އެއްބަސްވުމާ އެމެރިކާ ޚިލާފުވާތީ އީރާނުން ހުރުމުޒު ކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށްފި

އީރާނުގެ ޕަލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ދެހަފްތާގެ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ 10 ނުކުތާގެ ތެރެއިން 3 ނުކުތާއަކާ އެމެރިކާއިން ޚިލާފުވެފައިވާކަމަށް ބުނެ، އީރާނުން ހުރުމުޒު ކަނޑުއޮޅި އަލުން ބަންދުކޮށްފިއެވެ. އެމެރިކާއިން ޚިލާފުވި ކަންތައްތަކުގެ ތެރޭގައި އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތަކަށް ރުހުންދިނުމާއި، އީރާނަށް ޖާސޫސީ ޑްރޯނެއް ފޮނުވުމާއި، ޔޫރޭނިއަމް ފައްކާކުރުމަށް އީރާނަށް އޮތް ޙައްޤަށް އިންކާރުކުރުން ހިމެނެއެވެ. މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މިއީ އެއްބަސްވުމާ ޚިލާފުވުންކަމަށް ބުނެ އަލުން ހަނގުރާމަ ފަށާނެކަމުގެ އިންޒާރު ދީފައެވެ.

  • އެމެރިކާއިން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުން
  • އެއްބަސްވުމުގެ 10 ނުކުތާގެ ތެރެއިން 3 ނުކުތާއަކާ އެމެރިކާއިން ޚިލާފުވެފައިވާކަމަށް އީރާނުގެ ޕާލަމެންޓްގެ ރައީސް ވިދާޅުވުން
  • އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން ޝަހީދުވެ 700 އަށްވުރެ ގިނަ މީހުން ޒަޚަމްވުން
  • އެއްބަސްވުން މެދުވެރިކޮށްދިން ޕާކިސްތާނުން ބުނާގޮތުގައި ލުބްނާނަށް ދޭ ހަމަލާތައް ހުއްޓާލުމަކީ އެއްބަސްވުމުގެ ބައެއްކަން ކަށަވަރުކޮށްދިނުން

ތެހެރާން (9 އެޕްރީލް 2026) : ދެ ހަފުތާއަށް ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމާ އެމެރިކާ ޚިލާފުވަމުންދާތީ ހުރުމުޒު ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާކަން އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް ވިދާޅުވީ ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ 10 ޕޮއިންޓްގެ ތެރެއިން ތިން ޕޮއިންޓަކާ އެމެރިކާ ޚިލާފުވެފައިވާ ކަމުގައެވެ.

ފުރަތަމަ ޕޮއިންޓަކީ އެމެރިކާގެ ރުހުމާއެކު އިސްރާއީލުން ލުބްނާނަށް ހަމަލާދީ ގަތުލުއާންމުތައް ހިންގުމެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި އީރާނުގެ އިތުރުން ސަރަހައްދުގެ އެހެން ގައުމަކަށް ވެސް ހަމަލާދީގެން ނުވާނެކަމަށް ބުނާއިރު އިސްރާއީލު ގެންދަނީ އެކަމަށް ގޮންޖަހައި އެމެރިކާގެ ރުހުމާއެކު ލުބްނާން އަށް ގަދަފަދަ ހަމަލާތައް ދެމުންނެވެ.

ދެވަނަ ކަމަކީ އެއްބަސްވުން ތަންފީޒުކުރަން ފެށިފަހުން އެމެރިކާ، އީރާނުގެ ތެރެއަށް ޖާސޫސީ ޑްރޯނެއް ފޮނުވުމެވެ. އެޑްރޯން ވަނީ ވަގުތުން ވައްޓާލާފައެވެ.

ތިންވަނަ ކަމަކީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު އީރާނަށް ނުލިބޭނެކަމަށް ބުނެ އެކަމަށް އެމެރިކާ އިންކާރު ކުރުމެވެ. ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގައި ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު އީރާނަށް ލިބެންޖެހޭނެކަމަށް ސަރީހަ އިބާރާތުން ބުނެފައިވާކަން އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ފާހަގަ ކުރެއްވިއެވެ.

މިސަބަބުތަކަށް ޓަކައި ހުރުމުޒު ކަނޑުއޮޅި ވާނީ އަލުން ބަންދުކޮށްފައި ކަމަށާއި އެތަން ހުޅުވޭނީ އެއްބަސްވުމުގައި ހިމެނޭ ހުރިހާ ކަމަކަށް އެމެރިކާ ބޯލަނބައި އެކަންކަން ތަންފީޒު ކުރުމުންކަމަށް ބާގިރު ގަލީބާވް ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ރޭގައިވަނީ ލުބްނާނަށް ވަރުގަދަ ހަމަލާތަކެއްދީ 250 އަށް ވުރެގިނަ މީހުން ޝަހީދުކޮށް 700 އަށް ވުރެގިނަމީހުން ޒަޚަމްކޮށް އެތަށް އިމާރާތެއް ހަލާކުކޮށްލާފައެވެ.

ނަތަންޔާހޫ އާއި ޓްރަމްޕް ވަނީ ލުބްނާންފަދަ ސަރަހައްދުގެ އެހެންގައުމުތަކަށް ދޭ ހަމަލާތައް ހުއްޓާލުން އެއްބަސްވުމުގައި ނުހިމެނޭކަމަށް ބުނެ މިއުދުވާން ދިފާއުކޮށްފައެވެ.

އަނެއްކޮޅުން ޓްރަމްޕް ވަނީ އީރާނުން ހުރުމުޒު ކަނޑުއޮޅި އަލުން ބަންދުކުރުމަކީ ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުކަމެއްކަން ފާހަގަކޮށް މިކަން ތަކުރާރުވާނަމަ އަލުން ހަނގުރާމަ ފަށަން ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން ވުޖޫދަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުންނެވެ. މި އެއްބަސްވުމުގައި އީރާނުގެ އިތުރުންސަރަހައްދުގެ އެހެންގައުމުތަކަށް ދޭ ހަމަލާތައް ވެސް ހުއްޓާލަން ޖެހޭނެކަމަށް ބުނާތީ އެއްބަސްވުން ތަންފީޒު ކުރުމަށް ޓަކައި އިސްރާއީލުން ލުބްނާނަށް ދޭ ހަމަލާތައް ހުއްޓާލަންޖެހޭނެކަން ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ހުރުމުޒު ކަނޑުއޮޅި 10 ދެހަފްތާ ވަންދެން ހުޅުވުމަކީވެސް ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގައި ހިމެނޭ ޝަރުތެކެވެ.

comment ކޮމެންޓް