އޭޝިއާގެ ގަދަ 32 ކުޅުންތެރިންގެ ބުރަށް ރާއްޖޭގެ ނަބާ

ޗައިނާގެ ނިންބޯގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ނަބާ--

ޗައިނާގެ ނިންބޯގައި ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ވަނީ ގްރޫޕް ސްޓޭޖުގެ ދެ މެޗުން މޮޅުވެ، އަންހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. މިއީ އޭޝިއާގެ އެންމެ ބޮޑު މުބާރާތުގައި ދިވެހި ކުޅުންތެރިއަކު މިފަދަ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ. ނަބާ ދެން ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ 4 ވަނައިގައި އޮތް ޖަޕާނުގެ އަކާނޭ ޔަމަގޫޗީއާ ދެކޮޅަށެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރު ކުޅުންތެރިންވެސް ވާދަކުރެއެވެ.

  • ނަބާ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 2 މެޗުންވެސް މޮޅުވެފައި
  • މިއީ އަންހެން ސިންގަލްސްގައި ދިވެއްސަކު ގަދަ 32 އަށް ދަތުރުކުރި ފުރަތަމަ ފަހަރު
  • ގަދަ 32 ގައި ނަބާ ވާދަކުރާނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަޕާނުގެ ކުޅުންތެރިއަކާ
  • މި މުބާރާތުގައި ރާއްޖޭގެ އިތުރު ކުޅުންތެރިންވެސް އެކި ކެޓަގަރީތަކުގައި ވާދަކުރޭ

ޗައިނާގެ ނިންބޯގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕުގެ ގަދަ 32 ކުޅުންތެރިންގެ ބުރުން ރާއްޖޭގެ ކާމިޔާބު ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައިފިއެވެ.

އޭނާ މި ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. މިއީ އޭޝިއާގެ އެންމެ ބޮޑު މި މުބާރާތުގައި ދިވެހި ކުޅުންތެރިއަކު ދެ މެޗުން މޮޅުވެ، މިފަދަ ރެކޯޑަކާއެކު އަންހެން ސިންގަލްސްގެ ގަދަ 32 އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ނަބާ އޭނާގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ އެއްވަނަ ކުޅުންތެރިޔާ އުރްމީ އަކްތަރު 21-07 އަދި 21-17 އިން ބަލިކުރިއިރު، ދެވަނަ މެޗުގައި ކިރްގިސްތާންގެ ޒަސްމީން އައިސަރޯވާގެ މައްޗަށް ކުރިހޯދީ 21-05 އަދި 21-06 ގެ ނަތީޖާއަކުންނެވެ.

ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުގައި މާދަމާ ނަބާ ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައިގައި އޮތް، އަދި ތިން ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ޖަޕާންގެ ވަރުގަދަ ކުޅުންތެރިޔާ އަކާނޭ ޔަމަގޫޗީއާ ދެކޮޅަށެވެ.

މި މަހުގެ 12 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ޓީމު ތަމްސީލުކުރަނީ ނަބާގެ އިތުރުން އާމިނަތު ނަބީހާ އާއި މުޙައްމަދު އަޖުފާން ޒަޔާން ޒަކީއެވެ.

ރާއްޖޭގެ ކުޅުންތެރިން ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގައި ވާދަކުރާއިރު، ޒަޔާން ފިރިހެން ސިންގަލްސްގައި ވާދަކުރާނީ ގްރޫޕް ސީގައި ސްރީލަންކާ އާއި މަކާއުގެ ކުޅުންތެރިންނާ ދެކޮޅަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު