ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބަ ކޯޗެއްލާ މިއުޒިކް ފެސްޓިވަލްގައި ދިން ޝޯގައި ޔޫޓިއުބް ބޭނުންކުރުމުން ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އެކަމަށް ޖޯކު ޖަހައި ފާޑުކިޔައިފިއެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު ވެސް ވަނީ ބީބާގެ މި ހަރަކާތްތަކަށް ފާޑުކިޔާފައެވެ. ޝޯގެ މެދުތެރެއިން ޖަސްޓިން ބީބަ ޔޫޓިއުބް ބަލަން ހުންނަ މަންޒަރު ފެނުމާއެކު ގިނަ ބަޔަކަށް އެކަމުން ހައިރާންކަން ލިބި މާޔޫސްވިއެވެ.
ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ އެކު މި ޝޯ ބަލަން ދިޔަ ކޭޓީ ޕެރީ ވަނީ، ބީބަ ޔޫޓިއުބް ބަލާ މަންޒަރު ފެންނަ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ވަނީ ބީބާގެ މި ހުށަހެޅުމަކީ އެއްވެސް ފޯރިއެއް ނެތް، ފަރުވާކުޑަ ހުށަހެޅުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ނަމަވެސް، ބީބާގެ ބައެއް ސަޕޯޓަރުން ބުނެފައި ވަނީ މިއީ ވަރަށް ތަފާތު، ހިތްގައިމު އަދި ކުރީގެ ހަނދާންތައް އާކޮށްދިން ހުށަހެޅުމެއްކަމަށެވެ.
"މިއީ އަހަރެންގެ ހަޔާތުގައިވެސް ފެނުނު އެންމެ ދަށް ފެންވަރުގެ ޝޯ. އޭނާ އެހުރީ ހަމައެކަނި ޔޫޓިއުބުން މިއުޒިކް ވީޑިއޯ ޖަހައިގެން. އެއްވެސް މަސައްކަތެއް ނެތް، ފެނުނީ ހުސް ކަންނެތްކަން" އެކްސްގައި މީހަކު ލިޔެފައިވެއެވެ.

ޖަސްޓިންއަށް ފާޑުކިޔަމުން ކޭޓީ ޕެރީ ލަވަކިޔުންތެރިޔާގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އެހެން މީހަކު ބުނެފައިވަނީ، ބީބާ ވަނީ އެއް އަހަރެއްގެ ތެރޭގައި ކޯޗެއްލާ އާއި ގްރެމީ އެވޯޑްސްގެ ތާރީހުގައި ވެސް ފެނުނު އެންމެ ގޯސް ހުށަހެޅުންތައް ދައްކާފައި ކަމަށެވެ. އަދި ބައެއް މީހުން ވަނީ ބީބާ އަކީ މި ފެސްޓިވަލްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަންނާނަށް ވާއިރު، އޭނާގެ ފަރާތުން ފެނުނު ފަރުވާކުޑަ އަމަލުތަކާ މެދު ސުވާލު އުފައްދާފައެވެ.
މީގެ އިތުރުން، ސަބްރީނާ ކާޕެންޓަ ފަދަ ތަރިން ދެއްކި ފޯރިގަދަ އަދި ފުރިހަމަ ހުށަހެޅުންތަކާ ބީބާގެ ޝޯ އަޅާކިޔައި، ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ނަމަވެސް ބީބާގެ ދިފާއުގައި ވާހަކަދެއްކި މީހަކު ބުނީ، ބެކަޕް ޑާންސަރުންނާއި މާ ގިނަ ފަރިތަކުރުންތަކަށް ވުރެ، ބީބާގެ އަމިއްލަވަންތަ ހުށަހެޅުން މާ ރަނގަޅު ކަމަށެވެ.
މި ފެސްޓިވަލްގެ 25 ވަނަ އަހަރީ ދައުރާ ގުޅިގެން ބާއްވާ ކޯޗެއްލާ 2026ގެ ޝޯތައް ކެލިފޯނިއާގެ އިންޑިއޯގައި މި މަހުގެ ދެ ހަފްތާ ބަންދުގައި ކުރިއަށްދާނެއެވެ. މިއަހަރުގެ ފެސްޓިވަލްގައި 130އަށް ވުރެ ގިނަ ފަންނާނުން ބައިވެރިވާއިރު، ކެރޯލް ޖީ އާއި ކެޓްސައި ފަދަ މަޝްހޫރު ތަރިން ވެސް އޭގެތެރޭގައި ހިމެނެއެވެ.