ޒަމާނީ ފުޓުބޯޅައިގަ ރާއްޖެ ކުރިއެރުން ހޯދުމަށްޓަކައި ކުޅުންތެރިން ހެދިބޮޑުވުމާ ގުޅޭ ދިގު މުއްދަތުގެ ޕްލޭނަކާއި މުސްތަގްބަލަށް އިންވެސްޓުކުރަންޖެހޭ ކަމަށްގައުމީ ކޯޗު އަދި ޓެކްނިކަލް ޑައިރެކްޓަރ އިސްތަވާން އުރުބާނީ ބުނެފިއެވެ.
ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވެ ވަނީ މުބާރާތުން ކަޓާފައެވެ. އެންމެފަހުން ކުޅުނީ ގްރޫޕުގެ އެއްވަނައިގައި އޮތް ނޭޕާލާއެވެ. އެ މެޗުން ރާއްޖެ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ.
ގްރޫޕުގެ އެއްވަނައިގައި އޮތް ނޭޕާލާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ވަނީ ދިވެހި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމަށް ކޯޗު ތައުރީފުކޮށް، ކުރިމަގުގައި ފެންވަރު ރަނގަޅު ކުޅުންތެރިން އުފެއްދުމަށް ހާއްސަ ޕްލޭނަކާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް ބުނެފައެވެ.
ކޯޗު ފާހަގަކުރި ގޮތުގައި މިއީ ކުޅުންތެރިންގެ ކެރެކްޓަރ އަދި ޝަޚްސިއްޔަތު އިމްތިޙާނު ކުރެވުނު މުބާރާތެކެވެ.އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ، ނަތީޖާ ނެރުމަށް ދަތިވި ނަމަވެސް، ކުޅުންތެރިން ވަނީ މި އިމްތިޙާނުން ފާސްވެފައިކަމަށް ކޯޗު ފާހަގަކުރިއެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު އިސްތަވާން އުރުބާނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ
ޒަމާނީ ފުޓުބޯޅައިގައި ކުރިއެރުން ހޯދުމަށްޓަކައި ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ވަރުގަދަކުރުމަށް ދިގު މުއްދަތުގެ ޕްލޭނެއް ބޭނުންވާ ކަަމަށާާއި ދަނޑުމަތީގައި ކުޅުންތެރިންގެ ދުވެއްޔާއި، ކަވަރުކުރާ ސަރަޙައްދު ދެނެގަތުމަށްޓަކައި ސްޓޭޑިއަމްގައި ޑޭޓާ އެނަލިސިސް ސިސްޓަމްތައް ގާއިމުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރިއެވެ. މިއީ ކުޅުންތެރިންގެ ކުރިއެރުން ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާނެ ވަސީލަތްތަކެކެވެ.
މުބާރާތުން ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް އިންތިޒާމުކޮށްދިނުމުގެ މުހިންމުކަމެވެ. މުބާރާތުގެ ތެރޭގައި ކުޅުންތެރިންނަށް ލިބުނު ތަޖުރިބާއަކީ އެ ކުޅުންތެރިންގެ ހަޔާތުގައިވެސް އައި އެންމެ ބުރަ އަދި މުހިންމު އެއް ހަފްތާކަމަށް ކޯޗު ސިފަކުރިއެވެ.
ކުރިމަގުގައި މި ކުޅުންތެރިންގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ކުރިއަށް އޮތް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މި ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ކޯޗުގެ ވަރަށް ބޮޑު އުންމީދެކެވެ.
މުޅި މުބާރާތަށް ބަލާއިރު ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަން ހާމަކުރަމުން، ކޯޗު ވަނީ ޒުވާން އުމުރުފުރާގައި މެޗުތަކުން މޮޅުވުމަށްވުރެ ކުޅުންތެރިން ތަރައްގީކުރުމަށް އިސްކަންދިނުމަށް ގޮވާލާފައެވެ. އަދި ރަނގަޅު ތަމްރީނާއި ތަޖުރިބާ ލިބިއްޖެނަމަ، މި ކުޅުންތެރިންނަކީ ގައުމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދޭނެ ބައެއްކަމުގެ ޔަގީންކަން އޭނާ ދިނެވެ.