އިރުދެކުނު އޭޝިއާގެ ގައުމުތަކުން އެމެރިކާއަށް ވުރެ ބޮޑަށް ޗައިނާއާ ގުޅުން ބަދަހިކުރުމަށް ތާއީދުކުރާ މިންވަރު އިތުރުވެއްޖެކަން ފަހުގެ ސާވޭއަކުން ދައްކައިފިއެވެ.
ސިންގަޕޫރުގެ އައިއެސްއީއޭއެސް-ޔޫސުފް އިސްހާގު އިންސްޓިޓިއުޓުން މިއަދު އާންމުކުރި “ސްޓޭޓް އޮފް ސައުތުއީސްޓް އޭޝިއާ 2026” ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ ބޮޑު ދެ ބާރުގެ ތެރެއިން އެއް ގައުމެއް ޚިޔާރުކުރަން މަޖުބޫރުވެއްޖެ ހާލަތެއްގައި 52 އިންސައްތަ މީހުން ޚިޔާރުކުރަނީ ޗައިނާއެވެ. އެމެރިކާ ޚިޔާރުކޮށްފައިވަނީ 48 އިންސައްތަ މީހުންނެވެ.
މި އަހަރުގެ ޖެނުއަރީ ފަހަކުން ފެބްރުއަރީ 20 އަށް ކުރިއަށްގެންދިޔަ މި ސާވޭގައި އާސިއާންގެ 11 ގައުމަކުން 2،008 މީހުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 2025 ވަނަ އަހަރު އާސިއާންއާ ގުޅުނު ޓިމޯ-ލެސްޓޭވެސް ހިމެނެއެވެ.
ސާވޭގައި ބައިވެރިވި މީހުންގެ ތެރޭގައި ދިރާސާކުރާ ފަރާތްތަކާއި، ނޫސްވެރިންނާއި، ސަރުކާރުގެ އޮފިޝަލުންގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ހިމެނެއެވެ. މި ނަތީޖާއިން ދައްކާ ގޮތުގައި، ފާއިތުވި އަހަރު އެމެރިކާއަށް އޮތް ތާއީދު އިތުރުވެފައި އޮތުމަށްފަހު، މިހާރު އަނެއްކާވެސް ސަރަހައްދުގެ ގިނަ ބައެއްގެ ތާއީދު ވަނީ ޗައިނާއަށް އެނބުރިފައެވެ.
ސާވޭގެ ނަތީޖާއަށް ބަލާއިރު، ޗައިނާއަށް އެންމެ ބޮޑަށް ތާއީދުކުރަނީ އިންޑޮނޭޝިއާ (80.1 އިންސައްތަ)، މެލޭޝިއާ (68 އިންސައްތަ) އަދި ސިންގަޕޫރު (66.3 އިންސައްތަ) އިންނެވެ. މީގެ އިދިކޮޅަށް، އެމެރިކާއަށް އެންމެ ބޮޑު ތާއީދެއް އޮތީ ފިލިޕީންސް (76.8 އިންސައްތަ)، މިޔަންމާ (61.4 އިންސައްތަ)، ކެމްބޯޑިއާ (61 އިންސައްތަ) އަދި ވިއެޓްނާމް (59.2 އިންސައްތަ) ގައެވެ. ލާއޯސްގެ ނަތީޖާ އުޅެނީ ދެ ގައުމަށްވެސް ގާތްގަނޑަކަށް ހަމަހަމަކޮށެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޗައިނާއާ އެކު އިގުތިސާދީ ގޮތުން ބޮޑެތި ގުޅުންތަކެއް އޮންނަ ގައުމުތަކުން ޗައިނާއަށް ތާއީދުކުރާ މިންވަރު އިތުރެވެ. ނަމަވެސް އެމެރިކާއާ އެކު ސަލާމަތީ ގޮތުން ގުޅުން ބަދަހިކޮށްފައިވާ ގައުމުތައް، ޚާއްސަކޮށް ފިލިޕީންސް ފަދަ ގައުމުތަކުން އަދިވެސް ބޮޑަށް ބުރަވަނީ އެމެރިކާއަށެވެ.
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރަހައްދީ ގައުމުތަކުން އާންމު ގޮތެއްގައި ވަކި ފަރާތަކަށް ނުޖެހި ތިބުމަށް ބޭނުންވި ނަމަވެސް، މަޖުބޫރު ހާލަތްތަކުގައި ގައުމުތަކުގެ އިގުތިސާދީ އަދި ސަލާމަތީ އޮނިގަނޑުތަކުގެ ސަބަބުން ވަކި ފަރާތަކަށް ޖެހުމަށް މަގުފަހިކުރުވައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޗައިނާއާ އެކު އޮންނަ ގުޅުން އިތުރަށް ރަނގަޅުވާނެ ކަމަށް ސާވޭގެ 55.6 އިންސައްތަ ބައިވެރިން ގަބޫލުކުރެއެވެ.