ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު މާރިޔާ ވެސް އިސްތިއުފާ ދެއްވައިފި

މިނިސްޓަރު މާރިޔާ: ކާޅާއި ވާ މަރަން ބޭނުން ނޫން ކަމަށާއި އެތަކެއްޗާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ހިމެނޭހެން ސަރުކާރުގެ ފަސް ވަޒީރަކު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފިއެވެ. އަދި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ފަދަ އިސް ވަޒީރުންތަކެއް ވަނީ މަގާމުން ވަކިކުރައްވާފައެވެ. މި ކުއްލި ބަދަލުތައް ގެނެސްފައިވަނީ ދާދި ފަހުން ބޭއްވި ކައުންސިލް އިންތިޚާބުތަކުގައި ވެރިކަންކުރާ ޕާޓީއަށް ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެންނެވެ.

  • ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ހިމެނޭހެން 5 ވަޒީރަކު އިސްތިއުފާ ދެއްވައިފި
  • ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އާއި އިތުރު ވަޒީރުންތަކެއް މަގާމުން ވަކިކޮށްފި
  • މި ބަދަލުތައް އައީ ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން
  • ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައި

ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވެސް އިސްތިއުފާ ދެއްވައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރިޔާގެ އިތުރުން އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ:

  • ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
  • ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
  • ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
  • ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)

މަގާމުން ވަކިކުރެއްވި ބޭފުޅުންނަކީ

  • ޑރ. އައިޝަތު ޝިހާމާއި، އާދަމް ޝަރީފް
  • ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

މި ސަރުކާރުގައި މިނިސްޓަރު މާރިޔާ އެންމެ ފުރަތަމަ ހުންނެވީ، ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށެވެ. މާރިޔާ އެގްރިކަލްޗާ މިނިސްޓްރީއަށް ބަދަލުކުރީ ކުރިން އެ މަގާމުގައި ހުންނެވި ރަމީލާ އާލާސްކަންފުޅާ އުޅުއްވަންޖެހުމުން އިސްތިއުފާ ދެއްވުމުންނެވެ.

ވަޒީރުންތަކެއް މަގާމުން ވަކިކޮށްފައި ވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މުހިންމު ވޯޓުތަކަކުން ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީގެ އިންތިޚާބުން މުހިންމު ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.

މީގެ އިތުރުން މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ވެސް، ގިނަ ބަޔަކު ވޯޓު ދިނީ ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށް، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށެވެ.

އެ އިންތިޚާބުތަކުގެ ފަހުން ދައުލަތުގެ ކުންފުނިތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ.

comment ކޮމެންޓް