ގޫގުލް އޭޕީއައިގެ މައްސަލައަކުން މަޝްހޫރު އެޕްތަކުގެ ޖެމިނައި ޑޭޓާ ނުރައްކަލަށް!

އިތުބާރު ނުކުރެވޭ އެޕްތަކުގައި ޖެމިނައި ބޭނުންކުރުން ހުއްޓާލަން ވަނީ އިރުޝާދުދީފައި ---

ސައިބަސެކިއުރިޓީ ދިރާސާކުރާ ކުންފުނި ކްލައުޑްސެކް އިން ހާމަކޮށްފައިވާ ގޮތުގައި، ގޫގުލްގެ އޭޕީއައި ކީ އާކިޓެކްޗާގައި ހުރި މައްސަލައަކާ ގުޅިގެން ގިނަ އެންޑްރޮއިޑް އެޕްތަކެއްގެ ޖެމިނައި ޑޭޓާ ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އެޕްތަކުގެ ކޯޑުގެ ތެރޭގައި ހާޑްކޯޑުކޮށްފައި ހުންނަ ކީތައް މެދުވެރިކޮށް ހެކަރުންނަށް ޖެމިނައި އެކައުންޓްތަކަށް ވަދެ، ޔޫޒަރުންގެ ޒާތީ މައުލޫމާތުތައް ވަގަށް ނެގުމުގެ ފުރުސަތު އޮވެއެވެ. މި މައްސަލަ ފަސްސަތޭކަ މިލިއަނަށްވުރެ ގިނަ ފަހަރު ޑައުންލޯޑުކޮށްފައިވާ ބާވީސް އެޕަކުން ފެނިފައިވެއެވެ.

  • ކްލައުޑްސެކް އިން ދެނެގަތް ގޮތުގައި އެޕްތަކުގައިވާ ކްލައިންޓް-ސައިޑް އޭޕީއައި ކީތަކުން ޖެމިނައިއަށް ވަނުމުގެ ހުއްދަ ލިބޭ
  • ގޫގުލް ޕޭ، އޯޔޯ އަދި ޓާއޯބާއޯ ފަދަ މަޝްހޫރު އެޕްތަކަށް މި ނުރައްކާ ދިމާވެފައިވޭ
  • ހެކަރުންނަށް ޔޫޒަރުންގެ ލިޔެކިޔުންތަކާއި އޯޑިއޯ ފަދަ ޒާތީ މައުލޫމާތުތައް ހޯދުމުގެ ފުރުސަތު އޮވޭ
  • ޑިވެލޮޕަރުންނަށް މާލީ އަދި ގާނޫނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ
  • މައްސަލަ ހައްލުކުރުމަށް ކީތައް ބަދަލުކުރުމަށާއި، ރައްކާތެރި ނޫން އެޕްތަކުގައި ޖެމިނައި ބޭނުންނުކުރުމަށް އިރުޝާދުދީފައިވޭ

ގޫގުލްގެ އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) ކީ އާކިޓެކްޗާގައި ހުރި ބޮޑު މައްސަލައެއްގެ ސަބަބުން، މަޝްހޫރު އެތައް އެންޑްރޮއިޑް އެޕްލިކޭޝަންތަކެއްގައި ހިމެނޭ ޖެމިނައި އޭއައިގެ މައުލޫމާތުތަކެއް ހާމަވުމުގެ ނުރައްކަލާ ކުރިމަތިވެއްޖެއެވެ.

ސައިބަސެކިއުރިޓީ ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ކްލައުޑްސެކް އިން ހާމަކޮށްފައިވާ ގޮތުގައި، އެންޑްރޮއިޑް އެޕްތަކުގައި ޖެމިނައި އޭޕީއައި އިންޓަގްރޭޓް ކުރުމުން ކްލައިންޓް-ސައިޑް އޭޕީއައި ކީ އަކަށް މުހިންމު ހުއްދަތަކެއް ލިބިގެންދެއެވެ. މީގެ ސަބަބުން ޔޫޒަރުން ޗެޓްބޮޓާ ހިއްސާކުރާ ޒާތީ މައުލޫމާތުތައް ހެކަރުންނަށް ވަގަށް ނެގުމުގެ ފުރުސަތު ހުޅުވިގެންދެއެވެ.

މި މައްސަލަ ދިމާވަނީ ގޫގުލް މެޕްސް ނުވަތަ ފަޔަބޭސް ފަދަ ޚިދުމަތްތައް ބޭނުންކުރުމަށް އެޕްތަކުގެ ކޯޑުގެ ތެރޭގައި ހިމަނާފައިވާ އޭޕީއައި ކީއާ ގުޅިގެންނެވެ.

https://sun.mv/218190

ކުރިން ރައްކާތެރި އެއްޗެއްގެ ގޮތުގައި ބެލެވުނު މި ކީ ހިމެނޭ އެޕެއްގައި ޖެމިނައި އޭޕީއައި އެކްޓިވޭޓް ކުރުމާއެކު، އެއްވެސް އިންޒާރަކާ ނުލައި އެ ކީއަށް ޖެމިނައިގެ ހުރިހާ ބާރުތަކެއް ލިބިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، އެޕްގެ ކޯޑުތައް ރޫޅާލައިގެން (ޑީކޮމްޕައިލް ކޮށްގެން) ހެކަރުންނަށް މި ކީ ހޯދުމުގެ ފުރުސަތު އޮންނައިރު، މިއީ ސީދާ ޖެމިނައި އެކައުންޓަށް ވަދެވޭނެ ތަޅުދަނޑިއަކަށް ވެގެންދެއެވެ.

ކްލައުޑްސެކްގެ މޯބައިލް އެޕް ސެކިއުރިޓީ ސާޗް އިންޖީނުން އެންމެ ގިނައިން ޑައުންލޯޑްކޮށްފައިވާ ދިހަހާސް އެންޑްރޮއިޑް އެޕް ސްކޭން ކުރުމުން، ފަސްސަތޭކަ މިލިއަނަށްވުރެ ގިނަ ފަހަރު އިންސްޓޯލްކޮށްފައިވާ ބާވީސް އެޕަކުން ބައްތިރީސް ލައިވް ގޫގުލް އޭޕީއައި ކީ ފެނިފައިވެއެވެ.

މީގެ ތެރޭގައި އޯޔޯ ހޮޓެލްސް، ގޫގުލް ޕޭ ފޯ ބިޒްނަސް، ޓާއޯބާއޯ، އަޕްނާ ޖޮބް ސާޗް އެޕް، އެލްސާ ސްޕީކް އަދި ދަ ހިންދޫ ފަދަ އާންމުންގެ ތެރޭގައި މަޝްހޫރު އެތައް އެޕެއް ހިމެނެއެވެ.

މި ނުރައްކާތެރި މައްސަލައިގެ ސަބަބުން އާންމު ޔޫޒަރުން ޖެމިނައި އާ ހިއްސާކުރާ ލިޔެކިޔުންތަކާއި، ފޮޓޯ އަދި އޯޑިއޯ ފަދަ ޒާތީ މައުލޫމާތުތަކާއި ކޭޝްކުރެވިފައިވާ އޭއައި ކޮންޓެކްސްޓް ހެކަރުންނަށް ފެނުމުގެ ބިރު ވަރަށް ބޮޑެވެ. އަނެއްކޮޅުން، ޖެމިނައި އޭޕީއައި އަކީ އަގުދީގެން ބޭނުންކުރަންޖެހޭ އެއްޗަކަށް ވާއިރު، ހެކަރުން މި ކީ ބޭނުންކޮށްގެން ހުއްދަނެތި ކަންކަން ކުރުމުން ޑިވެލޮޕަރުން ބޮޑެތި ބިލްތަކެއް ދައްކަން ޖެހިދާނެއެވެ. އަދި ޔޫޒަރުންގެ މައުލޫމާތު ލީކުވުމުގެ ސަބަބުން ގާނޫނީ ގޮތުންވެސް ކުންފުނިތަކަށް ބޮޑެތި ފިޔަވަޅުތަކަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަމުން ސަލާމަތްވުމަށްޓަކައި ގޫގުލް ކްލައުޑް ޕްރޮޖެކްޓްތަކުގައިވާ ހުރިހާ އޭޕީއައި ކީތައް ޗެކްކުރުމަށާއި، މޯބައިލް އެޕްތަކުގައި ހިމަނާފައިވާ ކީތައް ބަދަލުކުރުމަށް ކްލައުޑްސެކް އިން ވަނީ ކުންފުނިތަކަށް ލަފާދީފައެވެ. އަދި ވަކި ޚިދުމަތްތަކަކަށް އެކަނި ކީ ބޭނުންކުރެވޭގޮތަށް ލިމިޓުކުރުމަށާއި، އެޕްގެ ސޯސް ކޯޑުގެ ތެރޭގައި ކީތައް ހާޑްކޯޑު ނުކުރުމަށްވެސް ވަނީ އިރުޝާދުދީފައެވެ.

އާންމު ޔޫޒަރުންނަށް މިކަމުގައި މާބޮޑު ކަމެއް ނުކުރެވުނު ނަމަވެސް، އިތުބާރު ނުކުރެވޭ އެޕްތަކުގައި ޖެމިނައި ބޭނުންކުރުން ހުއްޓާލައި، އޭގެ ބަދަލުގައި ހަމައެކަނި ރަސްމީ ޕްލެޓްފޯމްތައް ބޭނުންކުރުމަށް ތަޖުރިބާކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް