މުސާރަ ބޮޑުވީ ކުރިން ހަދާފައި އޮތް އުސޫލެއްގެ ތެރެއިން، އިންތިޚާބާ ގުޅުމެއް ނެތް: ފުލުހުން

ފުލުހުން: މުސާރަ ބޮޑުވީ ކުރިން ހަދާފައި އޮތް އުސޫލެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފި -- ފޮޓޯ/ ފުލުހުން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކުރީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ފުލުހުންގެ އިދާރާއިން ވަނީ ދޮގުކޮށްފައެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މިއީ ސިޔާސީ ކަމަކާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މިއީ ދައުލަތުގެ ޕޭ ފްރޭމްވޯކްގައި ކުރިން ކަނޑައެޅިފައިވާ އުސޫލެއް ކަމަށެވެ. މި ބަދަލަކީ ފުލުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ހެޔޮ ބަދަލެއް ކަމަށާއި، މީގެ ކުރިން 2024 ވަނަ އަހަރު ވެސް ފުލުހުންގެ މުސާރައަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައި ކަމަށް ފާހަގަކުރެއްވިއެވެ.

  • މުސާރަ ބޮޑުވީ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ދަށުން 2 އަހަރު ފުރުމުން
  • މިއީ އިންތިޚާބާ ގުޅުމެއް ނެތް އުސޫލީ ބަދަލެއް
  • މި ބަދަލު ލިބޭނީ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް
  • 2009 ވަނަ އަހަރަށްފަހު ފުލުހުންގެ އަސާސީ މުސާރައަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ފުލުހުންގެ މުސާރަ ބޮޑުކުރީ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ފުލުހުންގެ މުސާރަ ބޮޑުކުރީ ކަމަށް ބުނެ އަޑުފެތުރިފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަދި ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފުލުހުން ބަދަލުވިތާ ދެ އަހަރު ވަނީ ފުރިފައެވެ. އެހެންކަމުން އެ ފްރޭމްވޯކުގައިވާ ގޮތުގެ މަތިން، އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ވަނީ ބަދަލުކޮށްފައި ކަމަށް ޝިފާން ވިދާޅުވިއެވެ.

އަދި އެ އެލަވަންސަކީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިން ވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވި ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ، ޕޭ ފްރޭމްވޯކްގައި ފާސްކުރެވިފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށެވެ.

މީގެ ދެ އަހަރުކުރިން، 2024 ވަނަ އަހަރުގެ މާޗު ފަހު ފުލުހުން ހާމަކުރި ގޮތުގައި ފުލުހުންގެ މުސާރައިގެ އޮނިގަނޑު މާޗު މަހުގެ އެކަކުން ފެށިގެން އޮތީ ބަދަލުކޮށްފައެވެ. އެހެންކަމުން އެ މަހުން ފެށިގެން ފުލުހުންގެ މުސާރަތައް އޮތީީ 35 ޕަސެންޓު ބޮޑުކޮށްފައެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރެވެ.

https://sun.mv/190009

ފާހަގަކޮށްލެވޭ ގޮތުގައި މުވައްޒަފުންނަށް ކުރާ ހޭދަ މިދިޔަ އަހަރު 7.5 އިންސައްތަ އިތުރުވެފައި ވަނީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިން މުސާރައަށް ގެނެސްފައިވާ ބަދަލުތަކާ ހެދި ކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް