ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި، މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކައި ހަވާާޓްޒް ޖެހި ލަނޑުން ސްޕޯޓިން ލިޒްބަންގެ މައްޗަށް 1-0 އިން އާސެނަލް ކުރި ހޯދައިފިއެވެ.
ލިޒްބަންގައި ކުޅުނު މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ހަވާާޓްޒް މި ލަނޑު ކާމިޔާބުކުރީ ސްޕޯޓިންގެ ކީޕަރު ރޫއީ ސިލްވާ ކަޓުވާލައިގެންނެވެ. މި މޮޅާއެކު އާސެނަލް އޮތީ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ދާއިރު ބޮޑު ހިތްހަމަޖެހުމެއްގައެވެ.
މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނުނުއިރު، ސްޕޯޓިންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެކްސީ އަރައޫޖޯ ޖެހި ބާރު ހަމަލާއެއް އާސެނަލްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އާސެނަލްގެ ނޯނީ މަޑުއޭކޭ ކޯނަރަކުން ފޮނުވާލި ބޯޅައެއްވެސް ވަނީ ދަނޑިއަށް ޖެހިފައެވެ.
އާސެނަލްގެ މާޓިން ޒުބިމެންޑީ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.
މެޗުގެ ފަހުކޮޅު ސްޕޯޓިންއިން ވަރަށް ބޮޑަށް އާސެނަލްއަށް ޕްރެޝަރު ކުރިއެވެ. ނަމަވެސް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުށިޔާރުކަމާއެކު ތިން ސޭވްއެއް ކޮށް، ޓީމު ސަލާމަތްކޮށްދީފައެވެ.
މި މޮޅަކީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފައި އޮތް އާސެނަލްއަށް ލިބުނު ވަރަށް މުހިންމު މޮޅެކެވެ. ކުރިއަށް އޮތް ހަފުތާ ބަންދުގައި ޕްރިމިއާ ލީގުގައި ބޯންމަތާ ދެކޮޅަށް ނުކުންނައިރު، މި ކާމިޔާބީގެ ސަބަބުން މިކޭލް އާޓެޓާގެ ޓީމަށް ބޮޑު އިތުބާރެއް ލިބިގެންދާނެއެވެ.