ކަނޑުއޮޅި ބަންދުކުރާނެ ކަމަށް އެމެރިކާއިން އިއުލާނުކުރުމުން ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

ހުރްމޮޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް އެމެރިކާއިން ބުނުމުން ތެލުގެ އަގު އަނެއްކާވެސް ވަނީ އުފުލިފައި. ފޮޓޯ/ރޮއިޓާސް

އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރުން ބަންދުކުރާނެކަން އިއުލާނުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަރަށް ބޮޑަށް އުފުލިއްޖެއެވެ. ބްރެންޓް ކްރޫޑް އަދި ޑަބްލިއުޓީއައި ފީފާއެއްގެ އަގު ވަނީ ސަތޭކަ ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ސެންޓްރަލް ކޮމާންޑުން މިކަން ތަންފީޒުކުރަން ފެށުމުން، މިއީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފުވުންކަމަށް އީރާނުން ވަނީ ބުނެފައެވެ.

  • އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތައް ހުއްޓުވަން ނިންމުން.
  • ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 102 ޑޮލަރަށް އަދި ޑަބްލިއުޓީއައި 105 ޑޮލަރަށް އުފުލުން.
  • ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ނަގާފައިވުން.
  • މި ފިޔަވަޅަކީ ވަގުތީ ސުލްހައިގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް އީރާނުން ބުނުން.

މިއަދުން ފެށިގެން އީރާނުގެ ބަނދަރުތަކުން ދަތުރުކުރުން ބަންދު ކުރާނެ ކަމަށް އެމެރިކާއިން އިއުލާން ކުރުމުން ތެލުގެ އަނެއްކާ ވެސް އުފުލިއްޖެއެވެ.

ބައިނަލްއަގްވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއް ގާތްގަނޑަކަށް އަށް ޕަސެންޓް މައްޗަށް ގޮސް، ފީފާއެެއްގެ އަގު ވަނީ 102 ޑޮލަރަށް އުފުލިފައެވެ. އެމެރިކާގެ ބެންޗްމާކް ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ކްރޫޑް ފީފާއެއް ވަނީ ނުވަ ޕަސެންޓް މައްޗަށް ގޮސް، ފީފާއެއްގެ އަގު 105 ޑޮލަރަށް އުފުލިފައެވެ.

ޕާކިސްތާނުގައި އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ކުރިން ބްރެންޓް ފީފާއެއްގެ އަގު ގާތްގަނޑަކަށް އެއް ޕަސެންޓް ދަށަށް ގޮސްފައިވެއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަމަލާތައް ފެށިފަހުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 70 ޑޮލަރުގައެވެ. ނަމަވެސް އޭގެ ފަހުން 119 ޑޮލަރަށްވުރެ ވެސް މައްޗަށް އުފުލިފައިވެއެވެ.

ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި އުޅަނދުތައް ދަތުރުކުރުން ހުރަސްއަޅާފައެވެ.

އޭގެސަަަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބުރޫއަރައި ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ.

އީރާނުގެ ބަނދަރުތަކަށް ކަނޑުއޮޅިން ދަތުރުުކުރާ އުޅަނދުތައް ހުއްޓުވައި، ކަނޑުއޮޅި ބަންދު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސެންޓްރަލް ކޮމާންޑަށް އަމުރުކުރައްވާފައެވެ. އެ އަމުރަށް މިއަދުން ފެށިގެން އަމަލު ކުރާނެ ކަމަށް ސެންޓްރަލް ކޮމާންޑުން ވަނީ ބުނެފައެވެ.

ނަމަވެސް އެގޮތަށް އަމަލުކޮށްފިނަމަ، އެއީ އީރާނާއި އެމެރިކާއިން މިހާރު ވެފައިއޮތް ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑާލަން ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް އީރާނުން ބުނެއެވެ.

comment ކޮމެންޓް