ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސުޕަމެޖޯރިޓީގެ ފުރުސަތު ކުޑަވެ، ކޮރަޕްޝަން ނެތިގެންދާނެ: ރަައީސް

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ކޮރަޕްޝަން މަދުވެ، އެއް ޕާޓީއަކަށް ސުޕަމެޖޯރިޓީ ލިބުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ ކައުންސިލް އިންތިޚާބު ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

  • ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ރައީސްގެ ތާއީދު
  • ސުޕަމެޖޯރިޓީ ލިބުމުގެ ފުރުސަތު ކުޑަވުން
  • ކޮރަޕްޝަން އަދި ފައިސާގެ ނުފޫޒު ކުޑަވުން
  • ދައުލަތުގެ ޚަރަދުތައް ކުޑަކުރެވުން

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން މަޖިލީހުގެ ސުޕަމެޖޯރިޓީ ވަކި ޕާޓީއަކަށް ލިބުމުގެ ފުރުސަތު ކުޑަވެ، ކޮރަޕްޝަން ނައްތާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމާލުމަށް، ވެރިކަން ކުރާ ޕީއެންސީން ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަމުންނެވެ.

މާދަމާ ލޯކަލް ކައުންސިލް އިންތިޚާބާއެކު، މައި ދެ އިންތިޚާބު އެއްކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓު ވެސް ބާއްވާނެއެވެ. މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި އިސްލާހަކާ ގުޅުވައި ބާއްވާ އެ ވޯޓުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ވޯޓު ދިނުމަށް ސަރުކާރުން އަންނަނީ ގޮވާލަމުންނެވެ.

އެ ކެމްޕޭންތައް ނިންމާލުމަށް ބޭއްވި ހިނގާލުމަށް ފަހު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާދަމާ އޮންނަ ދެ ވޯޓުގައި ވެސް އެ މަނިކުފާނު އެދިވަޑައިގަންނަވަނީ ރައްޔިތުން ގައުމީ ވިސްނުން އިސްކުރުމަށް ކަމަށެވެ.

"މި ހުރިހާ ނިންމުންތަކެއްގައި މާދަމާ އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން ތިމަންނާއަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަޒުމު ކަނޑައަޅައި، ގައުމީ ވިސްނުމުގައި އަޅުގަނޑުމެންނާއެކީ ކުރިއަށްވަޑައިގަތުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރައީސް ވިދާޅުވީ މި ސަރުކާރުން ހުސް ވާހަކަ ނުދައްކާ ކަމަށާއި، އޭގެ ބަދަލުގައި ނަތީޖާ ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެ ދަރަނީގެ ތުންފަތް މަތީގައި އޮއްވައި، އެންމެން ގުޅިގެން ކުރި އިޚުލާސްތެރި މަސައްކަތުން ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން އެއްކޮށް ދައްކައިފައިވާކަން ފާހަގަކުރެއްވިއެވެ.

އެ ލޯނު އަނބުރާ ދެއްކީ ރައްޔިތުން ދަރަނިވެރިނުވާ ގޮތަށް، އެއްވެސް ދަރަންޏެއް ނުނަގައިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މާދަމާ އޮންނަ ވޯޓާ ސަރުކާރުން ކުރިމަތިލަނީ އެ އިޚުލާސްތެރި މަސައްކަތުގެ ނަތީޖާއާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ޕީއެންސީއަށް ދޭ ކޮންމެ ވޯޓަކަށް ވެސް ފަޚުރުވެރިވެވޭނެ ކަމަށާއި، އެއީ މާޔޫސްވާނެ ފަދަ ވޯޓަކަށް ނުވާނެ ކަމަށެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ވޯޓުގައި ގައުމީ ވިސްނުން އިސްކުރުމަށް ތަކުރާރުކޮށް ގޮވާލައްވައި ރައީސް ވިދާޅުވީ، އެގޮތަށް އިންތިޚާބުތައް ބޭއްވުމުން ވާނެ އެއްވެސް ގެއްލުމެއް ނެތް ކަމަށާއި ވާނީ ހަމައެކަނި ފައިދާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު މަޖިލިސް އިންތިޚާބު ބޭއްވުމުން، ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައި ގޮސް ބައެއް ކެންޑިޑޭޓުން ކެމްޕޭން ކުރާ ކަމަށެވެ. ނަމަވެސް ދެ އިންތިޚާބު އެއްކޮށް ބާއްވާނަމަ ހޮވެނީ ކޮން ސަރުކާރެއްކަން ނޭނގޭނެ ކަމަށާއި، އޭރަށް، ސަރުކާރުގެ ކެންޑިޑޭޓުގެ ނަމުގައި ކެމްޕޭން ކުރަން ފުރުސަތު ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"ވޭތުވެދިޔަ ތިން ދައުރުގައި މެޖޯރިޓީ، މިދިޔަ ދެ ފަހަރު ސުޕަމެޖޯރިޓީ ރައްޔިތުން މި ދެނީ ސަރުކާރަށް، ދިނީމަ ކިހިނެއްތޯ މިވަނީ؟ އަޅުގަނޑުމެން ގައުމު އިސްކުރަނީ ނަމަވެސް ގައުމީ ވިސްނުން އިސްނުކުރާ ސުޕަމަޖޯރިޓީއެއް އައިމަ ކިހިނެއްތޯ ވަނީ؟ ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ." އެ މަނިކުފާނު ވިދާޅުވިއެވެ.

އެގޮތަށް މަޖިލިސް ހޮވުމުން ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އިންތިޚާބުވާނެ ސަރުކާރެއް އެނގުމެއް ނެތި މަޖިލިސް މެންބަރުން ހޮވުމުން، ތިން ބާރު ވަކިވުމަށް މަގުފަހިވާ ކަމަށް ރައީސް ވިދާޅުވުއެވެ.

ހަމައެއާއެކު، ކުރީގެ އިންތިޚާބުތަކުގެ ނަތީޖާތަކަށް ބަލާއިރު، ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅު ޕާޓީއަށް ލިބޭ ވޯޓުގެ އޮންނަނީ ކުޑަ ފަރަގެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންވުމުން، އެ ދުވަހެއްގައި ދެ އިންތިޚާބު ބާއްވާނަމަ، ދެ ޕާޓީގެ މެންބަރުން ހޮވޭނީ ވެސް އެހާ ފަރަގު ކުޑަކޮށް ކަމަށް ވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު، ސުޕަމެޖޯރިޓީއެއް އޮތުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް އެ މަނިކުފާނު ލަފާކުރެއްވިއެވެ.

އެހެންވީމަ އަޅުގަނޑުމެން މާދަމާ ނުކުމެ ގައުމު އިސްކޮށްފައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނިންމަންވީ، އޭރުން ޗެކް އެންޑް ބެލެންސް ނިޒާމެއް މި ތަނަށް އަންނަނީ، އޭރުން އެންމެ ގިނަ މެންބަރުން ވޯޓުލައިގެން ހޮވާ މެންބަރުން އަންނަނީ، ކޮރަޕްޝަން ނެތިގެން ދަނީ އޭރުން މި ނިޒާމުގެ ތެރެއިން
ރައީސް ޑރ. މުހައްމަދު މުއިއްޒު

މާދަމާ އޮންނަ އިންތިޚާބުގައި 226 ދާއިރާއަކަށް ކައުންސިލަރުން ހޮވާނެއެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މީގެ ކުރިން ވަނީ އެ އިންތިޚާބުގައި އެ ޕާޓީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް