ޕާކިސްތާން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ޕާކިސްތާނުގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރުން --

މާރިޗް 23 ވަނަ ދުވަހު ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނުގައި ޕާކިސްތާން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި ރަސްމިއްޔާތުގައި އެ ގައުމުގެ ޚާއްޞަ މެސެޖުތައް އިއްވައި، ގައުމީ ދިދަ ނެގުންފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސޫލް ލޯދީ ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައި، ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުންނާއި، ޕާކިސްތާނުގެ މިނިވަންކަމުގެ ތާރީޚާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

  • ޕާކިސްތާން ދުވަސް ފާހަގަކުރުމަށް ހައި ކޮމިޝަނުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ.
  • ހައި ކޮމިޝަނަރު ފައިސަލް ރަސޫލް ލޯދީ ވަނީ ގައުމީ ދިދަ ނަންގަވައިދެއްވާފައެވެ.
  • މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ މެސެޖުތައް އިއްވުނެވެ.
  • ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދިނެވެ.

ޕާކިސްތާނުގައި ކުލަގަދަކޮށް ފާހަގަކުރާ، ޕާކިސްތާން ދުވަސް ރާއްޖޭގައި ވެސް ފާހަގަކޮށްފިއެވެ.

ކޮންމެ އަހަރެއްގެ މާރިޗް 23ގައި ފާހަގަކުރާ ޕާކިސްތާން ދުވަސް ފާހަގަކުރުމަށް، ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި، އެ ގައުމުގެ ގައުމީ ދިދަ ނަންގަވައިދެއްވީ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސޫލް ލޯދީއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ޕާކިސްތާނުގެ ގައުމީ ސަލާމާ އެކުގައެވެ.

އެ ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންގެ އިތުރުން، ސާފް ޔޫ-20 ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖެ އައިސްފައިވާ ޕާކިސްތާނުގެ، 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ މެނޭޖުމަންޓާއި ކޯޗުން ބައިވެރިވިއެވެ.

އެ ރަސްމިއްޔާތު ފެށުމުގެ ގޮތުން، ޕާކިސްތާނުގެ ގައުމީ ދުވަހުގެ މުހިންމުކަމާ ގުޅޭގޮތުން އެ ގައުމުގެ ރައީސާއި، ބޮޑުވަޒީރާއި، އަދި ނައިބު ބޮޑުވަޒީރު ނުވަތަ ޚާރިޖީ ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުތައް އިއްވިއެވެ.

ރާއްޖޭގައި ތިބި ޕާކިސްތާނު ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވަމުން ހައިކޮމިޝަނަރު ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގެ ގައުމީ ދުވަހުގެ ތާރީޚީ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އޭނާ ވިދާޅުވީ، އެ ރަސްމިއްޔާތު ބާއްވަނީ މިނިވަން ޕާކިސްތާނެއް ބިނާކުރުމަށްޓަކައި ކާބަފައިން ކުރި ބުރަ މަސައްކަތާއި، އެ މީހުންގެ ތަޞައްވުރާއި ސާބިތު އަޒުމަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކަމަށެވެ.

ހައި ކޮމިޝަނަރު އިތުރަށް ވިދާޅުވީ، ޕާކިސްތާން އުފެދުނީ، ޑރ. އައްލާމާ މުޙައްމަދު އިގްބާލާއި މުޙައްމަދު ޢަލީ ޖިނާޙް އިސްވެ ތިއްބަވައި ކުރިއަށްގެންދެވި ހަރަކާތުން ކަމަށެވެ.

މުޙައްމަދު ޢަލީ ޖިނާޙްގެ ޒިކުރާ އާކޮށް، އޭނާގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، މި އަހަރު އޭނާގެ އުފަންދުވަހަށް 150 އަހަރު ފުރޭ ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކުރަން ވަނީ ނިންމައިފައެވެ.

ޕާކިސްތާނުގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރުން --

އެ ތާރީޚު ފާހަގަކުރާއިރު، މިއަދާ ހަމައަށް ޕާކިސްތާން ގެނެސްދިން އެއްބައިވަންތަކަމާއި، އީމާންތެރިކަމާއި، އަޚުލާގީ މިންގަނޑުތަކުގައި ސާބިތުވެ ތިބުމުގެ އަޒުމް އާ ކުރަންޖެހޭ ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ. މީގެ އިތުރުން، ޕާކިސްތާނަށް ފަޚުރުވެރި ނަން ހޯދައިދެމުންދާ ގައުމީ ބަތަލުންނަށާއި، ގައުމަށްޓަކައި ގުރުބާންވި ޝަހީދުންގެ ޒިކުރާ އާ ކުރައްވައި އެބޭފުޅުންނަށް ހައި ކޮމިޝަނަރު ތަޢުރީފު ކުރެއްވިއެވެ.

ޕާކިސްތާނު މިނިވަންވި 1947 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެ ގައުމުން ވަނީ ދިގު ރާސްތާއެއް ކަޑަތުކޮށްފައި ކަމަށް ހައި ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. އެގޮތުން އިގްތިޞާދީ، ސަލާމަތީ އަދި ބައިނަލްއަގްވާމީ ސިޔާސީ މަސްރަޙުގެ އެކި ގޮންޖެހުންތަކުގެ ތެރެއިންވެސް، ކާބަފައިން ވަނީ ގައުމުގެ އަމާންކަމާއި، ތަނަވަސްކަމާއި، ހަމަޖެހުމަށްޓަކައި ގައުމީ މިޞްރާބު ކަނޑައަޅުއްވައިދެއްވާފައި ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ދަތުރުގައި ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޕާކިސްތާނުގެ ރައްޔިތުން ދެއްކި ކެތްތެރިކަމާއި ސާބިތުކަމުގެ ސަބަބުން، ހުރިހާ ހުރަސްތަކެއް ގިރާކޮށް ކުރިއެރުން ހޯދިފައިވާ ކަމަށެވެ.

މިއަދު ބައިނަލްއަގްވާމީ މުޖުތަމަޢުގައި ޕާކިސްތާނަކީ، ހުރިހާ ފަންތިއެއްގައިވެސް ސުލްޙަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ އެއްބާރުލުމާއި ޑިޕްލޮމެސީއަށް އިސްކަންދޭ ގައުމެއް ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ޕާކިސްތާނަކީ އދ. ގެ ޗާޓަރަށާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ފުރިހަމައަށް އިތުބާރުކުރާ ގައުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހައި ކޮމިޝަނަރުވަނީ، ކަޝްމީރާއި ފަލަސްޠީނުގެ އަޚުންނާއި އުޚުތުން އަމިއްލަ އިޚުތިޔާރުގައި މުސްތަގްބަލު ކަނޑައެޅުމުގެ ޙައްގު ހޯދުމަށްޓަކައި ކުރަމުންދާ ޖިހާދާއި ވަމުންދާ ގުރުބާނީތަކުގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މީހުންނަށް ޑިޕްލޮމެޓިކް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ޕާކިސްތާނު އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން ހައި ކޮމިޝަނަރު ވަނީ، އަވަށްޓެރި ގައުމުތަކާއި މުޅި ދުނިޔޭގައި ދެމިގެންދާ ފަދަ ސުލްޙައެއް ގާއިމުވުމަށާއި، ހުރިހާ މުސްލިމުންނަށާއި މުޅި އިންސާނިއްޔަތަށް ހެޔޮ ދުޢާކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ހަނގުރާމައިގެ ބަދަލުގައި މަޝްވަރާގެ މަގުން ސުލްޙަ ހޯދުމަށް ހުރިހާ ފަރާތްތަކަށް ބާރުއެޅުމުގައި ޕާކިސްތާނުން އަދާކުރަމުންދާ މުހިންމު ދައުރުގައި ދެމިއޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ އެއްގޮތް ދީނީ އަދި ސަގާފީ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ، ދެ ގައުމުގެ މަސްލަހަތާއި އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަން ހައި ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. އަދި ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާވެފައިވާ ކަމަށާއި، މިހާރުގެ ދެ ސަރުކާރުގެ ދަށުން މި ގުޅުން ހަރުދަނާކަމާއެކު ކުރިއަށްދާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

comment ކޮމެންޓް