މި ވާހަކައިގެ ފުރަތަމަ ބައިގައި ފެނިގެންދަނީ އިޒީއަށް ކޮންމެ ރެއަކުވެސް ފެންނަ ބިރުވެރި ހުވަފެނެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކެވެ. ފަރުބަދައެއްގެ މަތިން އަންހެން ކުއްޖަކު ވެއްޓޭ މި ހުވަފެނުގެ ސަބަބުން އިޒީ ވަނީ ނިދިން މަޙްރޫމުވެ، ނަފްސާނީ ގޮތުން ބަލިކަށިވެފައެވެ. އޮފީހުގައި އޭނާގެ އެކުވެރި ޝިފްލީން މިކަމާ ކަންބޮޑުވުން ފާޅުކުރެއެވެ. މީގެ އިތުރުން، އޮފީހަށް އަލަށް ގުޅުނު ލީގަލް ކޮންސަލްޓަންޓް އިސްމާޢީލް ޔައިލް އާ އިޒީ ބައްދަލުވެއެވެ. ޔައިލްއަކީ އިޒީގެ ވަރުބަލިކަން ދެނެގަނެ، އޭނާއަށް އަޅާލުމުގެ ގޮތުން ވާހަކަދައްކާ ޒުވާނެކެވެ. ނަމަވެސް އިޒީ ހުންނަނީ މިކަމާ ހިތްހަމަނުޖެހިފައެވެ. ގެއަށްގޮސް ނިދަން އުޅުމުން އަނެއްކާވެސް ހަމަ އެ ބިރުވެރި ހުވަފެން އިޒީއަށް ފެނެއެވެ.

  • އިޒީއަށް ކޮންމެ ރެއަކުވެސް ފަރުބަދަމަތިން ކުއްޖަކު ވެއްޓޭ މަންޒަރު ފެންނަ ބިރުވެރި ހުވަފެނެއް ފެނުން.
  • ނިދިން މަޙްރޫމުވުމުގެ ސަބަބުން އިޒީގެ ޞިއްޙަތަށާއި މަސައްކަތަށް ނޭދެވޭ އަސަރުކުރުން.
  • އޮފީހަށް އަލަށް ގުޅުނު ލީގަލް ކޮންސަލްޓަންޓް ޔައިލް އާ ބައްދަލުވުމާއި އޭނާގެ އަޅާލުން.
  • ހުވަފެނުގައި ފެންނަ ކުއްޖާ އަކީ ކާކުކަން ނޭނގުނު ނަމަވެސް އެކަން އެނގޭނެކަމުގެ އިޝާރާތެއް ލިބުން.

އިރު އަލްވަދާއުކީއިރު، އަނދިރިކަން ވެރިވަމުންދިޔަ ދުނިޔެއަށް ބޭނުންވެފައިވީ، ހަނދުވަރުގެ ރިހި އަލިކަމެވެ. އެހެނަސް، އުޑުމައްޗަށް ޖަމާވަމުންދިޔަ ކަޅު ވިލާތަކުން، ހަނދުގެ ނޫރު ވަނީ ކަނޑުވާލާފައެވެ. ތަރިތަކުގެ ވިދުމެއް ނެތެވެ.

މަޑުމަޑުން ދެލޯ ހުޅުވައިލި އިޒީ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އޭނާ ހުރީ އުސް ފަރުބަދައެއްގެ މަތީގައެވެ. ފަނޑު އަލިކަމުގެ ތެރެއިން އިޒީއަށް ފެނުނީ ކުރިމަތީގައި ހުރި ފުރާވަރުގެ އަންހެން ކުއްޖާއެވެ. ހުދު ޔުނީފޯމެއްގައި ހުރިއިރު، ކަރުނައިން ފުރިފައިވި ދެލޯ ހެކިދިނީ އެކުއްޖާގެ މަޖުބޫރީ ހާލަތެވެ. އޭނާ ހުރީ، އެންމެ ފިޔަވަޅެއް ފަހަތަށް އަޅައިލިޔަސް، އެ އުސް ފަރުބަދައިގެމަތިން ވެއްޓޭ ހިސާބުގައެވެ.

"ނޫން... ނޫން...."

އިޒީ އަތް ދިއްކޮށްލިއެވެ. ކުރިއަށް ހިނގައިގަންނަން އުޅުނެވެ. އެކަމަކު، ދެފައިގައި ހީވީ ހިލިހިލާ ޖަހާފައިވާ ހެންނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.

"ކީއްވެ އެހެން ހެދީ؟..."

އިޒީގެ ކަންފަތުގައި ޖެހުނީ އެކުއްޖާގެ އަޑެވެ. މުޅި ހިތް ވިރިގެންދާވަރުގެ ގަދަ ވޭނެއް އެކުއްޖާގެ އަޑުގައި ވިއެވެ.

"އަހަރެން... އަހަ..ރެން..."

"ކީއްވެ އެހެން ހެދީ؟..." އަނެއްކާވެސް އެކުއްޖާ ތަކުރާރުކޮށްލިއެވެ.

އަންހެން ކުއްޖާ ފަހަތަށް ފިޔަވަޅު ނެގި ގޮތުން، އިޒީ ބިރުން ތެޅިފޮޅިގަތެވެ. ކުރިއަށް ދާން އުޅުނަސް، އޭނާގެ ދެފައި ހަރަކާތެއް ނުކުރިއެވެ. ދުލުގައި ވަނީ ކަސްތޮޅު ލެވިފައެވެ.

"ނޯ..." އިޒީ ދުއްވައިގަތެވެ. އެހެނަސް، ވަގުތު ފާއިތުވިއެވެ. އަންހެންކުއްޖާ ތިރިއަށް ވެއްޓުނެވެ.

ފުންމައިގެން ތެދުވިއިރު، އިޒީ އިނީ ދާހިއްލާ ފޯވެފައެވެ. އޭނާގެ މުޅި ހަށިގަނޑުގައި މަޑު ތުރުތުރުލުމެއްގެ އަސަރު ވިއެވެ. ފެނުނީ ހުވަފެނެކެވެ. އެހެނަސް، ހަގީގަތާއި އެއްގޮތެވެ. ހަމަހިމޭންވެފައިވާ ކޮޓަރި ތެރެއިން އޭސީގެ އަޑު ނޫން އަޑެއް ނީވެއެވެ. އިޒީ އޭނާގެ މޭގައި އަތް ޖައްސައިލިއެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ.

"މީ ހުވަފެނެއް... ހުވަފެނަކީ ބިލާހެއް.." އިޒީ އޭނާގެ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ.

ފަނޑު އަލިކަމުގެ ތެރެއިން އިޒީ ބަލައިލީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ.

"ތިންގަޑި ސަތާރަ..." އިޒީއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ތަކުރާރުކޮށް، ކޮންމެ ރެއަކު އެއް ހުވަފެނެއް ފެނި، އެއް ގަޑިއެއްގައި ހޭލެވުން އާއްމު ކަމަކަށް ވެއްޖެއެވެ.

އިޒީ މަޑުމަޑުން އެނދުން ތެދުވިއެވެ. އޭނާގެ ދެފައިގައި ވަރެއް ނެތެވެ. އުނދަގޫ ގޮތަކަށް ހިނގާފައި ގޮސް އޭނާ ހުއްޓުނީ ލޯގަނޑުގެ ކުރިމަތީގައެވެ. ވަރަށް ފުންކޮށް އަމިއްލަ ސޫރައަށް ބަލައިލިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލަ ސޫރައަށް އައިސްފައިވާ ބޮޑު ބަދަލު ފެނި، އިޒީ ހައިރާންވިއެވެ. މިލާފައިވާ މޫނާއި، ރަތްވެފައިވާ ދެލޯ ހެކިދިނީ، އެތައް އަހަރެއް ވަންދެން އޭނާ ނުނިދާ ކަމެވެ.

"އަހަރެން އޯކޭ... ހުރިހާ ކަމެއްވެސް އޯކޭ..." އިޒީ ގަދަކަމުން ހިނިތުންވެލިއެވެ. އެހެނަސް، އެ ހިނިތުންވުން ރަމްޒުކޮށްދިނީ، އުފާވެރިކަމެއް ނޫނެވެ.

******

ދޮރުގައި ޓަކިޖަހާލާފައި އެތެރެއަށް ވަން ޝިފްލީން އޭނާ ގެނައި ފައިލުތައް އިޒީގެ ކުރިމަތީގައި އަތުރައިލިއެވެ.

"މި ޑޮކިޔުމަންޓްތަކުގަ ވަކީލުގެ ސޮއެ ބޭނުން...." ޝިފްލީން ފައިލެއް ހުޅުވާފައި، ސޮއި ކުރަންވީ ތަން ދެއްކިއެވެ.

"ލީވް އިޓް.." ކޮންޕިއުޓަރުން ނަޒަރު ވަކިކޮށްލުމެއްނެތި އިޒީ ބުނެލިއެވެ.

ޝިފްލީންގެ ހަބަރެއްނުވެ ގިނައިރުވުމުން، އިޒީ ބަލައިލިއެވެ. އޭރު ޝިފްލީން ހުރީ، އިޒީ ކަންތައް ކުރިގޮތުން ތުން ފިއްތާލައިގެންނެވެ. ޝިފްލީނަކީ އިޒީގެ ދަށުން މަސައްކަތްކުރާ މުވައްޒަފަކަށްވިޔަސް، ވެރިޔަކާއި މުވައްޒަފެއްގެ މެދުގައި އޮންނަ ގުޅުމަކަށްވުރެ ބޮޑަށް އެ ދެމެދުގައި އޮންނަނީ އެކުވެރިކަމެވެ.

"ކިހިނެއްވީ؟... މީހަކު ބުލީ ކުރަނީތަ؟..." އިޒީގެ މޫނު ފެނުމުން، ޝިފްލީނަށް ލިބުނީ ސިހުމެކެވެ.

"ގުޑް މޯނިންގް ޝިފްލީނޫ..." ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުން އިޒީ ބުނެލިއެވެ. "ބޭނުންވާ ކަންތައް ވެއްޖެއެއްނު... އަހަރެން މި ބެލީ ތި މޫނަށް... ދެން އަވަހަށް ދޭ..."

"ސީރިއަސްލީ... ދެލޯ ކައިރި ކަޅުވެފަ ހުންނަތާ ހަފްތާއެއް ވީ... އިޒީ އަނެއްކާ ރަނގަޅަށް ނިދަންތަ؟... ނުނިދާ ކޭސް ފައިލްތައް ބަލަން އިންނަނީދޯ؟" ޝިފްލީން ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ.

"ނިދަމޭ..." އިޒީ ފަހަރަކު ފައިލެއް ނަގައިގެން ބަލަން ފެށީ، ޝިފްލީންގެ ސުވާލުތަކުން މިންޖުވޭތޯއެވެ.

"ދޮގު ހެދީމަ އިޒީއަކާ ނުގުޅޭ..." ޝިފްލީން ގޮނޑީގައި އިށީނެވެ.

އިޒީ ދޫކޮށްލީ ފުން ނޭވާއެކެވެ.

"ވަޒީފާގެ ސްޓްރެސް... އެހެން ކަމެއް ނޫން..." އިޒީ ބަހަނާއެއް ހޯދިއެވެ.

ޝިފްލީން ފާޑަކަށް އެއްބުމަ އުފުލާލައިގެން އިޒީއަށް ބަލަން އިނެވެ.

"ތި އިންނަ ގޮތުން ހީވަނީ ޖިންނިއެއް ފެނިގެން ނުނިދާ އިންނަހެންވިއްޔަ..." ޝިފްލީން ސަމާސާ ކުރިއެވެ.

ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެއްޗެއް ނުބުނެވިފައި އިޒީ އިނެވެ. ހާސްކަން ފޮރުވުމަށް އޭނާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.

"ވެދާނެ އެހެން ކަމަށްވެސް..." އިޒީ ދެބަސްވާކަށް ނޫޅުނެވެ.

ޝިފްލީން އޭނާގެ ބޮލުގައި އަތުން ޖަހައިލިއެވެ.

"ވެރީ ފަނީ... ކޯޓަށް ގޮސް ފެއިންޓްވާނީކީ ނޫން... އަހަންނަކަށް ތި ކޭސްތަކެއް ހޭންޑްލްއެއް ނުކުރެވޭނެ..." ޝިފްލީން ތުންފިއްތައިލިއެވެ. "ބައިދަވޭ، މިއަދު އިޒީއަށް އާ ބިޓެއް ލިބޭނެ... ދެން އަހަރެން ތަންކޮޅެއް ފްރީވާނެ..."

ޝިފްލީން ދިޔަ ދިމާއަށް ބަލަން އިން އިޒީ އޭނާ ހުޅުވައިގެން އިން ފައިލު ލައްޕައިލިއެވެ. ޝިފްލީން ދެއްކި ވާހަކައަށްވުރެ ބޮޑަށް އޭނާއަށް ވިސްނުނީ އެހެން ކަމަކަށެވެ. ފެނުނު ހުވަފެނާއި މެދުގައެވެ. އެކަމާއިހެދި، ފަހަކަށް އައިސް އިޒީއަށް ރަނގަޅަށް މަސައްކަތެއް ނުކުރެވެއެވެ.

"ކީއްވެ އެހެން ހެދީ؟...."

އިޒީގެ އިނގިލިތައް ތުރުތުރުއަޅައިގަތެވެ. އޭނާގެ ސިކުނޑިތެރޭގައި އެ ޖުމުލަ ތަކުރާރުވަމުން ދިޔައީ އެހެން ކަމަކަށް ސަމާލުކަންދެވޭ މިންވަރަކަށް ނޫނެވެ.

ރަސްމީ ވަގުތު ނިމުމާއިއެކު، އޮފީސްތެރެ މަޑުމަޑުން ހުސްވާން ފެށިއެވެ. ފައިލުތަކުގެ ތެރެއަށް ގެއްލިފައި އިން އިޒީ އޭނާގެ މަސައްކަތް ހުއްޓާލަން ހިތަށްވެސް ނާރުވައެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އެހެން ހުރިހާ މުވައްޒަފުންނަށްވުރެ ކުރިން އޮފީހަށް ދިޔަސް، އޮފީސް ނިންމައި، އެންމެ ފަހުން ގެއަށް ދަނީ އިޒީއެވެ.

"ގެއަށް ނުދުރުވާ ދުވަހެއްތޯ؟..."

އިވުނީ އިޒީ ދަންނަ އަޑެއް ނޫނެވެ. އެހެނެސް، އެ އަޑުގައި ދުރުކަމެއް ނެތެވެ. އިޒީ އިސްއުފުލައިލިއެވެ. އޭނާގެ ކުރިމަތީގައި ހުރީ އިސްކޮޅުން ދިގު، ޒުވާން ފިރިހެނެކެވެ. ރަސްމީ ހެދުމުގައި ހުރިއިރު، ކަރުގައި އަޅާފައިވާ ކާޑުން، އެއީ އެ އޮފީހުގައި މަސައްކަތް ކުރާ ޒުވާނެއްކަން އިޒީއަށް އެނގުނެވެ. ޒުވާނާގެ ފިރިހެންވަންތަކަން އިތުރުކުރުވާފައިވީ، ތުންފަތަށް ވެރިކުރުވައިގެން ހުރި ލުއި ހިނިތުންވުމުގެ ސަބަބުންނެވެ. ހިނިތުންވެލައިގެން ހުރިއިރު، އެއް ކޮލުން ފެންނަމުންދިޔަ އަޑިކޮޅުން އޭނާގެ ސިފަޔަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޔަގީނުންވެސް އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރާނެފަދަ ފުރިހަމަކަމެއް ލިބިފައިވި ޒުވާނެކެވެ.

އިޒީގެ ނަޒަރު ޒުވާނާގެ މޫނުން، އޭނާގެ އަތުގައި އޮތް ފައިލަށް ހުއްޓުނެވެ.

"ހަމަ ތި ސުވާލު އަހަންނަށްވެސް ކުރެވިދާނެ... އެހެންނު؟..." އިޒީގެ އަޑުގައި ވީ ބީރަށްޓެހިކަމެވެ. ޝައުގުވެރިކަމެއް ނެތެވެ.

ޒުވާނާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"ރަނގަޅު... ހަމަ ސުވާލު ކުރަންވީ..."

ޒުވާނާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އޭނާގެ އަތުގައި އޮތް ފައިލު މޭޒުމަތީގައި ބޭއްވިއެވެ.

"އިސްމާއީލް ޔައިލް... ޔުއަރ ނިއު ލީގަލް ކޮންސަލްޓަންޓް..." ޔައިލް އޭނާގެ ތައާރަފެއް ދިނެވެ.

އިޒީ ބޯ ޖަހައިލީ، ޔައިލްއަކީ ކާކުކަން އެނގެޔޭ ބުނާ ފަދައިންނެވެ.

"ހިއެއް ނުކުރަން މިހާ އަވަހަށް އެނގިދާނެ ކަމަކަށް..." ޔައިލް ބޯ ކަހައިލިއެވެ.

"އަހަރެން އަބަދުވެސް ބަލަން އަހަންނާ އެކީ ވޯކް ކުރަނީ ކޮން ބައެއްތޯ..." ފައިލު ލައްޕައިލަމުން، އިޒީ ބަލައިލީ ސީދާ ޔައިލްގެ ދެލޮލަށެވެ.

ގަދަ މުށި ކުލައިގެ ކަޅިއެކެވެ. ތޫނު ނަޒަރަކުން އިޒީއަށް ބަލަން ހުރިއިރު، ޔައިލްގެ ދެލޮލުން ކޮންމެވެސް ވާހަކަތަކެއް ބުނެދިނެވެ. ބުނެދޭން ނޭނގޭ ރިހުމެއް އެ ދެލޮލުން ފެނުނުހެން އިޒީއަށް ހީވިއެވެ.

"އެހެންވީމަ، މި ބަލަނީ މިހާރު އޮންނާނީ އެނގިލައްވާފަ ކަމަށް..." އިޒީގެ ދެލޮލުން ނަޒަރު ވަކިކޮށްލަމުން ޔައިލް ބުނެލިއެވެ. "މި ދެންނެވީ، ނެކްސްޓް ހައި ޕްރޮފައިލް ކޭސްގަ، ދެމީހުން އެކީ ވޯކް ކުރަން ޖެހޭ ވާހަކަ..."

"މިހާރު އެނގިއްޖެ..." އިޒީ ތެދުވިއެވެ.

"އަބަދުވެސް މިހާ ލަސްވަންދެން ވޯކް ކުރަންތޯ؟..." ޔައިލް ސުވާލު ކުރިއެވެ.

އިޒީ ބޯ ޖަހައިލިއެވެ.

"އަމިއްލައަށް ބޭނުންވެގެން؟.." ޔައިލްގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ.

އިޒީ ދެންވެސް ބޯ ޖަހައިލީއެވެ. އޭރު އޭނާ ހުރީ، ކަރުދާސްތަކެއްގެ ފޮޓޯކޮޕީ ނަގާށެވެ. ޔައިލް އިތުރު އެއްޗެއް ނުބުނެއެވެ. ދެމީހުންގެ ދެމެދަށް ވެރިވީ ހިމޭންކަމެވެ. ޕްރިންޓަރުގެ އަޑު ފިޔަވައި އިތުރު އަޑަކަށް އިވެމުން ދިޔައީ އޭސީގެ އަޑެވެ. އިޒީ ޔައިލްއަށް ބަލައިލިއެވެ. އެހެން މީހުން ސުވާލު ކުރާހެން ޔައިލް ގިނަ ސުވާލުތަކެއް ނުކުރެއެވެ.

"ދެން ގެއަށް ގޮސްލަންވީނު..." ގަޑިއަށް ނަޒަރު ހުއްޓައިލަމުން ޔައިލް ބުނެލިއެވެ.

"ފުރަތަމަ ބައްދަލުވުމުންވެސް އަހަންނަށް އެޑްވައިޒް ދޭން ފެށީތަ؟..." އިޒީ ހިތްހަމަނުޖެހުނުކަން އޭނާގެ އަޑުންވެސް ދޭހަކޮށްދިނެވެ.

"އެޑްވައިޒްއެއް ނޫން..." ޔައިލް އަވަސް އަވަހަށް ބުނެލިއެވެ. "ތި މޫނުން ވަރުބަލިކަން ނޫން އެއްޗެއް ނުފެންނާތީ... ތި ދެލޯ ބުނަނީ ނިދާލަން ބޭނުމޭ... އެހެންވެ، ކެތް ނުވެގެން ބުނެވުނީ..."

"އަހަރެން އޯކޭ.." އިޒީ ދެންވެސް ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައެވެ.

"އޯކޭ... އޯކޭ..." ޔައިލް ގޮތްދޫކުރިއެވެ.

ޔައިލް ދިޔަ ދިމާއަށް ބަލަން އިން އިޒީއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

********

ގެއަށް އައިސް ވަން އިޒީއަށް ސޯފާއަށް ވެއްޓިގަނެވުނެވެ. ވަރުބަލިކަން ފެންނަމުންދިޔަ އިޒީގެ ހަށިގަނޑު ވަނީ އަރާމު ނިންޖަކަށް ބޭނުންވެފައެވެ. އޮފީހުގެ ހަލަބޮލި މާހައުލު ދޫކޮށް ގެއަށް އާދެވުމުން، އޭނާއަށް އިހުސާސްވީ އެކަނިވެރިކަމެވެ. ހުސްކަން ވެރިވެފައިވާ ގޭތެރެއިން ފެންނަނީ ފަޅުކަމެވެ. ދިރުމެއް ނެތެވެ.

ނިދަން އޮށޯތުމާއިއެކު، އިޒީގެ އަތްފައިން ދާހިއްލަން ފެށިއެވެ.

"ހުވަފެނަކީ ބިލާހެއް... ބިލާހެއް..." އިޒީ އޭނާގެ އަމިއްލަ ހިތަށް ވިސްނައިދޭން އުޅުނެވެ. މަޑުމަޑުން ދެލޯ މެރެމުން ގޮސް، ފުން ނިދީގެ ތެރެއަށް އިޒީގެ ނަފުސު ގެނބިގެން ދިޔައެވެ.

"ނޫން..." އިޒީގެ އަޑު ތުރުތުރު އަޅައިގަތެވެ.

ހަމަ އެ މަންޒަރެވެ. ހަމަ އެ ކުއްޖާއެވެ. ހަމަ އެ މާހައުލެވެ. މަންޒަރު ބަދަލެއް ނުވިއެވެ.

"ކީއްވެ އެހެން ހެދީ؟..."

އަނެއްކާވެސް އެ އަޑެވެ. އިޒީ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކީއްވެ އެހެން ހެދީ؟..."

"އަހަންނަކަށް ނޭނގެ... އަހަންނަށް އެކައްޗެއްވެސް ނޭނގެ... އަހަންނަށް ތީ ކާކު ކަމެއްވެސް ނޭނގެ..." އިޒީ ރޮއެގަތެވެ.

"އެނގޭނެ..."

"ނޫން..." އިޒީ އޭނާގެ ދެކަންފަތުގައި އަތް އެޅިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު