ދިރާގުން ނިމިދިޔަ ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް 'ޑޮނޭޓް އަ މީލް' އަދި 'ޑޮނޭޓް ޓު އަ ފެމިލީ' ޕްރޮގްރާމްގެ ދަށުން 213،998 ރުފިޔާގެ އެހީ ހަދިޔާކޮށްފައިވާކަން ހާމަކޮށްފިއެވެ.
ދިރާގުން ބުނީ، އެ ކުންފުނިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނުނީ ދިރާގުން ހަދިޔާކުރި 180،000 ރުފިޔާގެ އިތުރުން ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް އާންމުންގެ ފަރާތްތަކުން ލިބިފައިވާ އެހީ ކަމަށެވެ.
ދިރާގުން ވަނީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން 'ޑޮނޭޓް އަ މީލް' ޕްރޮގްރާމް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީލް ޕެކް ބަހައިފައެވެ.
ދިރާގުން ބުނީ، އެ ހަރަކާތް ފެށުމުގެ ގޮތުން 1,000 މީލް ޕެކް ހަދިޔާކުރި ކަމަށެވެ. އަދި، ކަސްޓަމަރުން ވަނީ ދިރާގުޕޭ މެދުވެރިކޮށް އެ ހަރަކާތައް އިތުރު އެހީތެރިކަން ފޯރުކޮށްދީފައިކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ދިރާގުން ރޯދަމަހު 'ޑޮނޭޓް އަ މީލް' އާއި 'ޑޮނޭޓް ޓު އަ ފެމިލީ' މެދުވެރިކޮށް ދެ ލައްކަށްވުރެ ގިނަ ރުފިޔާގެ އެހީ ހަދިޔާކުރި -- ފޮޓޯ/ ދިރާގު
މާލެ ސަރަހައްދުގައި ހިމެނޭ މިސްކިތްތައް ކައިރީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް ވަނީ އަމަލީގޮތުން ބައިވެރިވެ މީލް ޕެކްތައް ބަހައިފައެވެ.
މީގެ އިތުރުން، 'މަމްސް އެއިޑް' އާ ގުޅިގެން ދިރާގުން ވަނީ ދިރާގުޕޭ މެދުވެރިކޮށް 'ރަމަޟާން އެއިޑް' ޕްރޮގްރާމްގެ 'ޑޮނޭޓް ޓު އަ ފެމިލީ' ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފައެވެ.
ދިރާގުގެ ފަރާތުން އެ ހަރަކާތައް އެހީތެރިވުމުގެ ގޮތުން 100 އާއިލާއަކަށް ކާބޯތަކެތީގެ ޒަރޫރީ ސާމާނު ހިމެނޭ 'ކެއާ ބާސްކެޓް' ފޯރުކޮށްދީފައިވާއިރު، އާންމުންގެ ފަރާތުން ވެސް ދިރާގުޕޭ މެދުވެރިކޮށް އިތުރު އެހީތެރިކަން ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ އެ ހަރަކާތް މެދުވެރިކޮށް އެހީތެރިކަން ފޮރުކޮށްދިނުމުގައި އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ޚާއްސަ އިސްކަމެއް ދިން ކަމަށެވެ.
ދިރާގުން ދަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.