ލެކްޓޯސް އިންޓޮލަރެންސް ނުވަތަ ކިރުގައި ހުންނަ ހަކުރުގެ ބާވަތެއް ކަމަށްވާ ލެކްޓޯސް ހަޖަމު ކުރުމަށް ދަތިވާ މައްސަލައާ ގުޅޭގޮތުން ހުރި ކުށްހީތަކާއި ހަގީގަތްތައް މާހިރުން ތިލަކޮށްދެއްވައިފިއެވެ.
މީގެ އިތުރުން، މި މައްސަލައިގެ އަލާމާތްތަކާއި، ސަބަބުތަކާއި، ދިރިއުޅުމުގެ އާދަކާދަތަކަށް ގެނެވިދާނެ ބަދަލުތައް މާހިރުން ވަނީ ކިޔައިދެއްވާފައެވެ.
ބައެއް ފަހަރު ކިރުގެ ބާވަތްތައް ބޭނުން ކުރުމުން ބަނޑަށް އުނދަގޫތަކެއް ކުރިމަތިވެ، ހަށިގަނޑަށް ވަމުންދާ ގޮތާ މެދު ގިނަ ބަޔަކަށް އޮޅުން އަރައެވެ.
ލެކްޓޯސް އިންޓޮލަރެންސް އަކީ އާންމު ކަމަކަށް ވިޔަސް، މިއީ ގިނަ ފަހަރަށް ނުބައިކޮށް މާނަކުރެވޭ މައްސަލައެކެވެ. މާހިރުން ވިދާޅުވާ ގޮތުގައި، މިކަން ރަނގަޅަށް ދެނެގަތުމަކީ ބޭކާރު ބިރުވެރިކަމެއް ނެތި މިކަން މެނޭޖްކުރުމަށް އޮތް އެންމެ މުހިންމު މަގެވެ.
އެޕޯލޯ ހޮސްޕިޓަލްސްގެ ޗީފް ޑައިޓީޝަން ޑރ. ހަރިތާ ޝާމް ވިދާޅުވާ ގޮތުގައި، 'ކެފީރް' (kefir) ފަދަ ޕްރޯބަޔޮޓިކް ބުއިންތަކުން ލެކްޓޯސް އިންޓޮލަރެންސް މުޅިން ރަނގަޅުކޮށްދޭ ކަމަށް ބުނާ ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެކެވެ.

ލެކްޓޯސް އިންޓޮލަރެންސް މުޅިން ރަނގަޅުކޮށްދޭ ކަމަށް ގިނަބަޔަކަށް ގަބޫލުކުރެވިފައި އޮންނަ އެއް ބުއިމަކީ ކެފީރް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ކެފީރްގައި ހުންނަ ފައިދާހުރި ބެކްޓީރިއާގެ ސަބަބުން ލެކްޓޯސް ބައިބައިކޮށް، ހަޖަމުކުރަން ފަސޭހަކޮށްދެއެވެ. ގަވާއިދުން މީގެ ބުއިންތައް ބޭނުންކުރުމުން ބަނޑު ފުއްޕުމާއި އުނދަގޫތައް ކުޑަވެދާނެ ނަމަވެސް، މިއީ މިކަމަށް އޮތް ދާއިމީ ފަރުވާއެއް ނޫނެވެ.
ރެނޯވާ ސެންޗަރީ ހޮސްޕިޓަލްސްގެ ކޮންސަލްޓަންޓް ގޭސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. މުހައްމަދު ސާދުއްދީން އަޒްމީ ވިދާޅުވި ގޮތުގައި، ލެކްޓޯސް އިންޓޮލަރެންސް އަކީ މުޅިން ރަނގަޅުކުރެވޭނެ ކަމެއް ނޫނެވެ. މިއީ މުޅި އުމުރަށް ދެމިގެންދާ ހާލަތެކެވެ. އެހެންނަމަވެސް، ކެއިންބުއިމަށް ބަދަލުތައް ގެނެސްގެންނާއި އެންޒައިމް ސަޕްލިމެންޓްތައް ބޭނުންކޮށްގެން މިއީ ވަރަށް ފަސޭހައިން މެނޭޖްކުރެވޭނެ ކަމެެއް ކަމަށް ޑރ. މުހައްމަދު ސާދުއްދީން އަޒްމީ ވިދާޅުވެއެވެ.
ކިރުގެ ހުރިހާ ބާވަތެއް ދޫކޮށްލަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް، ޑރ. ހަރިތާ ފާހަގަކުރެއްވި ގޮތުގައި ބައެއް ބާވަތްތަކަކީ ހަށިގަނޑަށް ބަލައިގަންނަން ފަސޭހަ ތަކެއްޗެވެ. މިސާލަކަށް، ޔޯގަޓް، ކެފީރް އަދި ޗެޑާ ނުވަތަ ޕާމޭސަން ފަދަ ޗީޒްގެ ބާވަތްތަކުގައި ލެކްޓޯސް ހުންނަ މިންވަރު މަދެވެ. ސަބަބަކީ އޭގައި ހުންނަ ބެކްޓީރިއާތަކުން ލެކްޓޯސްގެ ބައެއް މާކުރިންވެސް ވަކިކޮށްލަން އެހީތެރިވެދޭތީއެވެ.

