ދެކުނު އިންޑިއާގެ އެކްޓަރު އަދި މިހާރު ސިޔާސީ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ތަލަޕަތީ ވިޖޭގެ ފިލްމު "ޖަނަ ނަޔަގަން" ލީކުކޮށްލި މައްސަލައިގައި ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފިލްމު "ޖަނަ ނަޔަގަން"ގެ މަންޒަރުތަކެއް ޤާނޫނާ ޚިލާފަށް އާންމުކުރި މައްސަލައިގައި ޓަމިލް ނާޑޫގެ ސައިބަ ކްރައިމް ވިންގުން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލުން ހާމަކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފިލްމު "ޖަޔަ ނަޔަގަން" އުފެއްދި ކޭވީއެން ޕްރޮޑަކްޝަންސްގެ ފަރާތުން ވަކާލާތުކުރައްވާ ވިޖަޔަން ސުބްރަމާނިއަމް 'އެކްސް'ގައި ހިއްސާކުރި ޤާނޫނީ ބަޔާނެއްގައި ވިދާޅުވީ، "ޖަޔަ ނަޔަގަން"ގެ މަންޒަރުތައް ލީކުކޮށްލި މައްސަލައިގައި ސައިބަ ކްރައިމް ޑިޕާޓްމަންޓުން މިހާރުވެސް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ސޯޝަލް މީޑިއާ ނުވަތަ ޑިޖިޓަލް އެއްވެސް ވަސީލަތެއް މެދުވެރިކޮށް މި ފިލްމުގެ ލީކުވެފައިވާ މަންޒަރުތައް ޑައުންލޯޑްކުރުން، ފޮނުވުން ނުވަތަ ހިއްސާކުރާ އެންމެހައި ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ޖިނާއީ ދަޢުވާ ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެއްވެސް އިސްތިސްނާއެއް ނެތި މިފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށްވެސް ވަނީ އިންޒާރު ދީފައެވެ.
މި މައްސަލައިގައި، ފިލްމުގެ މަންޒަރުތައް ނަގައި ފޮނުވި ފަރާތާ މެދު މިހާރުވެސް ޤާނޫނީ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށާއި، މިކަމުގައި ބައިވެރިވާ އެންމެހައި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"ޖަޔަ ނަޔަގަން"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މި ފިލްމު ލީކުކޮށްލި މައްސަލައިގައި ހަ މީހަކު ހައްޔަރުކުރެވިފައި މިވަނީ ފިލްމުގެ ބައެއް މަންޒަރުތައް އިންޓަނެޓުގައި ދައުރުވާން ފެށުމާ ގުޅިގެން، ޕައިރަސީގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކޭވީއެންއިން ޤާނޫނީ އިންޒާރު ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިއީ ކޭވީއެން ޕްރޮޑަކްޝަންސްގެ އެދުމުގެ މަތިން ނެރެފައިވާ އާންމު އިއުލާނެއް ކަމަށެވެ. އެ ފިލްމަކީ އެޗް. ވިނޯތު ޑައިރެކްޓްކޮށް، އަނިރޫދް ރަވިޗަންދަރު މިއުޒިކް ތައްޔާރުކޮށްފައިވާ، ތަލަޕަތީ ވިޖޭ ލީޑް ރޯލުން ފެންނަ ފިލްމެކެވެ. މި ފިލްމަކީ އެތައް ސަތޭކަ ކްރޯޑް ރުޕީސްއެއް އިންވެސްޓްކޮށްގެން އުފައްދާފައިވާ، ސިނަމާތަކާއި، ސެޓެލައިޓް އަދި އޯޓީޓީ ޕްލެޓްފޯމްތަކުގައި ބޮޑު އަގުތަކެއް ކަނޑައެޅިފައިވާ އުފެއްދުމެކެވެ.
ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށްވާ "ޖަޔަ ނަޔަގަން" އަކީ ވިޖޭ ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދޭ އެކްޓަރުގެ ކެރިއަރުގެ އެންމެފަހު ފިލްމެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ހަމަޖެހިފައި އޮތީ މި އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ނަމަވެސް ސެންސަރު ބޯޑުން ފިލްމަށް ހުއްދަ ދިނުން ލަސްވުމުގެ ސަބަބުން މިހާރު ވަނީ ފިލްމު ދެއްކުން ފަސްކޮށްފައެވެ. ބެލުންތެރިން ދިގު އިންތިޒާރެއް ކުރަމުން އަންނަ ""ޖަޔަ ނަޔަގަން" ސިނަމާތަކަށް ގެނެސްދެވޭނެ ތާރީޚެއް އަދިވެސް ކަށަވަރެއް ނުވެއެވެ.