އީރާނުގެ ރައްޔިތުންނަށް ދިރިނޫޅެވޭ ވަރަށް އެ ގައުމު ހަލާކުކޮށް ފަނާކޮށްލަނީ

ޓްރަމްްޕް އާއި އޭނާގެ ހަނގުރާމައާބެހޭ ވަޒީރު ހެގްސެޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އަމާންދީ ހަތިޔާރު ނުބަހައްޓައިފިނަމަ، އެ ގައުމުގެ ރައްޔިތުންނަށް ދިރިނޫޅެވޭ ވަރަށް ކަރަންޓާއި ފެނާއި އެހެނިހެން އަސާސީ ވަސީލަތްތައް ހަލާކުކޮށްލާނެކަމުގެ އިންޒާރު އައުކޮށްފައެވެ. މީގެ ރައްދުގައި އީރާނުން ބުނެފައިވަނީ، އެމެރިކާއިން އެފަދަ ހަމަލާއެއް ދީފިނަމަ، އަމިއްލަ ދިފާއުގައި އިސްރާއީލުގެ ކަރަންޓް ސްޓޭޝަންތަކާއި ގަލްފުގައިވާ އެމެރިކާގެ ހުރިހާ މަސްލަހަތުތަކެއް ހަލާކުކޮށްލައި ކަނޑުއޮޅިތައް ބަންދުކުރާނެ ކަމަށެވެ. އެމެރިކާގެ މި އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ހަނގުރާމައިގެ ޖަރީމާއެއްކަމަށް މުހައްލިލުންނާއި އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުން ވެސް ދަނީ ސިފަކުރަމުންނެވެ.

  • އެމެރިކާއަށް އަމާންނުދީފިނަމަ އީރާނުގެ އުމްރާނީ ބިނާރާއި އަސާސީ ވަސީލަތްތައް ފަނާކޮށްލާނެކަމުގެ އިންޒާރު ޓްރަމްޕް ދިނުން
  • އެމެރިކާއިން ހަމަލާދީފިނަމަ އަމިއްލަ ދިފާއުގައި އިސްރާއީލުގެ ކަރަންޓާއި ފެނުގެ ނިޒާމު ހަލާކުކޮށްލާނެކަމަށް އީރާނުން ބުނުން
  • އެމެރިކާއަށް އެހީވާ ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ ހުރިހާ މަސްލަހަތުތަކަކަށް ހަމަލާދީ ކަނޑުއޮޅިތައް ބަންދުކުރަން އީރާނުން ނިންމުން
  • ޓްރަމްޕްގެ މި އިންޒާރަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ހަނގުރާމައިގެ ޖަރީމާއެއްކަމަށް ގިނަ ބަޔަކު ސިފަކުރުން

ވޮޝިންޓަން (7 އެޕްރީލް 2026): އެމެރިކާއަށް އަމާންދީ ހަތިޔާރު ބެހެއްޓުމަށް އީރާން ދެކޮޅު ހަދާނަމަ އީރާނުގެ ރައްޔިތުންނަށް ދިރިނޫޅެވޭ ވަރަށް އެ ގައުމުގެ ކަރަންޓާއި ފެނާއި ނަރުދަމާއާއި ތެލާއި ގޭހުގެ ވަސީލަތްތައް ހަލާކުކޮށްލާނެކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން އިންޒާރުތައް އަނެއްކާ އޭނާ އައުކޮށްފިއެވެ.

ޓްރަމްޕް ބުނީ އީރާނަށް އޮތީ އެމެރިކާއަށް އަމާންދީ ހަތިޔާރު ބެހެއްޓުން ނޫނީ އެމެރިކާގެ ހަމަލާތަކުގައި އެ ގައުމު އެއްކޮށް ހަލާކުކޮށްލުން، މި ދެ ކަންތަކުގެ ތެރެއިން އެއްކަންތައް އިޚުތިޔާރު ކުރުން ކަމުގައެވެ.

"އީރާނުގެ ރައްޔިތުންނަށް ދިރިނޫޅެވޭ ވަރަށް ގައުމެއްގެ ކަރަންޓާއި ފެނާއި ނަރުދަމާއާއި އާމްދަނީ ލިބޭ ވަސީލަތްތައް ހަލާކުކޮށްލާނަން،" ޓްރަމްޕް ބުންޏެވެ.

ބައިނަލްއަގްވާމީ ގާނޫނު ބުނާގޮތުން މިއީ ސީދާ ހަނގުރާމައިގެ ޖަރީމާއެވެ. ހަނގުރާމައިގެ ޖަރީމާ ހިންގާ ގައުމަކުން އެކަމުގެ ބަދަލު ދޭންޖެހޭނެކަމަށްވެސް ބައިނަލްއަގްވާމީ ގާނޫނު ބުނެއެވެ.

ނަމަވެސް އެމެރިކާއަކީ ގާނޫނުން ބޭރުގައި އުޅޭ ނުކިޔަމަންތެރި ރޯގް ސްޓޭޓެކެވެ. އެމެރިކާގައި އަސްކަރީ އާރާއި ބާރު ހުރުމުން މީހުން މަރައި ހަނގުރާމައިގެ ޖަރީމާ ހިންގުމަށްފަހުވެސް އެމެރިކާއަށް އެކަމުގެ އަދަބުން ސަލާމަތްވެގެން އޮވެވިދާނެއެވެ. ޓްރަމްޕް ވަނީ ބައިނަލްއަގްވާމީ ގާނޫނަކީ އޭނާ ދަންނަ އެއްޗެއް ނޫންކަމަށް ބުނެފައެވެ.

ނަމަވެސް މިހާބޮޑަށް އަނިޔާވެރިވެ ހިޓްލަރު ގޮތަށް އެމެރިކާގެ އަމަލުތައް ހުރުމަކީ ދުނިޔޭގައި އެމެރިކާ ވަރަށް އެކަހެރި ވާނެ ކަމެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އީރާނުން ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެމެރިކާއާއެކު ހަދާނީ، އިތުރު އުދުވާނީ ހަނގުރާމައެއް ނުފަށާނެކަމުގެ ގެރެންޓީ ލިބުމުން ކަމަށް ބުނެފައެވެ. އަދި، އެމެރިކާ އެއްވެސް ކަމަކާނުލައި އީރާނަށް ދިން އަނިޔާއާއި ގެއްލުންތަކުގެ ބަދަލު ދޭގޮތަށް މެނުވީ އެފަދަ އެއްބަސްވުމެއް ނަހަދާނެ ކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް ވިދާޅުވިގޮތުގައި އެމެރިކާއިން އީރާނުގެ ކަރަންޓާއި ފެނާއި ނަރުދަމާއާއި ތެލާއި ގޭހުގެ ވަސީލަތްތައް ހަލާކުކޮށްލައިފިނަމަ އަމިއްލަ ނަފުސުގެ ދިފާއުގައި އީރާންވެސް ގިނަ ފިޔަވަޅުތަކެއް އަޅާނެއެވެ.

މީގެތެރޭގައި އިސްރާއީލުގެ ކަރަންޓާއި ފެނުގެ ވަސީލަތްތައް ހަލާކުކޮށްލުން ހިމެނެއެވެ. އަދި އުދުވާނީ ހަނގުރާމައިގައި އެމެރިކާއަށް މަދަދުދޭ ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ މަސްލަހަތުހުރި ހުރިހާ ތަންތަނާއި ވަސީލަތްތައް ހަލާކުކޮށްލުމާއެކު، އެ ސަރަހައްދުގައިވާ އެމެރިކާގެ ކުންފުނިތަކާއި ވިޔަފާރިއާއި ބޭންކްތަކާއި ޔުނިވާސިޓީތައްފަދަ ހުރިހާ މަދަނީ އަދި އަސްކަރީ ތަންތަން ހަލާކުކޮށްލުން ވެސް ހިމެނެއެވެ.

މިފަދަ ހާލަތެއްގައި ހުރުމުޒު ކަނޑުއޮޅީގެ އިތުރުން ރަތްކަނޑަށް ވަންނަ ދޮރުކަމަށްވާ ބާބުލްމަންދަބު ވެސް ބަންދުކުރާނެކަމަށް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އިސްރާއީލަށް ކަރަންޓް ފޯރުކޮށްދެނީ އެންމެ އަށް ސްޓޭޝަނުންނެވެ. އެ ތަންތަން ހަލާކުކޮށް މުޅި އިސްރާއީލުން ކަރަންޓް ކަނޑާލުމަކީ އީރާނަށްވެސް ކުރެވިދާނެކަމެއްކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

ޓްރަމްޕް ހަނގުރާމައިގެ ޖަރީމާ ހިންގަން އުޅޭތީ އެމެރިކާގެ ތަންދޮރު ދަންނަ މީހުންވެސްވަނީ މިކަމާ ގުޅިގެން ވަރަށް ކަންބޮޑުވެފައެވެ. އެއީ ކުރީގެ ނާޒީ ޖަރުމަނުފަދަ އިންތިހާއަށް އަނިޔާވެރި ގައުމެއްގެ ގޮތުގައި އެމެރިކާ ދުނިޔޭގައި ލޭބަލް ވެގެންދާނެތީއެވެ. މިކަން ހުއްޓުވުމަށްޓަކައި އެމެރިކާގެ ހަނގުރާމައާބެހޭ ވަޒީރުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޓްރަމްޕްގެ ޕާޓީގެ އަޣްލަބިއްޔަތު ކޮންގްރެސްގައި އޮތުމުން މިއީ ކުރަން ފަސޭހަ ކަމެއްނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު