ގުނަވަންތައް ޑިޓޮކްސްކޮށް، ވަރުބަލި ނުވާނެ ގޮތް ހަދާނީ ކިހިނެއް؟

ހަށިގަނޑުގެ ގުނަވަންތައް ޑިޓޮކްސް ކުރުމަކީ ހަށިގަނޑު ނުރައްކާތެރި ވިހަ މާއްދާތަކަށް ހުށަހެޅުމުން ރައްކާތެރިކޮށްދޭނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

އަޅުގަނޑުމެން ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗާއި، ދިރިއުޅޭ މާހައުލު އަދި ބޯން ބޭނުންކުރާ ފެނުގެ އިތުރުން ސާފުތާހިރުވުމަށް ބޭނުންކުރާ ސަމާނުތަކުގެ ސަބަބުން ހަށިގަނޑު ނުރައްކާތެރި ވިހަ މާއްދާތަކަށް ހުށަހެޅުމަށް މަގުފަހިކޮށްދެއެވެ.

ޒަމާންތަކެއް ވުމުން މި ވިހަ މާއްދާތައް ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގައި ޖަމާވެ، އޭގެ ނަތީޖާއެއްގެ ގޮތުން އަބަދު ވަރުބަލިވުމާއި، ދިފާއީ ނިޒާމު ބަލިކަށިވުން ފަދަ ސިއްހީ ތަފާތު ގިނަ މައްސަލަތައް ކުރިމަތިވެއެވެ.

އެހެންނަމަވެސް، ހަށިގަނޑުގެ ގުނަވަންތައް "ޑިޓޮކްސް"ކޮށް ނުވަތަ ސާފުކޮށްގެން މިފަދަ ނުރައްކާތެރި ވިހަ މާއްދާތައް ބޭރުކޮށް، ހަށިގަނޑުގެ ހަކަތަ އިތުރުކޮށް، ސިއްހަތު ފުރިހަމައަށް ރަނގަޅު ކުރެވިދާނެއެވެ.

އެގޮތުން ތިރީގައި މިބަޔާންކުރާ ކަންކަމަކީ ހަށިގަނޑުގެ މައިގަނޑު ގުނަވަންތައް ސާފުކުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ މުހިއްމު ކަންކަމެވެ.

ހަށިގަނޑުގެ ގުނަވަންތައް ޑިޓޮކްސް ކުރުމުގެ މަރުހަލާގައި ސިއްހަތަށް ފައިދާހުރި މާއްދާތައް ހިމެނޭ ކެއުންތަކާއި ބުއިންތައް ބޭނުންކުރުމަކީ މުހިއްމު ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

1. ފުރަމޭ ޑިޓޮކްސްކުރުން: ހަށިގަނޑުގެ ގުދުރަތީ ފިލްޓަރު
ފުރަމޭއަކީ ލޭގައި ހުންނަ ވިހަ މާއްދާތައް ފުރާނައި ބޭރުކޮށްދޭ އެންމެ މައިގަނޑު ގުނަވަނެވެ. ފުރަމޭ ސާފުކުރުމަށްޓަކައި ކުރެވިދާނެ މުހިއްމު ކަންކަމުގެތެރޭ، ލުނބޯ ފެން ބުއިމަށް އާދަކުރުން، ފެހިކަން ގަދަ ފަތް ކެއުމުގައި ހިމެނުން، ބަނގުރާ އަދި މަސްތުވާތަކެއްޗާއި ދުރުވެ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން ހިމެނެއެވެ.

2. ގުރުދާ ނުވަތަ ކިޑްނީ ޑިޓޮކްސްކުރުން
ގުރުދާ އަކީ ލޭގައި ހުންނަ ބޭކާރު މާއްދާތަކާއި އިތުރުވާ ލޮނު ފުރާނައި ކުޑަކަމުދާ ތަކެތީގެ ގޮތުގައި ބޭރުކޮށްދޭ ގުނަވަނެވެ. ކިޑްނީގެ ދުޅަހެޔޮކަން އިތުރުކުރުމަށް ސަމާލުކަންދެވިދާނެ ކަންކަމުގެތެރޭ، ފެން ގިނައިން ބުއިން، ކްރޭންބެރީ ޖޫސް ބުއިން، ކެއުމުގައި ނުވަތަ ކެއުން ތައްޔާރުކުރާއިރު ޕާސްލީ ހިމެނުމަށް އިސްކަންދިނުން އަދި ކެއިން ބުއިމުގައި ލޮނު ހިމަނާ މިންވަރު މަދުކުރުން ހިމެނެއެވެ.

3. ބޮޑު ގޮހޮރު (Colon) ޑިޓޮކްސްކުރުން:

ގޮހޮރު ސާފުކޮށް ބެހެއްޓުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ. ގޮހޮރު ސާފުކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެތެރޭ، ފައިބާ ގިނަ ކާނާ ކެއުމުގައި ހިމެނުން، ޕްރޯބަޔޮޓިކްސް ކެއުމުގައި ހިމެނުން އަދި ޗިއާ ސީޑްސް ބޭނުންކުރުން ހިމެނެއެވެ.

ހަށިގަނޑުގެ ގުނަވަންތައް ޑިޓޮކްސް ކުރުމަށް ހާއްސަ ޑައިޓެއް އިހުތިޔާރުކުރާ ނަމަ ނިއުޓްރިޝަނިސްޓެއް ނުވަތަ ޑައިޓީޝަނިސްޓެއްގެ ލަފާ ހޯދުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ--ފޮޓޯ/އިންސްޓަގްރާމް

4. ފުއްޕާމޭ ޑިޓޮކްސްކުރުން

ދުވާލަކު 10-15 މިނެޓު ފުންކޮށް ނޭވާލުމުގެ ކަސްރަތު ކުރުމަކީ ފުއްޕާމޭގެ ކެޕޭސިޓީ އިތުރުކޮށްދޭ ކަމެކެވެ. މީގެއިތުރުން ޔޫކަލިޕްޓަސް ތެޔޮ ބޭނުންކޮށްގެން އާވި އެރުވުމުން ނޭވާލާ ނިޒާމާއި ފުއްޕާމޭގައި ހުންނަ އަރިދަފުސް ސާފުވެއެވެ. އަދި ހަމައެއާއެކު ފުއްޕާމޭގެ ދުޅަހެޔޮކަމަށް ސަމާލުކަންދޭން ބޭނުންވާނަމަ ދުންފަތުގެ ދުމާއި ނުސާފު ވައިން ވީހާވެސް ދުރުހެލިވެ އުޅުމަށް މަސައްކަތް ކުރެވިދާނެއެވެ.

5. ހަންގަނޑު ޑިޓޮކްސްކުރުން
ހަންގަނޑަކީ ހަށިގަނޑުގެ އެންމެ ބޮޑު އަދި މުހިއްމު ގުނަވަންތަކުގެތެރޭ ހިމެނޭ ގުނަވަނަކަށް ވާއިރު، ހަމުގެ ތެރެއިން ގިނަ އަދަދަކަށް ވިހަ ބޭރުކުރެއެވެ. ހަންގަނޑު ޑިޓޮކްސް ކުރުމަށް ކުރެވިދާނެ ކަންކަމުގެތެރޭ، ފެންވެރުމުގެ ކުރިން ހިކި ބުރުހަކުން ހަންގަނޑު މަޑުމަޑުން އުނގުޅުމުން ލޭ ދައުރުވުން ރަނގަޅުވެ ވިހަ ބޭރުވާން މަގުފަހިވެއެވެ. އަދި ހަމައެއާއެކު ކަސްރަތު ކުރުމުން ނުވަތަ ސޯނާ ބޭނުން ކުރުމުން ދަލާ އެކު ހަށިގަނޑުގެ ވިހަ މާއްދާތައް ބޭރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

6. ލިމްފެޓިކް ނިޒާމު ޑިޓޮކްސްކުރުން
މި ނިޒާމަކީ ސެލްތަކުގައި ހުންނަ ބޭކާރު ތަކެތި އުކާލުމަށް މަސައްކަތްކުރާ ނިޒާމެވެ. މި ނިޒާމު ޑިޓޮކްސް ކުރުމަށް ކުރެވިދާނެ ކަންކަމުގެތެރޭ، މަސާޖުކުރުން އަދި ޔޯގާފަދަ ލުއި ކަސްރަތެއް ނުވަތަ ހަށިގަނޑަށް ހަރަކާތެއް ގެނައުން ހިމެނެއެވެ.

7. ގޭލް ބްލެޑަ ޑިޓޮކްސްކުރުން

ގޭލް ބްލެޑަ އަކީ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ގުނަވަނަކެވެ. މި ގުނަވަން ޑިޓޮކްސް ކުރުމަށް ކުރެވިދާނެ މުހިއްމު ކަންކަމުގެތެރޭ ހިތިފަތް ކެއުމުގައި ހިމަނާލުން އަދި އެޕަލް ސައިޑަ ވިނެގަ ކެއިން ބުއިމަށް ބޭނުންކުރުން ހިމެނެއެވެ.

8. ޕެންކްރިއަސް ޑިޓޮކްސްކުރުން

ޕެންކްރިއަސްގެ ދުޅަހެޔޮކަމަށާއި ޑިޓޮކްސް ކުރުމަށް ފަރުވާކުޑަ ކުރެވިއްޖެނަމަ ހީވެސް ނުކުރާ ކަހަލަ ބަލިމަޑުކަމަކާ ކުރިމަތިލާން ގިނަފަހަރަށް ޖެހެއެވެ. އެހެންކަމުން ސަމާލުކަން ދެވިދާނެ ކަންކަމުގެތެރޭ ކެއިން ބުއިމުގައި ހަކުރުގެ މާއްދާ ހިމަނާ މިންވަރު މަދުކުރުން އަދި ކެއުމުގައި ރީނދޫ ބޭނުންކުރުން އާދަކުރެވިދާނެއެވެ.

ހަށިގަނޑުގެ ގުނަވަންތައް ސާފުކުރުމަކީ އެއްދުވަހުން ނުވަތަ އެއް ހަފުތާއިން ނިންމާލެވޭނެ ކަމެއް ނޫނެވެ. މިއީ ދިރިއުޅުމުގެ އާދަކާދައިގެތެރޭ ހިމަނަންޖެހޭ ވަރަށް ކަމެކެވެ. ގިނައިން ފެން ބުއިމާއި، ފައިދާހުރި ކާނާ ކެއުމާއި، އަދި ހަރަކާތްތެރިވެ އުޅުމަކީ މުޅި އުމުރަށް ތިމާ ވަރުބަލިކަމެއް ނެތި، ދުޅަހެޔޮކަންމަތީ ބަހައްޓާނެ އެންމެ މުހިންމު އުސޫލުތަކެވެ.

comment ކޮމެންޓް