ކާޑް އަދި ޕަނީރު ފަދަ ބާވަތްތަކަކީ ލެކްޓޯސް ފްރީ-މިލްކްގެ ގޮތުގައި ބޭނުންކުރެވިދާނެ ބާވަތްތަކެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އަދި މީގެ އިތުރުން، ޑރ. މުހައްމަދު ވިދާޅުވީ ފާމެންޓް ކުރެވިފައިވާ ބުއިންތަކުގެ ސަބަބުން ބަނޑުގެ ނިޒާމުގައި ހުންނަ ބެކްޓީރިއާތަކުގެ ބެލެންސް ހިފެހެއްޓި، ބަނޑު ފުއްޕުމާއި ބަނޑުދިޔާވުން ފަދަ އުނދަގޫތަކަށް ލުޔެއް ލިބިގެންދާ ކަމަށެވެ.
ނަމަވެސް، މާހިރުންގެ ލަފައާ ނުލައި ކަންކަން ތަޖުރިބާ ނުކުރުމަށް ޑރ. ހަރިތާ ވަނީ އިރުޝާދު ދެއްވާފައެވެ. ކުއްލިއަކަށް ގިނަ އަދަދަކަށް ކިރުގެ ބާވަތްތައް ބޭނުންކުރަން ފެށުމުން ބަނޑުގައި ރިއްސުމާއި މޭ ނުބައިކުރުން ފަދަ ކަންކަން ދިމާވެދާނެއެވެ.
އެހެންކަމުން، ކިރުގެ ބާވަތްތައް އަލުން ކެއުމުގައި ހިމަނާއިރު، އެއްފަހަރާ މާގިނައިން ހިމެނެމުގެ ބަދަލުގައި މަޑުމަޑުން އިތުރުކުރުމަށް ޑރ. ހަރިތާ ވަނީ އިރުޝާދު ދެއްވާފައެވެ.
ކިރުގެ ބާވަތްތައް ނުބޯ މީހުންނަށް ބޭނުންވާ ކެލްސިއަމް އާއި ޕްރޮޓީން ހޯދިދާނެ އެހެން މަގުތައްވެސް އެބަހުއްޓެވެ. އެގޮތުން ކާޑް އަދި ޕަނީރު ފަދަ ބާވަތްތަކަކީ ލެކްޓޯސް ފްރީ-މިލްކްގެ ބާވަތްތައް ކަމަށާއި އެއީ ކެއުމުގައި ހިމަނާލެވިދާނެ ބާވަތްތަކެއް ކަމަށް ޑރ. ހަރިތާ ލަފާދެއްވައެވެ. މީގެއިތުރުން ޕްލާންޓް ބޭސްޓް އުފެއްދުންތަކާއި، އާމަންޑް، ސެސަމް ސީޑް، ރާގީ، ޓޯފޫ އެކިކަހަލަ މުގުގެ ބާވަތްތައް، ފެހިކަން ގަދަ ފަތްޕިލާވެލި އަދި ލެކްޓޯސް-ފްރީ ކިރު ބޭނުންކޮށްގެން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހޯދިދާނެއެވެ.
ޑރ. މުހައްމަދު އިތުރަށް ވިދާޅުވި ގޮތުގައި، ލެކްޓޯސް އިންޓޮލަރެންސް އާއި، ކިރަށް އެލާޖިކްވުން އަދި އައިބީއެސް އަކީ ތަފާތު ތިން ކަމެކެވެ. ލެކްޓޯސް އިންޓޮލަރެންސް ދިމާވަނީ އެންޒައިމް މަދުވުމުންނެވެ. ކިރަށް އެލާޖިކްވުމުން ހަމުގައި ބިހި ނެގުން ފަދަ އަލާމާތްތައް ފެނެއެވެ. އަދި އައިބީއެސް އަކީ ގިނަ ފަހަރަށް ސްޓްރެސް އާ ގުޅިފައިވާ ކަމެކެވެ.
ހުލާސާކޮށް ދަންނަވާނަމަ، ލެކްޓޯސް އިންޓޮލަރެންސް މެނޭޖްކުރުމަކީ ހުރިހާ ކާނާއެއް ހުއްޓާލުމެއް ނޫނެވެ. އޭގެ ބަދަލުގައި، އަމިއްލަ ހަށިގަނޑަށް ކެތްކުރެވޭ މިންވަރު ދެނެގަނެ، ބުއްދިވެރި ގޮތެއްގައި ކެއިންބުއިމުގެ ކަންކަން ތަރުތީބުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ކަމުގެ ހާއްސަ ސިއްހީ މާހިރުން މިވަނީ ވިދާޅުވެފައެވެ.