އައިކެއާ އޮޕްޓިކަލްސްއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ "ނަޔާ ރޯދަ ހަދިޔާ 2026"ގެ ކެމްޕޭނުގެ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ކެމްޕޭނަކީ ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓްތަކެއްގެ އިތުރުން އާއިލާއާއެކު ސްރީލަންކާގައި ހަތަރު ރޭ ހޭދަކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ކުރިއަށްގެންދިޔަ ކެމްޕޭނެކެވެ.
މިއަދު އައިކެއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށާއި، ލަންކާ ދަތުރުގެ ނަސީބުވެރި ފަރާތަކީ އިސްމާއިލް އަފްޒަލް ކަމަށެވެ.
ގުރުއަތުން ހޮވުނު އަފްޒަލަށް ލިބުނު އިނާމަކީ ހަތަރު މީހުންގެ އާއިލާއަކަށް ސްރީލަންކާގެ ހަތަރު ރޭގެ ދަތުރެކެވެ. މީގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން ކެންޑީ، ނުވަރައެލިޔާ އަދި އެލާ ފަދަ ހިތްގައިމު މަންޒިލްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.
އައިކެއާއިން ބުނި ގޮތުގައި "ނަޔާ ރޯދަ ހަދިޔާ" ކެމްޕޭނަކީ ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމެއް ގެނެސްދިނުމުގެ މަގްސަދުގައި ފަރުމާކުރި ކެމްޕޭނެކެވެ. މި ކެމްޕޭނުގައި 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރި ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު އިރު، މުޅި ރާއްޖެއިން ވެސް މި ކެމްޕޭނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި ކެމްޕޭނުގައި ބައިވެރިވި ހުރިހާ ކަސްޓަމަރުންނަށް އައިކެއާއިން ވަނީ އިޚުލާސްތެރި ޝުކުރެއް އަދާކޮށްފައެވެ.
"މި ކެމްޕެއިނުން ލިބުނު ބޮޑު ތަރުހީބުން ފެންނަނީ ކަސްޓަމަރުން އައިކެއާއަށް ކުރާ އިތުބާރު. އައިކެއާގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އަގުހުރި، ފެންވަރު ރަނގަޅު ޚިދުމަތްތަކާއި ހަދިޔާތައް ފޯރުކޮށްދިނުން،" އެ ކުންފުނިން ބުނެފައިވެއެވެ.