ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާ ހިމެނޭހެން، އައްޑޫގައި ހިތުގެ ބަލިތަކުގެ ފަރުވާތަކެއް ފަށައިފި

ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާ ހިމެނޭހެން އައްޑޫގައި ހިތުގެ ފަރުވާތަކެއް ފެށުން --- ފޮޓޯ: އައިޖީއެމްއެޗް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން އައްޑޫ ސިޓީގައި ހިތުގެ ބަލިތަކުގެ ޒަމާނީ ފަރުވާތައް ދޭން ފަށައިފިއެވެ. މީގެ ތެރޭގައި ޕްރައިމަރީ ސީޕީއައި، އައިސީޑީ އަދި ޕޭސްމޭކަރ ލެއްވުން ހިމެނެއެވެ. މިއީ މާލޭން ބޭރުގައި މި ޚިދުމަތްތައް ތައާރަފުކުރެވުނު ފުރަތަމަ ފަހަރެވެ.

  • ޕްރައިމަރީ ސީޕީއައިގެ ޚިދުމަތް އައްޑޫގައި ފެށުން
  • މާލޭން ބޭރުގައި ގާއިމުކުރި ފުރަތަމަ ކެތު ލެބް
  • 11 އެންޖިއޯގްރާމާއި 6 އެންޖިއޯޕްލާސްޓީ ހެދުން
  • އައިސީޑީ އަދި ޕޭސްމޭކަރ ލެއްވުމުގެ ފަރުވާ ފެށުން

ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާ, ޕްރައިމަރީ ސީޕީއައި ހިމެނޭހެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ހިތުގެ މުހިންމު ފަރުވާތަކެއް ފަށައިފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން ފަށައިފައިވާ ޚިދުމަތްތަކާއެކު، އެ ހޮސްޕިޓަލް ވެފައިވަނީ މާލޭން ބޭރުން ފުރަތަމަ ފަހަރަށް ޕްރައިމަރީ ސީޕީއައި ޚިދުމަތް ފަށާ ހޮސްޕިޓަލަށެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައި ވާގޮތުގައި، މިދިޔަ އަންގާރަ ދުވަހުން ފެށިގެން، އިއްޔެގެ ނިޔަލަށް ނެޝަނަލް ކާޑިއެކް ސެންޓަރުން އައްޑުއަށް ކުރި ދަތުރުގެ ތެރެއިން، ހިތުގެ މައްސަލަތަކަށް ބޭނުންވާ މުހިންމު ފަރުވާތަކެއް ވަނީ ތައާރަފުކޮށްފައެެވެ.

އޭގެ ތެރޭގައި "އައިސީޑީ" އަދި "ޕާމަނަންޓް ޕޭސްމޭކާ" ލެއްވުމުގެ ފަރުވާ ހިމެނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި 11 އެންޖިއޯގްރާމާއި ހަ އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ދީފައި ވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މާލެއަށް ފަހު އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ މައި ހޮސްޕިޓަލުގައި ޒަމާނީ ޚިދުމަތްތައް ދިނުމަށް ކުރާ މަސައްކަތުގެ ދަށުން، މިދިޔަ ޖަނަވަރީ މަހު އެ ހޮސްޕިޓަލުގައި ވަނީ، ހިތުގެ ބަލި ހުންނަ މީހުންނަށް ފަރުވާ ދޭ ކެތު ލެބުގެ ޚިދުމަތް ފަށައިފައެވެ. އެއީ މާލޭން ބޭރުގައި ގާއިމްކޮށް ޚިދުމަތްދޭން ފެށި ފުރަތަމަ ކެތު ލެބެވެ.

comment ކޮމެންޓް