ރައީސްގެ ސްކޮލަޝިޕް: ކަނޑައަޅާ ދާއިރާތަކުގެ ބަދަލުގައި، ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް އަލުން ބަދަލުކޮށްފި

މީގެ ކުރިން، ރައީސްގެ ސްކޮލާޝިޕް ދެއްވި ރަސްމިއްޔާތެއް: ކަނޑައަޅާ ދާއިރާތަކުގެ ބަދަލުގައި، ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް ރައީސްގެ ސްކޮލަޝިޕްގެ އުސޫލު ވަނީ އަލުން ބަދަލުކޮށްފައި -- ފޮޓޯ/ ޕީއެސްއެމް

ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި އެންމެ ޚާއްސަ މަގާމެއް ލިބިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގެ އުސޫލަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލުތަކަކީ މި ދުވަސްވަރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައުޟޫއެކެވެ. މިނިސްޓްރީން ކުރިން ކަނޑައެޅި ގޮތުގައި، ސްކޮލަޝިޕް ދޭނީ ހަމައެކަނި 'ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓުގައި' ހިމެނޭ ދާއިރާތަކުންނެވެ. ނަމަވެސް، މި ނިންމުމަށް 24 ގަޑިއިރު ވެސް ނުވަނީސް، އެ އުސޫލު އަލުން ބަދަލުކޮށް، ކުރިން އޮތް އުސޫލުގެ ދަށުން ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވަނީ އަލުން ހުޅުވާލާފައެވެ. މި ބަދަލުތަކާއެކު، މަތީ ސާނަވީ އިމްތިހާނުތަކުން މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް މި ފުރުސަތުތައް ފަހިވެގެންދާނެއެވެ.

  • ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގެ ދަށުން ދަރިވަރުންނަށް ބޭނުން ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު އަލުން ލިބިއްޖެ
  • ސްކޮލަޝިޕް ދިނުމުގައި ބޭނުންކުރާ ޓްރެއިނިން ނީޑްސް ލިސްޓުގެ ޝަރުތު ވަނީ އުވާލާފައި
  • ހައި އެޗީވާސް ސްކޮލަޝިޕްގެ އުސޫލަށް ވެސް ބަދަލު ގެނެސް، މަދުވެގެން އެއް އޭ ސްޓާ ހޯދުން ޝަރުތުކޮށްފައި
  • ތައުލީމީ ދާއިރާގެ ކުރީގެ އިސްވެރިންނާއި އެހެނިހެން ފަރާތްތަކުން މި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވޭ

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގައި ކިޔެވޭނީ، ރާއްޖޭގެ ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓުގައި ހިމެނޭ ދާއިރާތައް ކަމަށް ކަނޑައެޅިތާ 24 ގަޑިއިރު ވެސް ނުވަނީސް، އެ އިސްލާހު އަނެއްކާވެސް ބަދަލުކޮށްފިއެވެ.

މީގެ ކުރިން ވެސް އޮތީ، ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބޭނުން ދާއިރާއަކުން ކިޔެވެއެވެ. ނަމަވެސް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ ދަންވަރު އާންމުކުރި އުސޫލެއްގައި ވަނީ، ރައީސްގެ ސްކޮލަޝިޕް ދޭނީ، އެ ވަގުތަށް މިނިސްޓްރީގައި ޝާއިއުކޮށްފައިވާ "ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓުގައި" ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް ކަނޑައަޅާފައެވެ.

އެއަށްފަހު، މިރޭ 23:24ގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަނެއްކާވެސް އުސޫލު ގެޒެޓުކޮށްފައެވެ. އެ އުސޫލުގައި ވަނީ، އެ އުސޫލުގެ ދަށުން، ދަރިވަރުން ކިޔަވަން ބޭނުން ކޮންމެ ދާއިރާއެއްގައި ކިޔެވުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

އެ އުސޫލުގެ ދަށުން ސްކޮލާޝިފް ފުރުސަތު ދެނީ، މަތީ ސާނަވީ އިމްތިހާނަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ދެ ނަތީޖާއިން ކުރެ ނަތީޖާއެއް ހޯދައިފައިވާ ދަރިވަރުންނަށެވެ. އެއީ:

  • މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވި އޭލެވެލް ނުވަނަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގެ ތިން މާއްދާއިން އޭ ސްޓާ ގުރޭޑު ހާސިލުކޮށްފައިވުން ނުވަތަ
  • ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ކިޔެވި ސްޓްރީމްގައި ކިޔަވަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފައިވާ ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބިފައިވުމާއެކު އެޗްއެސްސީގެ ދިވެހި މާއްދާއިން އޭ ސްޓާ ހާސިލުވެފައިވުން

މީގެ އިތުރުން ރޭ އެ މިނިސްޓްރީން ވަނީ، މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޯލާޝިޕް ދޭ އުސޫލަށް ވެސް ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެ ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލްއިން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދުމުން ކަމަށް، އުސޫލުގައި ކަނޑައަޅައިފައިވެއެވެ.

https://sun.mv/219897

ހައި އެޗީވާސް ސްކޯލާޝިޕް ދޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވަނީ އެއީ ބޭއިންސާފު ބަދަލެއްގެ ގޮތުގައި ސިފަކުރައްވައި, ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތުތައް ލިބޭނެ ގޮތަކަށް މި އުސޫލު މުރާޖާކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ އުސޫލު ދިފާއުކޮށް ވެސް، ކަމާ ގުޅުން ހުރި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައިވެއެވެ.

.

comment ކޮމެންޓް