އައްޑޫން އަތުލައިގަތް 15 މިލިއަން ރުފިޔާގެ ސިނގިރޭޓާ ބެހޭ މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަނީ

ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓުގެ ޝިޕްމެންޓް: މި މައްސަލައާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައެއް އަންނަނީ ބަލަމުން --- ފޮޓޯ: ކަސްޓަމްސް

އައްޑޫ ހިތަދޫ ޕޯޓު މެދުވެރިކޮށް ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި، މަނީ ލޯންޑަރިންގެ ކުށުގެ އަމަލުތަކެއް ހިމެނޭކަމަށް ބެލެވިގެން އެ މައްސަލަ ފުލުހުންގެ ތަހުގީގަށް ހުށަހަޅައިފިއެވެ. 15 މިލިއަން ރުފިޔާގެ މި މުދަލަކީ ނެސޯ ހޯމް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެތެރެކުރަން މަސައްކަތްކުރި ތަކެތި ކަމަށް މައުލޫމާތު ލިބެއެވެ. ކަސްޓަމްސްއިން މި މައްސަލަ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ކުރި ދިރާސާތަކުން މަނީ ލޯންޑަރިންގެ ނުރައްކާތެރި ކަންކަން އެކުލެވޭކަން ފާހަގަވުމުން މިހާރު ދަނީ ފުލުހުންނާ ގުޅިގެން ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންނެވެ.

  • އައްޑޫ ހިތަދޫ ޕޯޓުން 1.8 މިލިއަން ސިނގިރޭޓު އަތުލައިގަތުން
  • ސިނގިރޭޓުތަކުގެ ޖުމްލަ އަގު 15 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ކަށަވަރުކުރުން
  • މައްސަލައިގެ ތެރޭގައި މަނީ ލޯންޑަރިންގެ އަމަލުތައް ހިމެނޭތީ ފުލުހުންގެ ތަހުގީގު ފެށުން
  • ތުހުމަތުކުރެވޭ ކުންފުންޏަކީ ގޭތެރޭގެ ސާމާނު ވިއްކުމުގެ ހުއްދަ އޮތް ކުންފުންޏަކަށް ވުން

މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު އައްޑޫ ހިތަދޫ ޕޯޓުން 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގަތް މައްސަލައާ ގުޅުންހުރި މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަޙްމަދު ޝަފީޢު 'ސަން'އަށް މިއަދު ވިދާޅުވީ، އައްޑޫ ހިތަދޫ ޕޯޓުން އެތެރެކުރަން މަސައްކަތްކުރި 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓުގެ މައްސަލަ ކަސްޓަމްސްއިން ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހެޅީ މިދިޔަ ހަފުތާގައި ކަމަށެވެ.

"ދެން އަަޅުގަނޑުމެން އެ މައްސަލަ ދިރާސާކުރިއިރުގައި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭކަމަށް ބެލެވޭތީ، ފުލުހުންނަށް ދަންނަވައިފަ ވާނެ އެ މައްސަލައިގެ ތަހުގީގުގައި ބައިވެރިވާން،" ޝަފީޢު ވިދާޅުވިއެވެ.

އެހެންކަމުން ކަސްޓަމްސްއާއި ފުލުހުންނާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފަށައިފައިވާ ކަން ޝަފީޢު ހާމަކުރެއްވިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބަހެއް ލިބޭ ގޮތް އަދި ނުވެއެވެ.

'ސަން'އަށް މައުލޫމާތު ލިބިފައިވާގޮތުގައި އައްޑުއަށް ވަގަށް ސިނގިރޭޓު އެތެރެކުރަން މަސައްކަތްކޮށްފައިވަނީ "ނެސޯ ހޯމް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރިތަކާބެހޭ ޕޯޓަލުން އެނގޭ ގޮތުގައި އެ ކުންފުނީގެ ވެރިޔަކީ އަޙްމަދު ޙަސަންދީދީ ނަމަކަށް ކިޔާ މީހެކެވެ.

ވިޔަފާރިތަކާ ބެހޭ ޕޯޓަލުން އެނގޭ ގޮތުގައި، ނެސޯ ހޯމް ކުންފުންޏަށް ދޫކޮށްފައިވަނީ، ގޭގެއަށް ބޭނުންވާ ކަރަންޓު ސާމާނާއި ފަރުނީޗަރާއި ލައިޓިން ފަދަ ތަކެތި ވިއްކުމުގެ ހުއްދައެވެ.

https://sun.mv/211767

މިދިޔަ ސެޕްޓެންބަރު މަހުގެ 24ވަނަ ދުވަހު ކަސްޓަމްސްއިން އާންމުކުރި މައުލޫމާތުގައިވަނީ، ޖުމްލަ 1.8 މިލިއަން ސިނގިރޭޓު ހިފެހެއްޓި ކަމަށާއި، އެ ތަކެތީގެ ޖުމްލަ އަގު 15 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ކަސްޓަމުން އޭރު ބުންޏެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެސް އައްޑޫން ސިއްރުން އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު ހިފަހައްޓާފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ސިނގިރޭޓުގެ އަގު ބޮޑުވެ، ވަގު ސިނގިރޭޓު ވިއްކުން ވަނީ އާންމުވެފައެވެ. ހަމައެއާ އެކު ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް