ލޯކަލް ކައުންސިލު އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ދިޔައިރު، ސަލާމަތީގޮތުން ފާހަގަކުރެވޭ ބޮޑު ކަމެއް ނުހިނގާ ކަމަށާއި، އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އެއްވެސް މީހަކު ބަންދުގައި ނުހުންނާނެ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދަކީ އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަހަކަށްވީ ނަމަވެސް، ވޯޓުލުން ކުރިއަށްދިޔަ ވަގުތު ފުލުހުންގެ އިރުޝާދުތަކަށް އާންމުން އަމަލުކުރުމަކީ، އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، އިންތިޚާބުގެ ހުރިހާ ކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
އިންތިޚާބު ކުރިއަށް ދިޔައިރު ސަލާމަތީގޮތުން ފާހަގަކުރެވޭ ބޮޑު ކަމެއް ނުހިނގާ ކަމަށާއި، އިންތިޚާބާ ގުޅުންހުރި ކަމެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އެކަކުވެސް މިހާރު ބަންދުގައި ނުހުންނާނެ ކަމަށް، ފުލުހުން ބުންޏެވެ.
އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ރަށްރަށުގައި ތިބި ފުލުހުންގެ މަސައްކަތް ފާހަގަކޮށް ފުލުހުން ބުނީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް 185،709 މީހުން ވޯޓުލައިފައިވެއެވެ. އެއީ ވޯޓުލެވޭ 294،876 މީހުންގެ 63 ޕަސެންޓެވެ. ވޯޓުލީ މީހުންގެ ތެރޭ ހިމެނެނީ 92،567 އަންހެނުންނާއި 93،142 ފިރިހެނުންނެވެ.
ޖުމުލަ ވޯޓުލީ މީހުންގެ އަދަދު އެނގޭނީ ހުރިހާ ފޮށިތައް ގުނައި ނިމުމުންނެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު ފަހެއް ޖަހަންދެން ވޯޓުލުން ކުރިއަށް ގެންގޮސް، މިހާރު ކުރަމުން އަންނަނީ ވޯޓު ގުނުމުގެ މަސައްކަތެވެ.