ކަސްޓަމްސްއަށް 48 މުވައްޒަފުން ހޯދަނީ، ކުރިމަތިލާން ދިނީ 4 ދުވަސް

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ދިޔާނާ: ކަސްޓަމްސްއިން ވަނީ ވަޒީފާގެ 48 ފުރުސަތު ހުޅުވައިލައިފަ، ކުރިމަތިލާން ދިނީ ހަތަރު ދުވަސް -- ފޮޓޯ: ކަސްޓަމްސް -

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެސިސްޓެންޓް ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ 48 މަގާމަކަށް މީހުން ހޯދުމަށް އިއުލާނުކޮށްފިއެވެ. މި އިއުލާނުކޮށްފައިވަނީ ކައުންސިލު އިންތިޚާބަށް އެންމެ ހަފުތާއެއް އޮއްވައެވެ. މި ވަޒީފާތަކަށް ކުރިމަތިލުމަށް ވަރަށް ކުރު މުއްދަތެއް ދީފައިވާއިރު، މިއީ ސަރުކާރުގެ އެކި ކުންފުނިތަކުން އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދަކަށް މުވައްޒަފުން ނަގަމުންދާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ. މީގެ ކުރިން އާރުޑީސީ ފަދަ ކުންފުނިތަކުން ވެސް މިފަދައިން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

  • މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެސިސްޓެންޓް ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ 48 މަގާމަކަށް މީހުން ހޯދަނީ
  • ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:00 އާ ހަމައަށް ވަނީ ހުޅުވާލާފައި
  • މަގާމަށް ކުރިމަތިލެވޭނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތްތަކަށް
  • މުސާރައާއި އިނާޔަތްތަކާއެކު ކޮންމެ މުވައްޒަފަކަށް 12،000 ރުފިޔާއަށް ވުރެ މަތީ އަދަދެއް ލިބޭނެ

ކައުންސިލު އިންތިޚާބަށް ހަފުތާއެއް ވެފައި ވަނިކޮށް، ކަސްޓަމްސްއިން ވަޒީފާގެ 48 ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

ކަސްޓަމްސްއިން ވަޒީފާއަށް ހުޅުވާލައި ކުރި އިއުލާނުގައިވާ ގޮތުން، އެ ޚިދުމަތުން ހުޅުވައިލައިފައިވަނީ އެސިސްޓެންޓް 48 ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ މަގާމަށެވެ.

އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާދޭއިރު، މަގާމުގެ އިނާޔަތުގެ ގޮތުގައި 4،660 ރުފިޔާ ދެއެވެ. އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާ އިނާޔަތުގެ ގޮތުގައި ދެއެވެ. އޭގެ އިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކުގައިވާ ގޮތަށް، ކޮއްތު ފައިސާއާއި އިތުރުގަޑީގެ ފައިސާއާއި އެހެން އިނާޔަތްތައްވެސް ދޭނެއެވެ.

އެއިރަށް 12،000 ރުފިޔާއަށް ވުރެ ގިނައިން ކޮންމެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި ލިބޭނެއެވެ.

މި މަގާމުގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ފާހެއް ލިބުމާއެކު، ދިވެހިން 'ސީ'އެއް ލިބިފައިވުން، ނުވަތަ ކަސްޓަމްސްގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓު ތިނެއް، ނުވަތަ އެއަށްވުރެ މަތިން މަތީ ސަނަދެއް ހާސިލުކޮށް އޯލެވެލް ދިވެހިން ދަށްވެގެން 'ސީ' ފާހެއް ލިބިފައިވުން، ނުވަތަ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމެވެ.

ކަސްޓަމްސްއިން ވަނީ، މި މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ކަސްޓަމްސްގެ ވަޒީފާގެ ފޯމާއި ވަނަވަރާއި އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހިމެނޭހެން މުހިންމު ލިޔެކިއުންތައް، މި ފެށޭ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުގެރޭ 11 ޖެހުމުގެ ކުރިން އީމެއިލްކުރުމަށް އެދިފައެވެ.

މި މަގާމަށް ކުރިމަތިލެވޭނީ މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް، އިއުލާނުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި އިންތިޚާބު ގާތްވެފައި އޮއްވައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވަނީ މުވައްޒަފުން ހޯދަން އިއުލާނުކޮށްފައެވެ. އެގޮތުން ގެއްލުމުގައި ހިންގަމުން އަންނަ، މަގުތައް ހަދާ ސަރުކާރު ކުންފުނި އާރުޑީސީން 150 މުވައްޒަފުން ހޯދަން ވަނީ، މީގެ ދެ ހަފުތާ ކުރިން އިއުލާނުކޮށްފައެވެ.

އާރުޑީސީން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވަނިކޮށް، އެ ކުންފުނިން ހަމައެއް ލަމައެއް ނެތި މުވައްޒަފުންނަށް ޕްރޮމޯޝަން ދޭ ކަމަށް ބުނެ، އެކަން ބެލުމަށްވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

https://sun.mv/219715

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް "ބެހުން" ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ.

މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، ހިންގުން ދަށްވަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރުޑީސީ ފަދަ ކުދިކުދި ކުންފުނިތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް