އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ މެދުކަނޑާލިކަން އިއުލާން ކުރިތާ ގަޑިއެއްހާއިރު ފަހުން އެއްވެސް އިންޒާރެއް ނެތި އިސްރާއީލުން ލުބުނާނުގެ ބެއިރޫތުގެ ގިނަ ވިޔަފާރިތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދީ 200 އަށްވުރެ ގިނަ މީހުން މަރާލައިފިއެވެ.
ލުބުނާނުގެ ސިވިލް ޑިފެންސް އިން ބުނީ އިއްޔެ ދިން ހަމަލާތަކުގައި 254 މީހުން މަރުވެ 1،165 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ސިއްޚަތާބެހޭ ވަޒީރު ރަކާން ނަސީރުއްދީން ވިދާޅުވީ އިސްރާއީލުން މުޅި ލުބުނާނަށް އަމާޒުކޮށް 100 އަށް ވުރެ ގިނަ ވައިގެ ހަމަލާ ދީ ހަނގުރާމަ ފުޅާކޮށްފައިވަ ކަމަށެވެ.
"އެމްބިއުލާންސްތަކުން އަދިވެސް އަންނަނީ އަނިޔާވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންދަމުން. ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް އިލްތިމާސް ކުރަނީ ލުބުނާނުގެ ސިއްޚީ ދާއިރާއަށް އެހީތެރިވުމަށް." އަލް ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ނަސީރުއްދީން ވިދާޅުވިއެވެ.
މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ހަމަލާ ދޭން ފެށިފަހުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް އިއްޔެ ދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިންވެސް ވަނީ ބުނެފައެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވީ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހިޒްބުاللهގެ މަދަނީ ވަސީލަތްތަކަށް ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާ ދިން ގިނަ ތަންތަން ހުރީ އާންމުން ދިރިއުޅޭ ހިސާބުތަކުގައި ކަމަށާއި، ނަމަވެސް މީހުންނަށް ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅި ކަމަށެވެ.
ލުބުނާނުގެ ރެޑްކްރޮސް އިން ބުނީ ހަމަލާތަކުގައި ޒަޚަމްވި މީހުންނަަށް ޚިދުމަތް ދިނުމަށް އެގައުމުގެ 100 އެމްބިއުލާންސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިޒްބުالله އިން ވަނީ މި ހަމަލާތައް ކުށްވެރިކޮށްފައެވެ.
އދ ން ލުބުނާނަށް ކަނޑައަޅާފައި ހުންނަ ސްޕެޝަލް ކޯޑިނޭޓަރު ޖީނީން ހެނިސް ވެސް ވަނީ އިސްރާއީލުގެ ހަމަލާތައް ކުށްވެރިކޮށްފައެވެ.
އިސްރާއީލުން ލުބުނާނަށް ވައިގެ ހަމަލާތައް ދީފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދިޔަ ހަމަލާތައް ދެ ހަފްތާއަށް މެދުކަނޑާލަން ދެ ގައުމުން އެއްބަސްވިތާ ގަޑިއެއްހާއިރު ފަހުންނެވެ.
އެ އެއްބަސްވުމުގައި ސަރަހައްދުގެ ހުރިހާ ތަނަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް އީރާނުން ހުށަހަަޅާފައިވާ ކަމަށް އެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ޕާކިސްތާނުން ވަނީ ބުނެފައެވެ.
ނަމަވެސް ނަތަންޔާހޫ ވަނީ އެ އެއްބަސްވުުމުގައި ލުބުނާނު ނުހިމެނޭނެ ކަމަށާއި ހަމަލާ ދިނުން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ހަމަލާތަކުގެ ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ލުބުނާނާއި އިސްރާއީލު ބޯޑަރުން 40 ކިލޯމީޓަރު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ މީހުން އެ ސަރަހަދުތަކުން ބޭރުވުމަށް މަޖުބޫރުކޮށްފައެވެ.