފައާއި ބައްޕަ ކުރި ބުރަ މަސައްކަތުގެ ސަބަބުން. އެކަކުވެސް ބޭނުމެއް ނުވޭ ރެން ދެން ރާއްޖޭން ބޭރަށް ވަކީން އުޅެން ދާކަށް.... އަދި ދިޔަޔަސް، މިކޮޅުގައި ހުންނަ ދުވަސްކޮޅު ކޮންޕެނީއަށް ޖޮއިންކުރީމަ ދޮންބެއަށް ވަރަށް ފަސޭހަ ވާނެ ދޯ!." އަޔާޝް އެތަކެއް ވާހަކައެއް އެއްފަހަރާ ދައްކައިފިއެވެ. އެވަގުތު ޒަހްރާން އެއްޗެއް ބުނަން އުޅުނު ނަމަވެސް، ވެއިޓަރު އެމީހުންގެ އޯޑަރު ހިފައިގެން އައުމުން އޭނަ މަޑުޖެހިލިއެވެ. ޒަހްރާން ދެން ވާހަކަ ދެއްކީ ވެއިޓަރު އެތަނުން ދިޔުމުންނެވެ.

"އަހަރެން ކޮންވިންސް ކުރުވުމުގެ ޓާސްކް ބައްޕަ ހަވާލުކުރީ ދޮންބެއާ ދޯ އެހެންވީމަ!." ޒަހްރާން ކޮފީ ޖޯޑު ނަގާ އެތިފޮދެއް ބޮއިލިއެވެ.

"ރެން ކޮންވިންސް ކުރުވަން ބައްޕަ ބޭނުންވާނަމަ ނަމަ މިއަދު ދޮންބެ އެއްނޫނެއްނު މިތާ އިންނާނީ؟" އަޔާޝް ބުނެލިއެވެ. "ބައްޕަ މި ވާހަކަ ދައްކަން ދޮންބެ ކައިރީ ބުންޏަސް، ދޮންބެ މިއަދު މިތާ މިއިނީ ހަމައެކަނި އެހެންވެގެނެއް ނޫން. ދޮންބެވެސް ބޭނުންވެގެން. ގޮތް ދޫކޮށްބަލަ ރެން. އަހަރެމެންވެސް އެންމެންވެސް ރެން ދެކެ ވަރަށް ލޯބިވެޔޭ. ވިސްނާލާފަ އެންމެ ފަހަރަކުވެސް ބުނެބަލަ. މިއަދު މަންމަ ދުނިޔޭގަ ހުރިނަމަ، ރެން ތިހެން އުޅޭތަން ބަލަން މަންމަ ބޭނުންވާނެތަ؟"

ޒަހްރާންގެ މޫނުމަތިން ހިނދުކޮޅަކަށް މަޑުމޮޅިކަމުގެ އަސަރުތައް ފެނިލިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނަ ފުންނޭވާއެއް ދޫކޮށްލާފައި ވާހަކަ ދެއްކިއެވެ.

"މަންމަ ނިޔާވީމަ ބައްޕަ ކުރި ކަމަކުން ހުރިހާކަމެއްވެސް ވީ... އަހަރެން ފެމެލީއާ ދުރުވި ސަބަބަކީވެސް އެއީ.. ދެން ކޮންޕެނީގެ ވާހަކަ. ކޮންޕެނީއަށް ޖޮއިން ކުރުމުގެ ޚިޔާލެއް އަހަރެންގެ ނެތް..." ޒަހްރާން ބުނެލިއެވެ.

"ރެން... ތީ ކުޑަކުއްޖެއް ނޫނެއްނު. ކިހާ ވަރަކަށް ވިސްނައިދޭންވީ. ބައްޕަވެސް ދެން ދުވަހެއް ދުވަހަކަށް ދާނީ މުސްކުޅިވަމުން. ޕްލީޒް ތިންކް އެބައުޓް އިޓް. ހަމަޖެހިލައިގެން އަދި އެއްފަހަރު ވިސްނާލާފަ ދޮންބެއަށް ޖަވާބެއް ދީ... ޕްލީޒް.... އައި ނީޑްޔޫ އިންދި ކޮންޕެނީ...." އަޔާޝް ބުނެލިއެވެ. އޭނަ ވެސް ކޮފީ ޖޯޑުން އެތި ފޮދެއް ބޮއިލިއެވެ. ޒަހްރާން އެއްޗެއް ނުބުނެ ދުރަށް ނަޒަރު ހުއްޓާލައިގެން އިނީއެވެ.

އަޔާޝް އޭނަ ގެއަށް ލާފައި ދިޔުމުންވެސް ޒަހްރާނަށް ވިސްނެނީ އަޔާޝް ދެއްކި ވާހަކަތަކާ މެދުގައެވެ. އެހެންނަމަވެސް ޒިންމާ ނަގާކަށް އޭނަ އަދި ތައްޔާރެއް ނޫނެވެ. ބޭނުމެއް ވެސް ނޫނެވެ. އެފަދަ ޚިޔާލެއްވެސް އޭނަގެ ނެތެވެ.

