ކަރަންޓް ބިލުން ބުނެ ދިނީ ކަން ކުރަން ނުވާނެ ގޮތް!

ސަރުކާރުން ރަމަޟާން މަހު ކަރަންޓް ބިލަށް ދިން 400 ރުފިޔާގެ ކެޕް ނުވަތަ ލުޔަކީ އޭގެ އަސަރު އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ވުރެ ބޮޑަށް މުއްސަނދިންނަށް ލިބުނު ފައިދާއެއް ކަމަށް އިގުތިސާދީ މާހިރުން ފާހަގަކުރެއެވެ. މި ސިޔާސަތުގެ ސަބަބުން ކަރަންޓް ކުންފުނިތަކަށް މާލީ ބޮޑު ގެއްލުމެއް ލިބެމުންދާކަމާއި، މިއީ ދައުލަތުގެ ބަޖެޓަށް ނުކަތާވަރުގެ ބޮޑު ބުރައެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދޭ ގޮތަށް ޓާގެޓެޑް ސަބްސިޑީ ނިޒާމަކަށް އަވަހަށް ބަދަލުވުމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

  • ކަރަންޓް ބިލަށް ދިން ލުޔަކީ މުއްސަނދިންނަށް މާ ބޮޑު މަންފާއެއް ލިބުނު ކަމަކަށް ވުން
  • ކުންފުނިތަކަށް ލިބޭ ގެއްލުން ކުޑަކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުން
  • ދައުލަތުގެ ދަރަނި އިތުރުވެ، އިގުތިސާދީ ހަމަތަކާ މި ސިޔާސަތު ފުށުއެރުން
  • އާންމު ރައްޔިތުންނަށް ދިގު މުއްދަތުގެ ހައްލެއް ބޭނުންވުން

ކުރީގެ ވަރަށް ނުފޫޒު ގަދަ ސިޔާސީ ބޭފުޅަކު އިހަކަށް ދުވަހު އޭނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވަނީ މިދިޔަ ރޯދަ މަހުގެ ކަރަންޓް ބިލެވެ. މިހާރުވެސް ވަރަށް ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއްގައި ހުންނެވި އެ ބޭފުޅާ ރައީސަށް ތައުރީފު ކުރައްވަމުން ހިއްސާ ކުރެއްވި ކަރަންޓް ބިލް ބުނާގޮތުން އެ މަހު އަސްލު ދައްކަން ޖެހޭ އަދަދު އުޅެނީ 5400 ރުފިޔާއިން މަތީގައެވެ. ނަމަވެސް ރޯދަ މަހުގެ ޑިސްކައުންޓާއެކު ދައްކަން ޖެހެނީ ހަމައެކަނި 400 ރުފިޔާއެވެ. އޭނާއަށް 5000 ރުފިޔާ މައާފުވީއެވެ.

މީގެ އަނެއް ކޮޅަކީ ގާތްގަނޑަކަށް ހާހެއް ވެސް ބިލަށް ނާރާ އާދައިގެ ރައްޔިތު މީހާއެވެ. އޭނާގެ ކަރަންޓް ބިލަށް ވެސް ދައްކަން ޖެހެނީ ހަމަ 400 ރުފިޔާއެވެ. އެހެންކަމުން ގިނައިން ކަރަންޓް ބޭނުން ކުރި, އަދި ތަނަވަސް މީހެކޭ, ނިކަމެތި މީހެކޭ ތަފާތެއް ނުކުރުމުން ބޮޑު ފައިދާ މިވަނީ ތަނަވަސް މީހާއަށެވެ. ސުވާލަކީ ދައުލަތަކުން ކަމެއް ކުރާއިރު މިއީ ދެކޮޅު ޖެހޭ އުސޫލެއް ތޯއެވެ؟

ނިމިދިޔަ ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލަށް އެންމެ ބޮޑުވެގެން އަރާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ސިޔާސަތުގެ ދަށުން، ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ހުރިހާ ތަނަކަށް މި ލުއި ލިބިގެންދިޔައިރު، މިއީ އާންމު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެ އިތުރުން، ކަރަންޓު ބިލުގައި ހިމަނައިގެން ވެމްކޯއަށް ދައްކަންޖެހޭ 150 ރުފިޔާގެ ފީވެސް މި މުއްދަތުގައި ދައްކައިދިނީ ސަރުކާރުންނެވެ. އެ ވެސް ތަނަވަސް މީހެއް, ނިކަމެތި މީހެއް ބެލުމެއް ނެތިއެވެ.

https://www.sun.mv/213921

ކަރަންޓު ބިލުން ދިން މި ޑިސްކައުންޓަކީ އެއްވެސް ގޮތަކަށް ދެކޮޅުޖެހޭ ކަމެއް ނޫންކަމަށް މާލީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، އިންތިހާއަށް ގިނައިން ކަރަންޓު ބޭނުންކުރި މީހުންނާއި، ވަރަށް މަދުން ކަރަންޓު ބޭނުންކުރި މީހުންނާ ދެމެދު އެއްވެސް ތަފާތެއް ކޮށްފައި ނެތުމެވެ. މިސާލަކަށް، ގޭގައި އެތައް އޭސީއެއް ހަރުކޮށް، 24 ގަޑިއިރު އޭސީ ޖައްސައިގެން އުޅޭ ތަނަވަސް އާއިލާއެއްގެ ބިލަށް 5000 ރުފިޔާ އެރި ނަމަވެސް، އެ މީހުން ދައްކަން ޖެހެނީ 400 ރުފިޔާއެވެ. އެހެންކަމުން، ދައުލަތުން އެ އާއިލާއަށް 4600 ރުފިޔާގެ އެހީއެއް އެބަ ދެއެވެ. ނަމަވެސް، އޭސީއެއް ނެތި، ހަމައެކަނި ފަންކާއާއި ބޮކި ބޭނުންކުރާ ނިކަމެތި އާއިލާއެއްގެ ބިލަށް 600 ރުފިޔާ އެރީމާ، އެމީހުންވެސް 400 ރުފިޔާ ދައްކަން ޖެހޭއިރު، ދައުލަތުން އެ އާއިލާއަށް އެ ދެވެނީ އެންމެ 200 ރުފިޔާގެ އެހީއެކެވެ.

މިކަމުގެ ސަބަބުން، މޮޅު މީހާއަށް މޮޅު ގޮތްވެފައި، ދެރަ މީހާއަށް ދެރަ ގޮތް އޮންނަ އުސޫލެއް ވަނީ ގާއިމުވެފައެވެ. އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށްވުރެ ބޮޑަށް، ދައުލަތުގެ މާލިއްޔަތުން އެންމެ ބޮޑު މަންފާއެއް މި ލިބެނީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ، އެންމެ ތަނަވަސް ފަރާތްތަކަށެވެ. މިއީ އިޖުތިމާއީ އިންސާފުގެ ހަމަތަކާ މުޅިން ޚިލާފު، އަދި ދައުލަތުގެ ވަސީލަތްތައް އެންމެ ނާކާމިޔާބު ގޮތެއްގައި ބޭނުންކުރުން ކަމުގައި އިގުތިސާދީ މާހިރުން ސިފަކުރައްވައެވެ.

ކަރަންޓު ބިލު 400 ރުފިޔާއަށް ހެދުމުގެ އިތުރުން، ފަގީރެއް ތަނަވަސް މީހެއް ބެލުމެއް ނެތި ސަރުކާރުން ވަނީ ރޯދަމަހާ ގުޅުވައިގެން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ވެސް ބަހާފައެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 111،231 ގޭބިސީއަކުން މަސްދަޅު ކޭސް ގެންގޮސްފައިވާއިރު، އެކަމަށް އެކަނިވެސް މިދިޔަ އަހަރު 81 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. އަދި 2025 ވަނަ އަހަރު ކަރަންޓު ބިލުން ދިން ޑިސްކައުންޓުގެ ޖުމްލަ ގާތްގަނޑަކަށް 140 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ ދަރަނިވެރިވެފައި އޮތް ގައުމަކަށް އުފުލޭނެ ވަރަށްވުރެ މާ ބޮޑު މާލީ ބުރައެކެވެ.

މި ސިޔާސަތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހެނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށެވެ. ސްޓެލްކޯ އާއި ފެނަކަ ފަދަ މިހާރުވެސް ހާލުގައި އޮތް ކުންފުނިތަކަށެވެ.

https://www.sun.mv/219757

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އާންމުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މިހާރުވެސް އެ ކުންފުނިން ގެއްލުމުގައި ކުރަމުން އަންނަ ކަމެކެވެ. ކަރަންޓު ޔުނިޓެއް އުފައްދަން އެ ކުންފުނިން 3.18 ރުފިޔާ ހޭދަކުރަންޖެހޭއިރު، އެންމެ ދަށް ބޭންޑުން ޔުނިޓަކަށް ބިލުކުރަނީ އެއް ރުފިޔާ ލާރިކޮޅަކަށެވެ.

"400 ޔުނިޓާ ހަމައަށް ގެއްލުން ވާނީ. އެހެން އޮއްވައި ކޮންމެ ބިލެއް ކިތަންމެ ވަރަކަށް ހަރަދު ކުރިޔަސް 400 ރުފިޔާއަށް ވުރެ މަތި ނުވާނެ ކަމަށް އެއް މަހަށް ހެދިޔަސް އެއީ ވަރަށް ބޮޑު ގެއްލުމެއް،" އެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން މިގޮތަށް އަމަލުކުރުމަށްފަހު، ކުންފުންޏަށް ދޭންޖެހޭ ފައިސާ ގިނަ ފަހަރަށް ނުދެއެވެ. އެކަން ހަމަޖައްސަން ޖެހެނީ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ޑިވިޑެންޑުން ކެނޑުން ފަދަ ގޮތަކަށެވެ.

"ފުރަތަމަ ކަމަކަށް ކުރަން ނުޖެހޭ ކަމެއް މި ކުރައްވަނީ. މީގެ ސަބަބުން ގެއްލުން މި ވަނީ އެސްއޯއީތަކަށް. ސަރުކާރުތަކުން މިކަންކަން ކޮށްފައި ދޭން ޖެހޭ ލާރި ކުންފުނިތަކަށް ނުދޭ ގިނަ ފަހަރަށް," އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު އެކަނިވެސް ތެޔޮ އެތެރެ ކުރަން ރާއްޖޭން 10 ބިލިއަން ރުފިޔާ ހޭދަކުރިއެވެ. މި ތެލަކީ ދައުލަތުން ވަރަށް ބޮޑު ސަބްސިޑީއެއް ޒަމާނުންސުރެ ދެމުން އަންނަ އެއްޗެކެވެ. ކަރަންޓް ވެސް ފޯރުކޮށްދެނީ އާއްމު އުސޫލުން ވެސް އެ ސަބްސިޑީތައް ހިމަނައިގެންނެވެ. އެހެން އެކަން އޮއްވައި އަނެއްކާ މިވަނީ އިތުރު މާލީ ބުރައެއް އުފުލަން ޖެހިފައެވެ.

ވަގުތީ ފައިދާއަށްވުރެ އަސާސީ އުމްރާނީ ތަރައްގީ މުހިންމު

ސަރުކާރުން މިފަދަ ބޮޑު ހޭދައެއް ވަގުތީ ފައިދާއަކަށް ކުރަމުންދާއިރު، ރާއްޖޭގެ ގިނަ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން އެހެނިހެން ގިނަ ރަށްރަށުގައިވެސް އިރުއިރުކޮޅުން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ އާންމުވެފައެވެ. މިކަން ދިމާވަނީ އިންޖީނުގެތަކުގައި އެކަށީގެންވާ ކެޕޭސިޓީ ނެތުމާއި، ޒަމާންވީ އިންޖީނުތަކަށް މައްސަލަ ދިމާވުމުގެ ސަބަބުންނެވެ.

މިއީ އެ ސިޓީތަކާއި ރަށްރަށުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަކަށް ދުވަހުން ދުވަހަށް އުފުލަންޖެހިފައިވާ ބޮޑު ތަކުލީފެކެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ގޭބިސީތަކުގައި ހުންނަ އަގުބޮޑު އިލެކްޓްރޯނިކް ސާމާނު ހަލާކުވެ، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ.

އައްޑޫގައި ކަރަންޓު ކެނޑޭ މައްސަލައިގައި ކުރި މުޒާހަރާއެއް: -- ފޮޓޯ/ އައްޑޫ ލައިވް
އަސްލު ހައްލުކުރަންވީ މައްސަލައަކީ މިއީއެވެ. ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަންވީ ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް، އާ އިންޖީނުތައް ހޯދުމަށެވެ. ނަމަވެސް އެކަން ނުކޮށް، ދަރާފައި އޮތް ގައުމަކުން ވަގުތީ ސިޔާސީ މަންފާއަކަށް މިހާ ބޮޑު ހޭދައެއް ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫނެވެ.

ރާއްޖެ އިންތިހާއަށް ދަރަނިވެރިވެފައި އޮތްއިރު، ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އަބަދުވެސް ދޭ އިރުޝާދަކީ ޓާގެޓެޑް ސަބްސިޑީ ދިނުމަށެވެ. އެއީ ކޮންމެހެން ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލަކީ މިއީއެވެ.

އެ ގައުމުތަކުގައި ހަކަތައިގެ އަގު ބޮޑުވާ ދަނޑިވަޅުތަކުގައި ސަބްސިޑީ ދެނީ އާމްދަނީ ދަށް އާއިލާތައް ދެނެގަނެ، އެ އާއިލާތަކަށް އެކަންޏެވެ. އެއީ ސީދާ ފައިސާގެ އެހީއެއްގެ ގޮތުގައި ނުވަތަ ބިލުން ވަކި އިންސައްތައެއް ކަނޑައިދީގެންނެވެ.

ނަމަވެސް، ރާއްޖޭގެ ސިޔާސީ މީހުން ކަންކަން ކުރަނީ އެހެނެއް ނޫނެވެ. ސިޔާސީ މަންފާ ހޯދުމުގެ ބޭނުމުގައި، މުއްސަނދިންނާއި ފަގީރުން ތަފާތުކުރުމެއް ނެތި އެންމެންނަށް އެއް ހަމައަކުން ސަބްސިޑީ ދިނުމުގެ ސަބަބުން ދައުލަތުގެ ދަރަނި ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110 އިންސައްތައަށްވުރެ މައްޗަށް ގޮސްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް ލަސްނުކޮށް ތަންފީޒުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.

ކަރަންޓު ބިލަށް ވަކި ވަރެއް ކަނޑައަޅައިގެން ދިނުމުގެ ބަދަލުގައި، ލުޔެއް ދޭނަމަ ދޭންޖެހޭނީ ބޭނުންކުރާ މިންވަރަށް ބަލައި ޕަސެންޓުން ކަމަށް މާލީ ތަޖުރިބާކާރުން ލަފާދެއްވައެވެ.

ސަރުކާރުން ވަނީ ޓާގެޓެޑް ސަބްސިޑީ ނިޒާމަކަށް ބަދަލުވުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް، އެ ނިޒާމު އަމަލީ ގޮތުން ތަންފީޒުކުރުން ލަސްވަމުންދާތީ، ދައުލަތުގެ މާލިއްޔަތުން ބޭކާރު ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދަނީ ހޭދަވަމުންނެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، ހަގީގަތުގައި ވެސް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެކެވެ. މިކަން ނުކޮށް ލަސްކުރާ ކޮންމެ ދުވަހަކީ، ރާއްޖޭގެ އިގުތިސާދީ ހާލަތު އިތުރަށް ގޯސްވެ، ކުރިއަށް އޮތް ތަނުގައި ރައްޔިތުން އުފުލަންޖެހޭ މާލީ ބުރަ އެތައް ގުނައަކުން ބޮޑުވެގެންދާނެ ކަމެކެވެ. މިފަހަރުގެ ކަރަންޓް ބިލުން ވެސް ފެނިގެން މިދިޔައީ ކަމެއް ކުރަން ހެޔޮ ނުވާނެ ގޮތުގެ މިސާލެކެވެ.

comment ކޮމެންޓް