މިދިޔަ ހަފްތާ ބަންދުގައި ޕާކިސްތާނުގެ ބޭއްވި އެމެރިކާއާއި އީރާނުގެ ސުލްހައިގެ މަޝްވަރާތަކުގައި ޔޫރޭނިއަމް މުއްސަނދިކުރުން 20 އަހަރަށް މެދުކަނޑާލުމަށް އެމެރިކާއިން އީރާނަށް ހުށަހަޅައިފައިވަނިކޮށް، ފަސް އަހަރު ދުވަހަށް ޔުރޭނިއަމް މުއްސަނދި ކުރުން މެދުކަނޑާލުމަށް އީރާނުން ހުށަހަޅައިފިއެވެ.
އެކަމާ ގުޅިގެން އީރާނުން އިއްޔެ ފޮނުވި ރަސްމީ ޖަވާބުގައި ފަސް އަހަރަށް ދުވަހަށް މެދުކަނޑާލުމަށް ހުށަހެޅި ކަމަށް އީރާނުގެ އިސް ދެ އޮފިޝަލަކާއި އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފައިވެއެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ހުށަހެޅުމާ ދެކޮޅު ހައްދަވާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.
އެމެރިކާއިން ވަނީ އީރާނުން ޔުރޭނިއަމް ނައްތާލުމަށްވެސް ޑިމާންޑްކޮށްފައެވެ.
ރިޕޯޓުގައިވާ ގޮތުން އީރާނުން ވަނީ އެ ތަކެތި ގައުމުގެ އެތެރޭގައި ބެހެއްޓުމަށް ބާރުއަޅައި، އޭގެ ބަދަލުގައި ހަތިޔާރުގައި ބޭނުން ނުކުރެވޭ ވަރަށް ޔުރޭނިއަމް މަދުކުރަން ހުށަހަޅާފައެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި މުސްތަގުބަލުގައި އީރާނުން އަލުން ޔުރޭނިއަމް މުއްސަނދިކުރުން އިތުރުކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.
ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވީ ނަމަވެސް އާ ބުރެއްގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވާހަކަތައް ދެކެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނެވި، އެ ގައުމުގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ ޕާކިސްތާނުގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި އީރާނުގެ އޮފިޝަލުންނާ އެކު "ބައެއް ރަނގަޅު ވާހަކަތަކެއް" ދެކެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ "ބޯޅަ މިހާރު އޮތީ އީރާނުގެ ކޯޓުގައި" ކަމަށާއި މުހިންމު ސުވާލަކީ މަޝްވަރާތައް ކުރިއަށް ގެންދަން އީރާނުން މަސައްކަތްކުރާނެތޯ ކަމަށްވެސް ވެންސް ވިދާޅުވިއެވެ.
އެެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތައް ހުއްޓާލައި ހަނގުރާމަ ދާއިމީ ގޮތެއްގައި ނިންމުމަށް މަޝްވަރާތައް ފެށި ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއްނުވެއެވެ.
އެއްބަސްވުމެއް ގާއިމު ނުކުރެވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ކޮންޓްރޯލު ނަގާފައިއޮތް ހުރުމުޒް ކަނޑުއޮޅިން އީރާނަށް ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.