އެޕަލް ކުންފުނިން 2022 ވަނަ އަހަރު އައިޕޮޑް އުފެއްދުން ރަސްމީކޮށް ހުއްޓާލުމާއެކު އައިޕޮޑްގެ ޒަމާން މާޒީވެ ހިނގައްޖެކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް، މިއުޒިކް އަޑުއެހުމަށް ލޯބިކުރާ މީހުންގެ މެދުގައި މިހާރު ފެންނަމުންދާ އާ އޮއިވަރާއެކު، އައިޕޮޑްގެ ޒަމާން އަލުން އެނބުރި މިވަނީ އަންނަން ފަށާފައެވެ.
މާޒީގެ ހަނދާންތައް އާކުރުމާއި، އަމިއްލައަށް މިއުޒިކް މިލްކުކުރުމުގެ ޝައުގުވެރިކަމުގެ އިތުރުން، ސްމާޓްފޯނުގެ އުނދަގޫތަކާ ދުރުގައި ވަގުތު ހޭދަކުރުމަށް ބޭނުންވާ މީހުންގެ ސަބަބުން، މިއުޒިކަށް ޚާއްސަ މި އާލާތުގެ މަގުބޫލުކަން އަނެއްކާވެސް މިވަނީ އިންތިހާއަށް އިތުރުވެފައެވެ.
މިކަން އެންމެ ބޮޑަށް ހާމަވަނީ ބޭނުންކޮށްފައި ހުންނަ އިލެކްޓްރޯނިކް ސާމާނު ވިއްކާ ކުންފުންޏެއް ކަމަށްވާ "ބެކް މާކެޓް" ގެ ތަފާސްހިސާބުތަކުންނެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ބޭނުންކޮށްފައިވާ އައިޕޮޑް 2024 ވަނަ އަހަރުން ފެށިގެން ވިއްކި އަދަދު ވަނީ 48 އިންސައްތަ އިތުރުވެފައެވެ. ހަމައެއާއެކު އީބޭ ފަދަ ވެބްސައިޓުތަކުގައިވެސް އައިޕޮޑް ގަންނަން ލިބޭ މިންވަރު އިތުރުވެފައިވާއިރު، ފޯނާ ނުލައި ހަމައެކަނި މިއުޒިކް އަޑުއެހުމަށް ޚާއްސަ ޑިވައިސްތައް (ޑިޖިޓަލް އޯޑިއޯ ޕްލޭޔަރުތައް) ބޭނުންކުރުން މިހާރު މިވަނީ އަލުން ޓްރެންޑަކަށް ވެފައެވެ.

އައިޕޮޑްގެ މަޤުބޫލުކަން ޒުވާނުންގެ މެދުގައި ދަނީ އިތުރުވަމުން ---
އައިޕޮޑްގެ ޒަމާން އަލުން ފެށުމުގެ އަނެއް ބޮޑު ސަބަބަކީ ސްޕޮޓިފައި އަދި އެޕަލް މިއުޒިކް ފަދަ ސްޓްރީމިން އެޕްލިކޭޝަންތަކުގެ އަގުބޮޑުވަމުން ދިޔުމެވެ.
ސްޕޮޓިފައިގެ މަހު ފީ މިހާރު 13 ޑޮލަރަށް އުފުލިފައިވާއިރު، ގިނަ އެޕްލިކޭޝަންތަކަށް މަހުން މަހަށް ފައިސާ ދެއްކުމަކީ މީހުންނަށް ބޮޑު ބުރައަކަށް ވަނީ ވެފައެވެ. އެހެންކަމުން މިއުޒިކް ހަމައެކަނި ސްޓްރީމްކުރުމުގެ ބަދަލުގައި، ސީޑީ އަދި ވައިނަލް ފަދައިން އަމިއްލައަށް މިއުޒިކް ގަނެގެން އައިޕޮޑަށް އަޅައިގެން ގެންގުޅުމަށް މީހުން މިހާރު އިސްކަންދެއެވެ.
މީގެ އިތުރުން ސްޓްރީމިން އެޕްތަކުން އާޓިސްޓުންނަށް ލިބެންޖެހޭ ހައްގު މިންވަރު ނުލިބޭކަމަށް ގަބޫލުކޮށް، ސީދާ އާޓިސްޓުންގެ އަތުން މިއުޒިކް ގަނެގެން އަޑުއެހުމަށްވެސް ޚާއްސަކޮށް ޒުވާނުން ބޭނުންވެއެވެ.
މީގެ އިތުރުން، 2000 ގެ އަހަރުތަކުގެ ކުރީކޮޅުގެ ޓެކްނޮލޮޖީއަށް ޒުވާނުންގެ (ޖެން-ޒީ) ހިތްތަކުގައި އޮންނަ ޝައުގުވެރިކަމަކީވެސް އައިޕޮޑަށް އަލުން ދިރުން ގެނުވި ކަމެކެވެ.
ވައިލެސް އިއާބަޑްސްގެ ބަދަލުގައި، އަޑުގެ ފެންވަރު ރަނގަޅުކަމުން ކުރިން ގެންގުޅުނު ނަރުލީ ހެޑްސެޓްތަކުގެ (އިއާޕޮޑްސް) މަގުބޫލުކަންވެސް ވަނީ އިތުރުވެފައެވެ. އެންމެ މުހިންމު ކަމަކީ ފޯނުން އަންނަ އީމެއިލްތަކާއި ނޮޓިފިކޭޝަންތަކުގެ ސަބަބުން ލިބޭ ނުތަނަވަސްކަމާ ދުރަށް ގޮސް، އެއްވެސް އުނދަގުލަކާ ނުލައި ހަމަޖެހިލައިގެން މިއުޒިކްގެ ތެރެއަށް ގެއްލިފައި އިނުމަށް ގިނަ ބަޔަކު ބޭނުންވުމެވެ.
ޓެކް އެނަލިސްޓް އަންޝެލް ސެގް ސިފަކުރައްވާ ގޮތުގައި މިއީ ހުރިހާ ކަމެއް އެއްވެގެން އައިސްފައިވާ "ޕާފެކްޓް ސްޓޯމް" އެކެވެ.
އިންޓަނެޓާ ނުލައި އަދި އަމިއްލަ ކޮންޓްރޯލް އޮވެގެން ފެންވަރު ރަނގަޅު އޯޑިއޯއެއް އަޑުއަހާލަން ބޭނުންވުމަކީ އައިޕޮޑްގެ ޑިމާންޑް ބޮޑުވި މައިގަނޑު ސަބަބެވެ.
އެޕަލް ކުންފުނިން ދެން އާ އައިޕޮޑެއް ނުނެރުނު ނަމަވެސް، މިއުޒިކާ އެކު އަމިއްލަ މިނިވަންކަން އިހުސާސްކުރުމަށްޓަކައި، ބޭނުންކޮށްފައިވާ އައިޕޮޑްތައް ހޯދައިގެން މަރާމާތުކޮށްގެން ގެންގުޅޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދާނީ އިތުރުވަމުންނެވެ.
އައިޕޮޑްގެ ޒަމާން މިއޮތީ ހަމަ ހަގީގަތުގައިވެސް އަލުން ފެށިފައެވެ.