*****

ދަންވަރު ބާރަ ޖަހާބޮޑުވިއިރުވެސް ނުނިދިފައި އޮތް އައިރާގެ ބަނޑުގައި ކުޑަ ރިހުމެއްގެ އަސަރުވާން ފެށިއެވެ. އޭރު ބޮލަށްވެސް އެނބުރުން އަރަން ފަށައިފިއެވެ. އައިރާ ތެދުވިއެވެ. ހޮސްޕިޓަލަށް ދާން އޭނަ ނިންމިއެވެ. ލަސްކޮށްފިނަމަ ދަރިފުޅަށް ކަމެއް ވެދާނެތީއެވެ. މިއަދު މާ ބޮޑަށް ވިސްނުނީމަ ވާން ފެށި ގޮތެއް ކަމަށްވެސް ވެދާނެއެވެ. އޭނަ ހިތްވަރުކޮށްފައި ތެދުވެ އަބާޔާއެއް ލަމުން އާދައިގެ ވަށް ބުރުގާއެއް އަޅައިލިއެވެ. ދަބަހާއި ރިޕޯޓްތައް ހިފައިގެން ނުކުތްއިރު، މީހާ ހީވަނީ ވެއްޓި ދާނެހެންނެވެ. އޭނައަށް ޒަހްރާންގެ އެޕާރޓްމެންޓާ ދިމާލަށް ބަލައިލެވުނެވެ. އެހެންނަމަވެސް އެއީ އަދި ރަނގަޅު ގޮތެއް ނޫނޭ ހިތާ އޭނަ، ދަބަސްތެރެއިން ފޯނު ނަގާ ރިހާމްއަށް ގުޅައިލިއެވެ. އެހެން ފަރަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ރިހާމް ފޯނެއް ނުނަގައެވެ. އެންމެފަހުން ގޮތް ހުސްވި އައިރާ ގޮސް ޒަހްރާންގެ އެޕާރޓްމެންޓު ކައިރީގައި މަޑުކޮށްލިއެވެ. އެކަނި މާއެކަނި ދެވޭވަރަށް ވުރެ އޭނަގެ ޙާލު ދެރައެވެ. މިވަގުތު އެންމެ މުހިންމީ ހޮސްޕިޓަލާ ހިސާބަށް ފޯރުންކަން ޔަޤީންވާ ޙާލު އޭނަ ޒަހްރާންގެ އެޕާރޓްމެންޓުގައި ބެލް އަޅައިލިއެވެ.

ނިދިފައި އޮތް ޒަހްރާނަށް ހޭލެވުނީ އެ އަޑަށެވެ. އޭނަ ފޯނު ނަގާ ބަލައިލިއެވެ. އޭރު ގަޑިން ބާރަގަޑި ބައިވަނީއެވެ. އެ ގަޑީގައި އަންނާނީ ކާކުބާއޭ ހިތަށް އަރާފައި އޭނަ ޑްރެސިން ޓޭބަލް ގޮނޑީގައި އަޅުވާފައި ހުރި ޓީޝާޓް ގަޔަށް މަހާލަމުން ނުކުތެވެ. އޭރުވެސް ކެނޑިނޭޅި އެމީހަކު ބެލް އަޅަމުން ދިޔައެވެ. ޒަހްރާން ގޮސް ސްކްރީނުން ބަލައިލުމާއެކު، ލިބުނީ ހައިރާންކަމެކެވެ. ދޮރުމަތީގައި ހުރި އައިރާ ފެނުމާއެކު އަވަސް އަވަހަށް ދޮރު ހުޅުވާލައިފިއެވެ.

"އައިރާ.... ކިހިނެއްވީ؟ އޯކޭތަ؟" އައިރާއަށް ބަލައިލަމުން ޒަހްރާނަށް ސުވާލުކޮށްލެވުނެވެ. އެއާއެކު އައިރާ ދެފަރާތަށް ބޯ ހޫރާލައިފިއެވެ.

"ހޮސްޕިޓަލް." އޭނަ ބުނެލިއެވެ. ޒަހްރާން އާއެކޭ ބުނެލުމަށްފަހު، އެއް މިނެޓް މަޑުކޮށްލުމަށް އައިރާ ގާތު ބުނެލިއެވެ. އެއަށްފަހު އޭނަ ގޮސް ބަދިގެ އިސްކުރުން މޫނު ދޮވެލިއެވެ. އަދި އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން ގޮސް ނުކުތެވެ. އޭރު އައިރާ ހުރީ ފާރުގައި އަތް ޖައްސާލައިގެންނެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ފުންނޭވާތަކެއް ލަމުން ދިޔަ އައިރާއަށް ބަލައިލުމާއެކު ހިނދުކޮޅަކަށް މަޑުޖެހިލެވުނެވެ. އައިރާގެ ގައިގައި އަތްލަން އޭނަ ޖެހިލުންވީއެވެ.

"އަން..." ޒަހްރާން އޭނަގެ އަތް ދިއްކޮށްލަމުން ބުނެލިއެވެ. އައިރާ އެ އަތުގައި ހިފާލުމާއެކު، އޭނައަށް ކުރެވިގެން ދިޔައީ ބަޔާންކުރަން ދަތި އިޙްސާސްއެވެ. އައިރާއަށް އެކަމާ މެދު ވިސްނޭގޮތެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނަވަނީ ދަރިފުޅާ މެދު ކަންބޮޑުވެފައެވެ. ޒަހްރާންގެ އަތުގައި ހިފައްޓާލައިގެން ތިރިއަށް އައިރާ ދިޔައެވެ.

ޒަހްރާން އޭނަގެ ކާރު ގެނެސް ފަހަތު ސީޓަށް އައިރާ އެރުވިއެވެ. ހޮސްޕިޓަލާ ހިސާބަށް ދެވުމުން އޭނަ ކާރުން ފައިބައިގެން ގޮސް އައިރާ ފޭބުމަށްވެސް އެހީވެދިނެވެ. އަދި އެތަނުގައި ހުރި ސެކިއުރިޓީ މީހާ އަތަށް ކާރުގެ ތަޅުދަނޑި އެއްލަމުން، ޕާކުކޮށްލުމަށް އެދުނެވެ. އެއަށްފަހު، ލަސްނުކޮށް އައިރާ ގޮވައިގެން ގޮސް އެމަރޖެންސީއަށް ވަނެވެ.

އައިރާ ގެ ޙާލަތު ބެލުމަށްފަހު ޑޮކްޓަރު ބުނީ ދަރިފުޅަށް ކަމެއް ނުވާކަމާއި، އައިރާ ކަންތައްތަކާ މާބޮޑަށް ފިކުރުކުރާތީ ވާގޮތެއްކަމުގައެވެ. މާބޮޑަށް ހާސްވަންޏާ މީހާގެ ހަށިގަނޑަށް އެކަމުން އަސަރުކުރާނެ ކަމަށެވެ. އަދި ދަރިފުޅަށްވެސް ނޭދެވޭ އަސަރު ފޯރާނެކަމުގައެވެ. މި ދުވަސްކޮޅު އެއްވެސް ކަމަކާ ނުވިސްނުމަށް ޑޮކްޓަރު ބުނެލުމަށްފަހު އައިރާ އޮބްޒަވޭޝަންގައި ބޭއްވިއެވެ.

އައިރާ ފޯނަށް ބަލައިލި ނަމަވެސް، އިތުރަށް ރިހާމްއަށް ގުޅުމުގެ ޚިޔާލު އޭނަ ދޫކޮށްލިއެވެ. ލިބޭނީ މާޔޫސްކަންކަން އެނގޭތީއެވެ. އައިރާގެ އެ އަމަލުތައް ތަންކޮޅެއް ދުރުގައި ހުރި ޒަހްރާންގެ ލޮލުގައި ރީއްޗަށް އަޅައިގަތެވެ.

އައިރާ ގެއަށް ދޫކޮށްލީ ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެހުރިހާއިރުވެސް، އޭނައަށް އެހީތެރިވާން ހުރީ، ޒަހްރާންކަމުން އައިރާ ލަދުވެސް ގަތެވެ. އަމިއްލަ މީހާއަށް އަޑުވެސް ލެވުނެވެ. ފިރިއަކު ހުރެމެ، ހިލޭ ފިރިހެނެއްގެ އެހީތެރިކަން ހޯދަން މަޖުބޫރުވީތީ، އެކަމުން އިތުރު ހިތްދަތިކަމެއް އޭނައަށް ލިބިގެން ދިޔައެވެ. އޭނަ ޒަހްރާނަށް ޝުކުރު އަދާކުރިއެވެ.

ދެމީހުން ގޮސް ހޮސްޕިޓަލުން ނުކުތެވެ. ޕޯޓިކޯގެ އެއްފަރާތުގައި ހުރި ގަހެއްގެ ކައިރީގައި މަޑުކޮށްލުމަށްފަހު، ޒަހްރާން ވާހަކަ ދެއްކިއެވެ.

"އަހަރެން އެބަ އަންނަން އިނގޭ ކާރު ނަގައިގެން." ޒަހްރާން އެހެން ބުނެލުމާއެކު އައިރާ ބޯ ޖަހައިލި އިރު އޭނަ ހުރީ އިސްޖަހާލައިގެންނެވެ. އެ މޫނުމަތީގައި ދިރުމެއް ނެތެވެ.

"އައިރާ..." ޒަހްރާން މަޑުޖެހިލަމުން ގޮވައިލިއެވެ. "އޯކޭތަ؟"

"ހޫމް..." އައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"އައިރާ...." ދެވަނަ ފަހަރަށްވެސް ޒަހްރާން އައިރާއަށް ގޮވައިލިއެވެ. މިފަހަރު އައިރާ ތަންކޮޅެއް ބޮޑަށް ޒަހްރާނަށް ސަމާލުކަން ދީފައި ބަލައިލިއެވެ.

"އަހަންނަށް އެނގޭ މި ވާހަކަ ދައްކަން އަހަރެންމީ އެންމެ އެކަށީގެންވާ މީހާ ނޫންކަން. އަދި އައިރާއާ އެއްވެސް ސުވާލެއް ކުރުމުގެ ހައިސިއްޔަތެއް އަހަރެންގެ ނެތްކަންވެސް... އެކަމަކުވެސް......... އައިރާގެ... އައިރާގެ ފިރިމީހާއަށް އައިރާ ބަނޑުބޮޑުކަން އެނގޭތަ؟" ޒަހްރާންގެ ސުވާލާއެކު، އައިރާއަށް ވަގުތުން އިސްޖަހައިލެވުނެވެ. އިތުރަށް އޭނަގެ ދޫވެސް ހަރަކާތެއް ނުކުރިއެވެ.

"އައިރާ.... ޔޫ ޝުޑް ޓެލް ހިމް... ދިސް އިޒް އަ ހައި ރިސްކް ޕްރެގްނެންސީ. ޔޫ ނީޑް ސަމްވަން ޓުބީ ދެއަރ ވިތް ޔޫ... ސަމް ވަން.. ސަމް ވަން ހޫޒް ފެމިލީ..." ޒަހްރާންގެ އަޑުން އޯގާތެރިކަމާ އެއްވަރަށް ކަންބޮޑުވުންވެސް ފާޅުވަމުން ދިޔައެވެ. އައިރާއަށް ޒަހްރާނަށް ބަލައިލެވުނެވެ. އެ އަޑުގައިވި އޯގާތެރިކަމުގެ އަސަރުތަކުން އޭނަ އިތުރަށް ހިތްދަތިވުން ނޫންކަމެއް ނުވިއެވެ. އޭނަގެ ދެލޯ ފެންކަޅިވަމުން ދިޔައިރު މިފަހަރު އޭނައަށް ޒަހްރާނާ ނަޒަރު ވަކިކޮށްލާކަށް ނޭނގުނެވެ. ޒަހްރާން އެބުނަނީ ތެދު ވާހަކައެއްކަން ޚުދު އޭނައަށްވެސް އެނގޭތީއެވެ. އެކަމަކު މިހާދުވަސްވީއިރު އޭނައަށް އެވާހަކަ ބުނާނެ ފުރުސަތެއް ނުލިބުނީއެވެ. ކިތަންމެ ބުނަން ބޭނުންވެފައިވީ ނަމަވެސް އެކަންތައް ނުކުރެވުނު ސަބަބަކީ އެއީއެވެ. އެންމެފަހުން އެ ފުރުސަތު ލިބުނު ދުވަހު، ބުނާނެ ހިތްވަރު ނުލިބުނީއެވެ.

"މި އަންނަނީ..." ޒަހްރާން ބުނެލިއެވެ. އެއަށްފަހު އޭނަ ގޮސް ސެކިއުރިޓީ މީހާ އަތުން ތަޅުދަނޑި ނަގައިގެން ގޮސް ކާރަށް އެރިއެވެ. އޭނަ މަގާ ދިމާލުން އައިސް މަޑުކޮށްލުމަށްފަހު، ކާރުން ފައިބާ އައިރާ އެރުމަށް ކާރުގެ ކުރީ ދޮރުފަތް ހުޅުވައިލަ ދިނެވެ. އައިރާވެސް އައިސް ދެފަރާތަށް ބަލައިލަމުން ކުރީ ސީޓަށް އަރާ އިށީނެވެ. އެވަގުތު އެތަނާ ކައިރިއަށް އައިސް އިތުރު ބަޔަކުވެސް މަޑުކޮށްލުމާއެކު، ޒަހްރާން ހުޅުވައިލި ދޮރު ލައްޕާލާފައި ފަހަތު ސީޓަށް އަރަން އޭނައަށް ނުކެރުނީއެވެ.

ޒަހްރާންވެސް ގޮސް ކާރަށް އަރާ ދުއްވާލައިފިއެވެ.

އެ ހުރިހާ މަންޒަރެއް ފެނުނީ މަގުގެ އެއްފަރާތުގައި ޕާކުކޮށްލާފައި އޮތް ކާރުގެ ފަހަތު ސީޓުގައި އިން ޝާފިޔާއަށެވެ. އައިރާމެން ހޮސްޕިޓަލުން ނުކުތް ހިސާބުން ފެށިގެން ކާރަށް އަރާ ދުއްވައިލި މަންޒަރުވެސް ސާފުކޮށް އޭނައަށް ފެނުނެވެ.

އެ ދެމީހުން ދިޔަ ދިމާލަށް ދިއްކޮށްލެވިފައިވާ ފޯނު ތިރިކޮށްލިއިރު، އޭނަގެ ތުންފަތްމަތީގައި ވަނީ ނުބައި ޒާތެއްގެ ހިނިތުންވުމެކެވެ. ޝާފިޔާ އެއައީ ދާނިޔާގެ މަންމަ ހަނީފާ ކަކުލުގެ އޮޕަރޭޝަނެއް ކޮށް، އެޑްމިޓްކޮށްގެން އުޅޭތީ އޭނައަށް ގޮވާލަންވެގެންނެވެ. އެހެންނަމަވެސް އެ ހިސާބަށް އަރާހަމަވުމާއެކު، ފެނުނު މަންޒަރުން އޭނަ ޑްރައިވަރުގެ ކައިރީގައި ބުނެގެން އެ ދެމީހުން ފެންނާނެހެން މަގުގެ އެއްފަރާތުގައި ކާރު މަޑުކުރުވީއެވެ. އައިރާމެން ފަދަ އަންހެން ކުދިން ދުވަހަކު ރަނގަޅެއް ނުވާނެއެވެ. މައުސޫމްކަމަށް ހެދިގެން އުޅުނު ނަމަވެސް، މިއަދު އޭނައަށްވެސް އައިރާގެ އަސްލު ސިފަ އެ ފެނުނީއެވެ. މީހަކާ އިނދެގެން ހުރެ ހިލޭ ފިރިހެނުންނާ ވާހަކަ ދައްކަން ހުންނާނީ ހަމަ ގައިމުވެސް ވަރަށް ގޮތެއް ނެތީމައެވެ. އެވެސް ރޯމާ ދުވާލެވެ.

ޝާފިޔާ ޑްރައިވަރަށް އިޝާރާތްކޮށްލުމުން އޭނަ ގޮސް ކާރު ހޮސްޕިޓަލްގެ ޕޯޓިކޯއަށް މަޑުކޮށްލިއެވެ. އެއާއެކު ޝާފިޔާ ފޭބިއެވެ. އޭނަ ފޯނު ނަގާ ދާނިޔާއަށް ގުޅައިލީ ދާނިޔާވެސް ހޮސްޕިޓަލުގައި ހުރުމުންނެވެ. އެއަށްފަހު އޭނަ ގޮސް ހޮސްޕިޓަލަށް ވަދެއްޖެއެވެ.

*****

ކާރުގައި އިންއިރުވެސް އައިރާއާ ޒަހްރާނާ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެ ދެމެދަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. އައިރާ އިނީ އިސްޖަހާލައިގެންނެވެ. ޒަހްރާންގެ މީގެ ކުޑައިރުކޮޅެއް ކުރިން ބުނެލި ޖުމްލަތައް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައިރު، ހިތުގެ ގިލަންވެރިކަމުގެ ކުރިމަތީގައި ނަފްސުގެ ބާރުވެރިކަން އަމިއްލަ އިޙްތިޔާރުން ގެއްލިގެން ދާން އުޅޭހެން އައިރާއަށް ހީވިއެވެ. ޒަހްރާން އައިރާއަށް އަވަސް ނަޒަރެއް ދިނެވެ. ކޮންމެވެސް އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް އޭނަ މަޑުޖެހިލިއެވެ. ފުން ވިސްނުމަކަށް ގެއްލިފައި އިން އައިރާގެ މޫނުމަތީގައި ހީވަނީ ހިތާމައިގެ ސާލެއް އޮޅާލެވިފައިވާހެންނެވެ.

"އައި ޑިޑިންޓް ގެޓް އަ ޗާންސް..." ހިމޭންކަން ފޫއަޅުވައިލީ އައިރާގެ އަޑުންނެވެ. އެހެން ބުނެލިއިރުވެސް އޭނަ އިނީ އިސްޖަހާލައިގެންނެވެ.

"އެން..." އައިރާގެ އަޑު ކުއްލިއަކަށް އިވުމުން، ޒަހްރާނަށް އައިރާއަށް ބަލައިލެވުމާއެކު، ކާރުގެ ދުވެލި ވެސް ކުޑަކޮށް މަޑުޖައްސައިލެވުނެވެ. އައިރާ އެބުނި ބަސްތަކުގެ މާނަ އޭނައަކަށް ފަހުމެއް ނުވިއެވެ.

"އައި ޑިޑިންޓް ގެޓް އަ ޗާންސް ޓު ޓެލް ހިމް އެބައުޓް މައި ޕްރެގްނެންސީ..." އައިރާ އިތުރު ކޮށްލިއެވެ. އޭރު އެ އަޑުގައި ތުރުތުރު އެޅުމެއްގެ އަސަރުވިއެވެ. އައިރާގެ ހިތާމަތައް ހާމަކަން ބޮޑުގޮތެއްގައި އޭނަގެ އަޑުން ފާޅުވަމުން ދިޔައިރު، މިފަހަރު ތަޅު އެޅުނީ ޒަހްރާންގެ ދުލުގައެވެ. އޭނައަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީއެވެ.

"އެންޑް ވެން އައި ގޮޓް ދި ޗާންސް، އައި ޑިޑިންޓް ހޭވް ދި ކަރެޖް ޓު ޓެލް ހިމް." އައިރާއަށް އަނެއްކާވެސް ބުނެވުނެވެ.

"އަހަރެން ހަމައެކަނި ބޭނުންވީ މި ވާހަކަ ބުނާއިރު، ރިހާމް އަހަރެންގެ ކައިރީގައި ހުންނަން. އެ މޫނުމައްޗަށް އަރާ ފައިބާނެ ކުލަވަރު ބަލައިލަން. ފޯނުން ބުނެފިނަމަ އަހަންނަށް އެ މަންޒަރު ނުފެންނާނެތީ. މި ޚަބަރު ލިބުމުން ރިހާމް އުފާވާވަރު ބަލާލަން އަހަރެން ބޭނުންވީ.... މިހުރިހާ ދުވަހު އެ ވާހަކަ ނުބުނެ މަޑުކުރި ސަބަބަކީ އެއީ... މިކަން މިގޮތަށް ވާން އެދުމަކީ އަހަރެންގެ އަމިއްލަ އެދުން ބޮޑުވުންތަ؟ ޒަހްރާން ބުންޏަސް އަހަންނަށް ފަސޭހައެއް ނޫން. އަދި އަމްދުން މިހާރު. އަހަރެން ގޯ ތްރޫ ކުރި ހުރިހާކަމަކަށްފަހު...." ފުރަތަމަ ފަހަރަށް އޭނަގެ ހިތުގައިވި ޝަކުވާއާއި ތަކުލީފުތަކުގެ ކުޑަ މިންވަރެއް އައިރާ ޒަހްރާނާ ހިއްސާކުރިއެވެ. އޭނައަށް ލަސްލަހުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހީވަނީ ނުތަނަވަސްކަން ވަންހަނާ ކުރަން މަސައްކަތްކުރަމުން ދިޔަހެންނެވެ. އެހެންނަމަވެސް، އައިރާއަށް އައިސްފައިވި ބަދަލުތައް ދެނެގަންނަން ޒަހްރާން ކުޅަދާނައެވެ. އައިރާއަށްޓަކައި އޭނަގެ ހިތް ޙަމްދަރުދީއިން ފުރުނުއިރު، އެހިތުގައި އައިރާއަށްޓަކައި ވާ ލޯބިން ވިންދެއް ޖަހާލާފައި އިޙްސާސްތައްވެސް ހޭލައްވާލައިފިއެވެ. އައިރާގެ ދެލޮލަށް ވެރިވި ވިދުމުން އެ ލޮލަށް ކަރުނަ ޖަމާވީކަން ޒަހްރާނަށް ދެނެގަނެވުނެވެ. އެހިނދު އައިރާއަށްޓަކައި އޭނަގެ ހިތުގައިވެސް ވޭނީ އަސަރެއް އުފަންވެލައިގެން ދިޔައެވެ. އެހިތާމަތައް ލުއިކޮށްދޭން އޭނަ ބޭނުންވިއެވެ. އެހެންނަމަވެސް، ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އައިރާއަށް އޭނައަކީ ދުރު ހިލޭ މީހެކެވެ. އެއްވެސް ގުޅުމެއް ނެތެވެ. އަދި އަމްދުން އެއީ މީހެއްގެ އަނތްބެކެވެ. އައިރާއާ އިތުރަށް ސުވާލުކުރަން ހިތް އެދުނު ނަމަވެސް، ޒަހްރާން ކެތްތެރިވިއެވެ.

"އޭނަ އައިރާއަށް ޗީޓްކުރާކަން އައިރާއަށް އެނގޭބާ؟" ޒަހްރާނަށް ހިތާ ހިތުން ވާހަކަ ދެކެވުނެވެ. އެޕާރޓްމެންޓް ކޮންޕްލެކްސްއާ ހިސާބަށް އާދެވުމާއެކު، ކާރު މަޑުކޮށްލަމުން ޒަހްރާން އައިރާއަށް ބަލައިލިއެވެ. އައިރާ ކާރުން ފޭބުމުން ޒަހްރާންވެސް އެއްފަރާތުގައި ކާރު ޕާކުކޮށްލަމުން ފޭބިއެވެ. ލިފްޓް ލޮބީއަށް ގޮސް ވަދެ ލިފްޓަށް މަޑުކޮށްލައިގެން ތިބެފައި އައިރާ ޒަހްރާނަށް ބަލައިލިއެވެ.

"ތެންކިއު ޒަހްރާން... ތެންކިއު ސޯ މަޗް..." ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިހެން ހީނުވެ އައިރާ އިސްޖަހައިލިއެވެ. އޭނަ ލަދުވެސް ގަތެވެ. އެހެންނަމަވެސް، މިއައު އެހީތެރިކަމަށް އެދެން ޖެހުނީ ހިލޭ ފިރިހެނެއްގެ ކައިރިން ކަމުގައިވާތީއެވެ. ފިރިއަކު ހުރެމެ އެ ފިރިމީހާގެ ފަރާތުން އެއްވެސް އަޅާލުމެއް އޯގާތެރިކަމެއް ނުލިބެއެވެ. އަނެއްކޮޅުން ފިރިމީހާ އެދަނީ ހިލޭ އަންހެނުންނާ ލޯބީގެ ގޮތުން ގުޅުންތައް ހިންގަމުންނެވެ. އެވެސް އޭނައަށް ސިއްރުންނެވެ. ލިފްޓް އައުމާއެކު މައްޗަށް ދިޔައީވެސް ދެމީހުން އެކީގައެވެ.

"ޓޭކް ކެއަރ އިނގޭ އައިރާ..." ލިފްޓުން ފޭބުމަށްފަހު ޒަހްރާން ބުނެލުމާއެކު، އައިރާ ބޯ ޖަހައިލިއެވެ. އޭނަ އިތުރަށް އެއްވެސް އެއްޗެއް ނުބުނި ނަމަވެސް ތުންފަތް މައްޗަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ. ހިލޭ މީހެއްގެ ފަރާތުން އެ ލިބުނު އޯގާތެރިކަމަށް ހިތް ޝުކުރުވެރިވިޔަސް، ނަފްސު އެކަމަށް މަލާމާތްކޮށްލިއެވެ. ފިރިމީހާގެ ފަރާތުން އިވެން ޖެހޭ ބަސްތައް މިއަދު އޭނަގެ ކަންފަތާ ހަމައަށް އެ ފޯރީ ހިލޭ މީހެއްގެ ފުށުންނެވެ.

"އިފް ޔޫ ނީޑް އެނީ ހެލްޕް ލެޓް މީ ނޯ..." ޒަހްރާން އެހެން ބުނެލާފައި އެޕާރޓްމެންޓަށް އިޝާރާތްކޮށްލީ އައިރާއަށް ކޮންމެ ވަގުތަކުވެސް އޭނައަށް ގޮވާލެވޭނެކަމަށް ބުނުމުގެ ގޮތުންނެވެ. އައިރާ ހަމައެކަނި ހިނިތުންވެލީއެވެ. އޭނައަށް ޒަހްރާނަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގުނެވެ. އައިރާ ގޮސް އެޕާރޓްމެންޓަށް ވަނުމާއެކު، ޒަހްރާންވެސް އެތެރެއަށް ވަނެވެ.

ސޯފާގައި އިށީނދެފައި ރިޕޯޓްތަކުގެ އިތުރުން، ބޭސްތައް ކުޑަ މޭޒުމަތީގައި ބަހައްޓަމުން އައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ރިހާމްގެ ބޭވަފާތެރިކަން ހަނދާންވެ އަނެއްކާވެސް ދެލޮލުން ކަރުނަ ހިލުނެވެ. ބަނޑުގައި އަތް ޖައްސައިލެވުނެވެ. އެ ދަރިފުޅު ބައްޕައެއްގެ ލޯބިން މަޙްރޫމްވާކަށް އޭނަ ބޭނުމެއް ނޫނެވެ. މި ޒުލުމްވެރި ދުނިޔޭގެ ތެރެއަށް އެ ދަރިފުޅު ބިކަވެގެންދާކަށް ވެސް މެއެވެ. ބައްޕައެއްގެ ލޯތްބާއި، ފުރިހަމަ ރައްކާތެރިކަމާއި، ހިމާޔަތް އެ ދަރިފުޅަށް ލިބެން އޭނަ ބޭނުމެވެ. އޭނައަށް ނުލިބުނު ހުރިހާ އުފަލެއް އެ ދަރިފުޅަށް ދޭންވެސް ބޭނުމެވެ. އެހެންނަމަވެސް، މިހާރު އޭނަގެ ހިތްވަނީ ބިރުގަންނަން ފަށާފައެވެ. އޭނައާ ދަރިފުޅު ހުރިހާ އުފަލަކުން މަޙްރޫމް ވެދާނެހެން ހީވާތީއެވެ.

*****

ހަނީފާގެ ކައިރީގައި އިނުމަށްފަހު ޝާފިޔާ ގެއަށް ދާންވެގެން އަވަސްވެގަތްއިރު އިރު އޮއްސެނީއެވެ.

"ހަނީފާ... އަހަރެން ގޮސްލަނީ އިނގޭ. އިންޝާ ﷲ އަދި މާދަންވެސް އަންނާނަން..." ޝާފިޔާ ބުނެލިއެވެ. އޭނަ ސޯފާގައި އިން ދާނިޔާއަށް ބަލައިލުމާއެކު ދާނިޔާވެސް ތެދުވެލިއެވެ. އޭނަގެ މަޤްސަދަކަށްވީ ޝާފިޔާއާއެކު ތިރިއަށް ދިޔުމެވެ.

"ރިހާމް ކޮބާ؟ މަންމަ ހީކުރީ ދާނިޔާއާ އެކީ މިކޮޅުގަ ކަމަށް ހުންނާނީ." ޝާފިޔާ ސުވާލުކޮށްލިއެވެ.

"އެއްކޮށް އައޭ.. އެކަމަކު އޮފީހުގަ ކަމެއް ޖެހިގެން ދިޔައީ..." ދާނިޔާ ބުނެލިއެވެ.

"އާނ. ބައްޕަވެސް ބުންޏޭ ކޮންމެވެސް ކަމެއް ދިމާވެގެން އުޅޭ ވާހަކަ. މަންމައަށްވެސް މާ ބޮޑު ތަފްސީލެއް ނޭނގެ..." ޝާފިޔާ ބުނެލިއެވެ. ދާނިޔާ ހިނިތުންވެލުމަށްފަހު، އެބަ އަންނަމޭ ބުނެފައި ޝާފިޔާއާއެކު ގޮސް ކޮޓަރިން ނުކުމެލިއެވެ. އެއަށްފަހު އޭނަ ޝާފިޔާއާ އެކު ލިފްޓާ ހިސާބަށް ވެސް ދިޔައެވެ.

"ދެން އެންމެ ރަނގަޅުވާނެ ދަރިފުޅު ނަޔަސް... މަންމަ ދެން ގޮސްލަފާނަން." ޝާފިޔާ ބުނެލިއެވެ. އެއަށްފަހު އޭނަ ހިނިތުންވެލިއެވެ. ދާނިޔާވެސް ޝާފިޔާ ލިފްޓަން އަރަންދެން ހުރެފައި އަނބުރާ ގޮސް ހަނިފާ އޮތް ކޮޓަރިއަށް ވަދެލިއެވެ.

ޝާފިޔާ ނުކުތްތަން ފެނުމާއެކު، ޑްރައިވަރު ނުކުމެ ޝާފިޔާ އަރަންވެގެން ކާރުގެ ދޮރުފަތް ހުޅުވާލަދީފިއެވެ. ޝާފިޔާ އޭނާ އަޅައިގެން ހުރި ބުރުގާ ރަނގަޅުކޮށްލަމުން ކާރަށް އަރާ އިށީނުމާއެކު ޑްރައިވަރު ދޮރު ލައްޕާލައިފިއެވެ. އެއަށްފަހު ގޮސް ޑްރައިވަރުގެ ސީޓަށް އަރާ ކާރު ސްޓާރޓްކޮށްލިއެވެ. އެވަގުތު ކޮޅުގެ ތެރޭގައި ޝާފިޔާ އޭނަގެ ހިތުގައި މޮޅު ރޭވުމެއް ރާވައިލިއެވެ. ހައިވޭއާއި ބްރިޖު ހުރަސްކޮށްފައި، ޑްރައިވަރު މިސްރާބު ބެހެއްޓީ "ވައިޓްލިލީ" އާ ދިމާލަށެވެ. އެހެންނަމަވެސް، ޝާފިޔާ ވިސްނާލަމުން "އާރބަން ކޮންސްޓްރަކްޝަންސް"ގެ އޮފީހާ ދިމާލަށް ދިޔުމަށް ޑްރައިވަރަށް އިރުޝާދު ދިނެވެ. އަދި ފޯނު ނަގާފައި ރިހާމްއަށް ގުޅައިލިއެވެ.

"ހަލޯ... ދަރިފުޅު... ކޮންތާކު؟" ޝާފިޔާ ސުވާލުކޮށްލިއެވެ.

"އަދި އޮފީހިގަ މީނީ. ހޮސްޕިޓަލަށް ގޮސްފިންތަ މަންމާ؟" ރިހާމް ސުވާލުކޮށްލިއެވެ.

"އާނ. ގޮސްފަ މިއައީ. މިރޭ ލަސްވާނެ ދޯ ގެއަށް އަންނަން. މަންމަ އެބަ ދަން އިނގޭ އޮފީހަށް..." ޝާފިޔާ ބުނެލިއެވެ. އޭނައަށް ދެން އެންމެ ވަގުތުކޮޅަކުވެސް ކެތެއް ނުވާނެއެވެ. މިހާރުން މިހާރަށް އޭނަ އައިރާގެ ވާހަކަ ރިހާމްގެ ކައިރީގައި ބުނަން ބޭނުމެވެ. ކެތްކޮށްގެން ހުންނަތާ ވެސް ހާދަ އިރެކެވެ. ރިހާމްގެ ހިތުގައި އައިރާއާ މެދު ޝައްކު އުފައްދަން ރަނގަޅު ހެއްކެތްވެސް ލިބިއްޖެއެވެ. ފަހަރުގައި އޭގެ ބޭނުންކޮށްގެން ރިހާމްގެ ސިކުނޑިއާ ކުޅެލެވިދާނެއެވެ. އައިރާއާ މެދު ކިލަނބުކަމެއް އުފެދިއްޖެނަމަ، އެ ދެމީހުން ދުރުކުރުވުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ. ގުޅުމެއް ބިނާވާ މައިގަނޑު އަސާސަކީ އިތުބާރަށް ވީ ހިނދު އިތުބާރު ގެއްލިއްޖެނަމަ، ނުވަތަ އޭގެ ބިންގާގައި ކުޑަވެސް ރެނދެއް އެޅިއްޖެނަމަ އެގުޅުމެއް ނިމޭކަށް ގިނަ ދުވަހެއް ނުނަގާނެއެވެ. އައިރާ ފަދަ ބައްޕަނެތް ރާއްޖެތެރޭގަ ހަށި ވިއްކާ އަންހެން ކުއްޖަކަށް އޭނަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ އަނތްބެއްގެ މަޤާމުގައި ހުރެވިގެން ނުވާނެއެވެ. އެއީ އެ ޢާއިލާއަށްވެސް ހުރި ހުތުރެކެވެ. ރިހާމްއާއި ދާނިޔާގެ ކައިވެނީގެ ހަފްލާގައި ވެސް މީހުން އެ ދެ ޒުވާނުންނަށް ކުރި ތަޢުރީފްގެ ބަސްތައް އޭނަގެ ކަންފަތަށް އިވުނެވެ. އައިރާއާ ރިހާމްގެ ކައިވެނި ސިއްރުކުކޮށްގެން އުޅެވޭކަންވެސް ނަސީބެކެވެ. އެހެން ނޫނީ އެމީހުންގެ ޢިއްޒަތަށްވެސް ހުތުރުވާނެއެވެ. އެކަންތައް އިތުރު ބަޔަކަށް އެގުމުގެ ކުރިން އެ މުސީބާތުން ސަލާމަތްވާން ވެސް އެބަ ޖެހެއެވެ.

"މަންމަ... މިގަޑީގަ؟" ރިހާމްއަށް އަހައިލެވުނެވެ.

"މިހާރު މި ގާތްކޮށްލީ..." ރިހާމްގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ޝާފިޔާ އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ.

އޮފީސް އިމާރާތް ކުރިމައްޗަށް ކާރު ހުއްޓާލުމުން ޝާފިޔާ ކާރުން ފޭބިއެވެ. ދޮރުވާނަކަށް ހުރި މީހާއަށް ޝާފިޔާ ފެނުމާއެކު، އޭނަ އިޙްތިރާމް އަދާކޮށްފައި ދޮރު ހުޅުވައިލިއެވެ. ހާލަކުން ފަހަރަކު ޝާފިޔާ އެ އޮފީހަށް އައި ނަމަވެސް، އެއީ ކާކުކަން ވަރަށް ރަނގަޅަށް އޭނައަށް އެނގެއެވެ. ޝާފިޔާ އެތެރެއަށް ވަނުމަށްފަހު ލިފްޓަށް އަރައިގެން ހަތަރު ފަންގިފިލާގެ އެ އޮފީހުގެ އެންމެ މައްޗަށް އެރިއެވެ. އޭނަ ގޮސް ރިހާމްގެ ނަން ޖަހާފައިވާ ކެބިންގައި ޓަކި ޖަހާލާފައި ވަދެލިއެވެ. އޭރު ރިހާމް އިނީ މޭޒުކައިރީގައެވެ. ކުރިމަތީގައި ހުރި ގޮނޑީގައި ލޯޔަރުވެސް އިނެވެ. އެ ދެމީހުން ދިޔައީ "މޭޕަލް ހެރިޓޭޖް" އާއެކު ހަދާފައިވާ އެއްބަސްވުންތައް ދިރާސާކުރަމުންނެވެ. ޝާފިޔާ ފެނުމާއެކު ރިހާމް ލޯޔަރަށް އިޝާރާތްކޮށްލީ އެމީހުންނަށް އެކަނިވަގުތުކޮޅެއް ދިނުމަށެވެ. އެއާއެކު ލޯޔަރު ގޮސް ނުކުމެއްޖެއެވެ.

"މަންމަ ކިހިނެއްވީ؟ މާ ހާސްވެތަ ތިހުރީ ކީއްވެތަ؟" ރިހާމްއަށް ޝާފިޔާގެ މޫނުމަތީގެ ކުލަވަރުތައް ދިރާސާ ކުރެވުނު ހިނދު އެ މޫނުމަތީގައި ނުރުހުންތެރިކަމެއް ވީކަންވެސް ނަގައިގަނެވުނެވެ. އޭނަ ގެއަށް ދަންދެންވެސް މަޑުނުކޮށް ޝާފިޔާ އެގޮތަށް އަންނާނީ ކޮންމެވެސް ބޮޑުކަމެއް ވީމަކަން ރިހާމްއަށް ދެނެގަނެވުނެވެ. އޭނަ ގޮނޑިން ތެދުވެލީ މަންމަ އައިސް ކައިރިއަށް ހުއްޓެން ދެނެވެ. ޝާފިޔާ އިށީނުމާއެކު ރިހާމްވެސް އިށީނދެއްޖެއެވެ.

"މަންމާ... ބުނެބަ. ކިހިނެއްވީ؟" ރިހާމް ސުވާލުކޮށްލިއެވެ.

"ހިތްހަމަނުޖެހިފަތަ؟ ދާނިޔާއާއެކީ ހޮސްޕިޓަލްގަ ހުރެފައޭ މިއައީ. ކޮންމެހެންވެސް މީޓްކޮށްލަން ލޯޔަރު ބުނެލީމަ." ރިހާމް ހީކުރީ ޝާފިޔާ ހިތްހަމަ ނުޖެހުނީ އޭނަ ދިޔައިރު ރިހާމް އެތަނުގައި ނެތީމަ ކަމަށެވެ. އެހެންނަމަވެސް ވީ އެހެން ނޫންކަން ޝާފިޔާ ދެން ބުނެލި ޖުމްލައިން ރިހާމްއަށް ސާފުވެއްޖެއެވެ.

"ރިހާމްއަށް އެނގޭތަ ރިހާމްގެ ފުރަތަމަ އަނބިމީހާ އުޅޭގޮތެއް؟" ޝާފިޔާ ރިހާމްއަށް ބަލައިލިއިރު، އޭނަ އިނީ ދެބުމަ ގޮށްޖަހާލައިގެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު