ރާއްޖޭގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލްގައި، ވާދަވެރި އިންޑިއާ ބަލިކޮށް ބަންގްލަދޭޝްއިން އަނެއްކާވެސް މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މުޅި މެޗުގައި ދެ ޓީމުގެ ފަރާތުން ހަލުވި އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ކަނޑައެޅިފައިވާ 90 މިނެޓާއި އިތުރު ވަގުތު ހަމަވިއިރުވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ބަންގްލަދޭޝް ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝް ޓީމު އުފާފާޅުކުރަނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ
ޕެނަލްޓީ ޝޫޓްއައުޓްގެ ފެށުން ބަންގްލަދޭޝްއަށް އުއްމީދީވީ، އިންޑިއާގެ ފުރަތަމަ ޕެނަލްޓީ އެ ގައުމުގެ ކީޕަރު އިސްމާއިލް ހުސެއިން ހުޝިޔާރުކަމާއެކު ދިފާއުކުރުމުންނެވެ.
އޭގެ ފަހުން ދެ ގައުމުގެ ފަރާތުންވެސް ކާމިޔާބު ޕެނަލްޓީތަކެއް ފެނިގެންދިޔައިރު، ބަންގްލަދޭޝްގެ ސެމިއުލް ރަކްސަމް ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑިއަށް އަމާޒުވުމުން އިންޑިއާއަށް އުއްމީދެއް ލިބުނެވެ.
ނަމަވެސް، އިންޑިއާގެ ފަސްވަނަ ޕެނަލްޓީ އޮމަންގް ޑުޑަމް އަތުން ބޭކާރުވުމާއެކު، ބަންގްލަދޭޝް މޮޅުކޮށްދިނީ އެމެރިކާއަށް ނިސްބަތްވާ އެ ގައުމުގެ ކުޅުންތެރިޔާ ރޮނާން ސުލިވަންއެވެ.
ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝް ޓީމު އުފާފާޅުކުރަނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ
މިއީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވި ތިންވަނަ ފަހަރެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ މުބާރާތް އިންޑިއާއިން ކާމިޔާބުކުރި ނަމަވެސް، ޖެހިގެން އައި 2024 ވަނަ އަހަރާއި މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށް، ބަންގްލަދޭޝް މިވަނީ މި އުމުރުފުރާގެ އެންމެ ކާމިޔާބު ގައުމުގެ ޝަރަފު ހޯދާފައެވެ.