"މަގުމަތީގެ ރައްކާތެރިކަމާއިމެދު ސަމާލުވާށެވެ. ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމުން ހިތާމަވެރި ހާދިސާތައް މަދުވެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުވާނެއެވެ. ތިބާގެ ފުރާނައާއި އެހެން މީހުންނަށްވެސް ސަމާލުކަން ދޭޭށެވެ. ނޫނީ އުމުރަށް ހިތާމަކުރަން ޖެހިދާނެއެވެ. އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުވެގެން ހިނގައިދާނެއެވެ."
***
ކާދިންގެ އަމަލުން މުޅި ރާއްޖެއަށް ޝޮކެއް ލިބުނެވެ. އެއްވެސް މީހަކު އެފަދަ ކަމަކަށް އުއްމީދެއްނުކުރެއެވެ. އޭނަ ބަޔާނެއް ދިނީއެވެ. އެހެން މީހެއްގެ ފަރާތުން ހުއްދަ ހޯދުމެއްނެތި ހަގީގަތް ހާމަކޮށްފައެވެ. އޭނަ އަމިއްލައަށް ދެއްކި ވާހަކަތައް ރިކޯޑްކޮށްލީ މާ ބޮޑު ޑްރާމާއެއްނެތިއެވެ.
"އަށް މަސްކުރިން މީހަކު ނިޔާވި އެކްސިޑެންޓެއްގައި ކާރު ދުއްވިން...ގާނޫނީގޮތުން ކުށެއްނެތްކަމަށް ނިންމާފައި އެކޭސް ނިންމައިލީ..އައި ވޯޒް ކްލިއާ..އެކަމަކު މޯރަލީ.....އައި ވޯޒް ނޮޓް..އައި ވޯޒް ސްޕީޑިން....އައިވޯޒް ޑިސްޓްރެކްޓެޑް..އޭރު ހަމަ އުޅުނީ އެހެން މީހުންނަށް ބޮޑާކަން ދައްކަމުން ގަދަފަދަ މީހަކަށް ވެގެން..ގާނޫނީގޮތުން އަދަބެއް ލިބުނަސް ނުލިބުނަސް ﷲ އެކަން ދެކެދެނެވޮޑިގެންވޭ...މިއަދާއި ހަމަޔަށްވެސް އެކަމުން ސަލާމަތް ނުވެވިފައި މިހިރީ..."
އޭނަގެ ލޮލަށް ކަރުނަ ޖަމާވިއެވެ.
"އައި ކާންޓް ބްރިންގ ހާ ބެކް....އެރޭ އަލުން އިއާދައެއް ނުކުރެވޭނެ...އެކަމަކު ބާރުގެ ނިވަލުގައި ފިލާ ހުންނަން އަހަރެން ދެކޮޅުހަދަން...އެކޭސް އަލުން ކުރިއަށް ގެންދަން ގާނޫނީ އެއްވެސް ފަރާތަކުން ބޭނުންނަމަ ކޯޕަރޭޓްވާނަން...."
އޭނަ ފުން ނޭވާއެއް ލިއެވެ.
"އަދި ނިޔާވި މުރުޝިދާގެ ކުދިންނަށް ބުނެލަން ބޭނުން...އައިމް ސޮރީ.....ކޮންމެހެން ކެމެރާއަކަށް ނޫން...ހަމްދަރުދީ ހޯދާކަށް ނޫން...އެކަމަކު ތިކުދިންގެ ވޭނަކީ ކިހާވަރުގެ އެއްޗެއްކަން އެނގޭތީ...އަހަރެންވެސް....."
"ފާފަފުއްސެއްވުމަށް އެދި ދުޢާކޮށްދީ..."
އޭނަ އެހިސާބުން ވީޑިއޯ ނިންމައިލިއެވެ. އޭނަ އެ ވީޑިއޯ ޕޯސްޓްކޮށްފައި ފޯނު ނިއްވާލައިފިއެވެ.
އެއާއި ވިދިގެން އައި ތޫފާން އަދި އެހާ ވަރުގަދައެވެ. ނޫސްވެރިން ބުނީ މިއީ ކުރީގެ ތާރީޚެއްގައި ނުހިނގާކަމެއް ކަމުގައެވެ. ބައެއްމީހުން އޭނަގެ ހިތްވަރަށް ތައުރީފުކުރިއެވެ. އަނެއްބަޔަކު ބުނީ އިޚުލާސްތެރިކަމެއްނެތް ދެއްކުންތެރިކަމަށެވެ. ސިޔާސީ ފަރާތްތަކުން ބާރުއަޅަންފެށިއެވެ. އޭނަގެ ބައްޕަ ފައިސަލްއަށް އެ ޚަބަރު އިވުމާއެކު މޮޔަވާވަރުވިއެވެ. އޭނަގެ ކޮޓަރިއަށް ވަނުމާއެކު ހަޅޭއްލަވައިގަތެވެ. އޭރު އޭނަގެ މަންމަވެސް ދޮރުމަތީގައި ހުރީ ހަރަމް ބަދެލައިގެންނެވެ.
"އަހަރެން އެހާވަރުން ކުރި މަސައްކަތް ފެނަށް ދުއްވައިލީ ކީކޭ ހިތަށް އަރައިގެން؟"
"ބައްޕަ ކުރި މަސައްކަތަކީ އިންސާފު ހިމޭންކޮށްލުން ކަމަށްވާނަމަ އެއަށް ލޮޅުން އަރުވަންޖެހޭ......."
ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނަގެ މޫނަށް ހޫނު އެތިފަހަރެއް އެރިއެވެ. އެއަޑު އެތަނުގައި ގުގުމައިލުމާއެކު ފުން ހިމޭންކަމެއްވެރިވިއެވެ. މެހެރްގެ އަތްވެސް އަނގައިގާ އެޅުނެވެ. ކާދިންއަށް އިސްޖަހައިލެވުނީއެވެ. ކާދިން އަނެއް ފަރާތަށް އެނބުރުނުއިރު ލޮލުގައި ހޫނު ކަރުނަ ގިނަވެގަތެވެ. ރުޅިއަކުން ނޫނެވެ.
"ބައްޕަ އަޅުގަނޑު ކޯޓުތަކުން ސަލާމަތްކޮށްދިނަސް ﷲތައާލާގެ އަޒާބުން ސަލާމަތްކޮށްދެވޭނެތަ؟"
އެ ސުވާލަށް ޖަވާބެއްނުދީ ފައިސަލް ދާން ހިނގައިގަތެވެ.
"ވަޓްސް ރޯންގް ވިތް ޔޫ...ބައްޕައާއި އެހެން ވާހަކަދައްކާއިރު......."މެހެރް ނުރުހުންވާގޮތްވިއެވެ.
"މިދަނީ މިސްކިތަށް..."
މެހެރް އަނގަ ހުޅުވިފައި ބަލަން ހުއްޓެވެ."މަގޭ ދަރިއަށް ކިހިނެއްވެފައި އެހެރީ؟"
***
މުއައްސަސާތަކުން އެ ކޭސް އަލުން މުރާޖައާކުރާނެކަން އިއުލާންކުރިއެވެ. ކާދިންގެ ބައްޕަގެ ސިޔާސީ ހަޔާތަށް ލޮޅުން އަރާގޮތްވިއެވެ. މީޑިއާގެ ޕްރެޝާވެސް ބޮޑުވީ އެ ދަނޑިވަޅުގައެވެ. އެކުވެރިން އޭނައާއި ދުރުހެލިވާންފެށިއެވެ. މުއްސަދިކަމާއި ނިއުމަތްތަކުން ހުސްކަމެއް އިހުސާސްކުރެވުނެވެ. ނަމަވެސް އޭނަގެ ހިތަށް ލުޔެއް ލިބެންފެށިއެވެ. މަޑުމަޑުންނެވެ. ވޭންދެނިވި ހަގީގަތްވެސް ބުހުތާން ދޮގުހެން މީހާގެ ކަރުގައި ހިފާ ހާސްކޮށްނުލާތީއެވެ.
ކާދިން މިސްކިތުން އެނބުރި އަންނަނިކޮށް ބޯކޮށް ވާރޭ ވެހިގަތީ އަވިދީފައި އޮތްވާ އެއްވެސް އިންޒާރެއްނެތި އައި ވިލާކޮޅަކުންނެވެ. އެރޭ ހާދިސާ ހިނގިިއިރު ފަދައިން އޭނަގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައެވެ. ލޯ މަރައިލެވުނެވެ. ނަމަވެސް ހިތް ބިރުގަތުމުގެ ބަދަލުގައި އެކަމާއިމެދު ވިސްނުނީ އެހެން ނަޒަރަކުންނެވެ.
"ޔާﷲ،...ފަޚުރުވެރިވެ ބޮޑާވީހާ އެއްޗެއް ޔޫ ޓުކް އަވޭ... އަދި ރިޕްލޭސްޑް ހިތްތިރިވާފަދަ ގޮތަކަށް...ޑޯންޓް ޓޭކް ދިސް ފީލިން އަވޭ..."
ކާރެއް އޭނަ ފަހަނަޅާފައި ކުރިއަށް ދިޔައެވެ. ލަސްލަހުންނެވެ. އެ ކާރުގައި އިނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ މީހެއްކަން ޔަގީނެވެ. މިފަހަރު އޭނަ ހުރީ ހަމަޖެހިލައިގެންނެވެ. ކާރުތައް ފެނުމުން ސިކުނޑިއަށް އެލިބޭ ހާސްކަމާއި ބިރު ފިލާ ތަސައްލީ ލިބުނެވެ. ކުށަށް އެއްބަސްވެ އަދަބު ލިބިގަންނަން ނިންމުމުން ސިކުނޑިއަށްވެސް އޭގެ ރަގަޅު ބަދަލެއް އައީއެވެ. ކުށަށްވުރެ ވަރުގަދަ އިހުސާސަކުން ސިކުނޑި ކުރި ހޯދައިފިއެވެ. ޚާއްސަކޮށް އީމާންކަން ހިތުގައި އުފެދި ކުށަށް އެއްބަސްވުމުން ތަފާތެއް ފެނުނީއެވެ.
ބައްޕަ ގެނައި ގާނޫނީ ވަކީލުންގެ ޓީމު ތިރީގައި ވާހަކަދައްކަން ތިއްބާ ފައިސަލް އޭނަގެ ކޮޓަރިއަށް އައެވެ.
ކާދިންއަކީވެސް އިންސާނެކެވެ. ބިރުގަނެ ހިތް އަވަސްވާގޮތްވިއެވެ. އެކަމަކުވެސް އޭނައަށް ބައްޕައާއިކުރިމަތިލާނެ ހިތްވަރާއި ސާބިތުކަން ލިބެން ހިނދުކޮޅެއްވެސް ނުނެގިއެވެ. އެއްވެސް ސަލާމެއް ނެތި ފައިސަލް ވާހަކަފެށިއެވެ.
"މިކަންތައް ނިމޭނީ ރަގަޅަކަށް ނޫން...އެމީހުން ބޭނުންވަނީ ހަމަ ޕަބްލިކްގައި އާއްމުންނަށް ފެންނަހެން ޝަރީއަތް ކުރިއަށް ގެންދާން..ކޮންފަދަ ނިކަމެތިކަމެއް.."
"އެއީ އިންސާފުކަމަށް ވަންޏާ އެގޮތް ރަގަޅު..." އޭނަގެ އަޑުގައި ދެކޮޅުވެރިކަމެއް ނެތެވެ.
"ކާދިން...ހަމަ ހުރިހާ އެއްޗެއް ދޫކޮށްލަނީ؟ ތިމާގެ އިއްޒަތާއި ގަދަރާއި ފަޚުރު؟" ފައިސަލްއަށް ދަރިފުޅާއި ދިމާލަށް ބަލަން ހުރެވުނީ ހައިރާންވެފައެވެ. ސޯޝަލްމީޑިއާފައި ފަޚުރުވެރިކަމާއެކު މޮޅުކަމާއި ރީތިކަން ދައްކާދެމުން ދިޔަ ކާދިންއަށް ވެފައި މިހިރީ ކިހިނެއްހެއްޔެވެ؟
އޭނަ ބޯ ޖަހައިލިއެވެ.
"މީހެއްގެ މަރުގެ ސަބަބާއިމެދ އިހުމާލްވެފައި އޮތުމަށް ބުރަވެގެން ތިބުމުގެ ބަދަލުގައި އެންމެ ރަގަޅުވާނީ ހަމަ މިހެން ވެއްޓިގެން ދިޔުން...."
މިފަހަރު ފައިސަލްގެ މޫނުމަތިން ރުޅިވެރިކަމުގެ ކުލަވަރެއް ނުފެނުނެވެ. ހިމޭންކަން ދިގުދެމިލައިގެން ދިޔަ ހިނދުކޮޅަކަށްފަހު ފައިސަލް ދުރަށް ބަލަންފެށިގޮތުން އެއްޗެއް ވިސްނުނުފަދައެވެ.
***
މިފަހަރު ޝަރީއަތް ދިޔައީ ނުފޫޒެއްނެތި ގާނޫނީ ހުދޫދުގެ ތެރެއިންނެވެ. އެއްވެސް ކޮޅަކަށް ބުރަވުމެއްނެތި ހެކީގެ މައްޗަށް ބިނާކޮށްފައެވެ. ފޮރުވަން އުޅުނު ހެކިތައް އަލުން ހޯދާ ބެލުނެވެ. ޓްރެފިކް ކެމެރާއިން ހަގީގަތް ސާފުވިއެވެ. ހެކިވެރިންގެ ބަޔާން ނެގުނެވެ. ކާދިން ޝަރީއަތުގައި އެއްބަސްވީ އޭނަ ކާރު ބާރަށް ދުއްވިކަމުގައެވެ. ކާދިންގެ ވާހަކަތަކުން މިފަހަރުވެސް ގިނަބަޔެއްގެ ތައުރީފު ލިބުނެވެ. ހަގީގަތުގައި ކެރޭ ބަތަލެއްގެ ގޮތުގައި ސިފަކުރިއެވެ. ބައެއްމީހުން ދެކުނީ މޮޔަކަމެއްގެގޮތުގައެވެ. ކާދިންއަށް އެއިން އެއްވެސް އިހުސާސެއްނުކުރެވުނެވެ.
އޭނައަށް އެހާ ބޮޑު އަދަބެއް ނުލިބުނެވެ. އުުމުރުން ހަނގުކަމާއެކު ގަސްތުގައި ކުރިކަމަކަށް ނުވުމުން ދެއަހަރުވާންދެން ސުޕަވައިޒްކުރުމާއި ޕްރޮގްރާމެއްގައި ބައިވެރިވުން އަދި މުޖުތަމައަށް ޚިދުމަތްކުރުމެވެ. އެއީވެސް މަގުމަތީގެ ރައްކާތެރިކަމާއި ބެހޭ ޕްރޮގްރާމެއްގައި ބައިވެރިގެންނެވެ. ކާދިންއަށް އެ ހުކުމްކަމުދިޔައެވެ. ސަބަބަކީ އެފަދަ ހާލަތެއްގައި ކޮންމެހެން ހަރުކަށި އަދަބެއް ނުދިނަސް އެމީހަކު ކުރި ކަމެއްގެ ޒިންމާ އުފުލަން ޖެހޭކަމަށް އޭނަވެސް ދެކޭތީއެވެ.
އޭނަ އެތަނުން ނުކުމެ އިސްތަށިގަނޑުގައި އަތް ހިންގައިލިއިރު ހީވީ މިނިވަންވި ދޫންޏެއްހެންނެވެ. އެތައް ޒަމާނަކަށް ކޮށްޓަކަށް ލާފައި ބަންދުކޮށްފައިވާ ދޫންޏެއް ދޫކޮށްލެވުނުފަދައެވެ. ނަމަވެސް ދެން ކުރިމަތިލާން ޖެހުނީ ނޫސްވެރިންނާއެވެ. އޭނައަށް ސުވާލު ފުންޏެއް އޮއްސައިލެވުނެވެ.
އޭނަ ބުނެލީ އެންމެ ޖުމްލައެކެވެ."އައި އެކްސެޕްޓް ދަ ޑިޒިޝަން....އެއީ ހަމަ ހައްގު މިންވަރެއް..."
އޭނަގެ ހިތުގެ ދުޢާއަކީ ﷲތައާލާ އޭނަގެ ތައުބާ ގަބޫލުކުރެއްވުމެވެ.
ކާދިން މަގުމަތީގެ ރައްކާތެރިކަމާއި ބެހޭގޮތުން ޓީވީއިން ހުށަހަޅާދޭ ޕްރޮގްރާމަކަށް އެރުމުން އެތައް ބަޔެއްގެ ސަމާލުކަން އޭނައަށް ލިބުނެވެ. އޭނަ ސްކޫލް ދުވަސްވަރާއި ފަރުވާކުޑަކޮށް ދުއްވުމާއި އަދި ފޮނިކެނޑުން އަމިއްލަ ނަފުސަށް އިތުބާރުކުރުމުގެ ގޮތުގައި ދެއްކުން އަދި ހެދޭ އެންމެ ގޯހަކުން އެތައް ބަޔެއްގެ ދިރިއުޅުން ވީރާނާކޮށްލާކަމަށް ބުނެ ވާހަކަދެއްކިއެވެ. އޭނައަށް ލިބުނު ވޭނާއި ހިތާމަތައް މާ ޑްރާމާ ބޮޑުކޮށްފައި ނުދެއްކިޔަސް ކޮންމެވެސް ވަރަކަށް އެކަމާއި ބެހޭގޮތުން ބުނެދިނެވެ. ޒިންމާ އަދާކުރުމުގެ މުހިއްމުކަމަށް އަލި އަޅުވައިލިއެވެ. "ކާދިން"ގެ ނަން މަޝްހޫރުވުމުން އެ ޕްރޮގްރާމް ބެލިކުދިން ވިއެވެ. ފަހުން އެ ޕްރޮގްރާމް ބަލަންފެށީ ކާދިންގެ އިޚުލާސްތެރިކަން ފެނިފައެވެ.
***
ފައިސަލްގެ ސިޔާސީ ކުރިމަގަށް ހިޔަނި އެޅުނަސް ގޭތެރެއަށް އައީ ރަގަޅު ބަދަލެކެވެ. އަމުރުކުރުންތައް މަދުވެ ކާދިންއާއި ވާހަކަދެކެވޭ ވަގުތު ގިނަވިއެވެ. މެހެރްގެ ލަވަތަކާއި މޮޑެލްކުރުމަށް އެެއްވެސް ވަރަކަށް އަސަރުނުކުރާތީ އޭނަގެ އުޅުމަސް ބަދަލެއްނާދެއެވެ. ކާދިންއަށް ވަގުތެއްނުދެވެއެވެ.
"ބައްޕަ މުޅި ދިރިއުޅުން ހޭދަކުރީ މީހުންގެ ކުރިމަތީގައި ގަދަރު ހިފަހައްޓަން...ދަރިފުޅުގެ ނަފުސް ސަލާމަތްކޮށް ރައްކާތެރިކޮށްދޭން ހިތަކަށް ނޭރި..އައިމް ޕްރައުޑް އޮފް ޔޫ މައި ސަން......."ފައިސަލް ކާދިން ގެނެސް މޭގައި ޖައްސައިލިއެވެ.
އެއީ ކާދިންއަށް ފަޚުރުވެރި ވަގުތުކޮޅެކެވެ.
ބައްޕައަށްވެސް ހެޔޮ ވިސްނުން ދެއްވީއެވެ.
***
އާއްމުކޮށް ރާއްޖެއަށް ވެހޭ ވާރޭ ނިސްބަތުން މަދުވެފައި ކަނޑުގައި ބޮސްދޭ ތިކިތައްފަދައެވެ. އެކަމަކު މިރޭ ވާރޭވެހުނީ ހުރިހާ ދުވަސްތަކާއި ވާދައަށްފަދައެވެ. ކަންޒާ އެޕާޓްމެންޓުން ބޭރަށް ނުކުތްއިރު އިނގިލިތައް ރޫރޫ އަޅައެވެ. ނޭވާވެސް އެއްވަރަށް ނުހިނގައެވެ. އަދިވެސް ގޭތެރޭގައި ދުވަނީ މަންމަގެ ޖެސްމިން ސެންޓުގެ ލުއިވަހެވެ. އަދިވެސް އެވަސް އެއްކޮށް ނުފިލައެވެ. އޭނައަށް މަންމަގެ ހަނދާންތަކާއި ދުރަށް ދެވޭނެ އެއްވެސް އަލިމަގެއް ނުފެނެއެވެ. އަދިވެސް ކަންފަތަށް ޓައިރުތައް ބިންމަތީގައި ކޭއްތިގެންދާ އަޑުއިވެއެވެ. އަދި މަންމަގެ ހަޅޭކުގެ އަޑެވެ. އެއަށްފަހު ފުން ހިމޭންކަމެވެ.
ކުރިމަތީގައި ތެމި ފޯވެގެން މިހިރީ އެކްސިޑެންޓްގެ ޒިންމާ އުފުލަން ޖެހޭ ފަރާތެވެ.
ކާދިންއެވެ. ތެމިފޯވެގެން ހުރިއިރު އިސްތަށިގަނޑު އޮތީ މޫނަށް ފައިބާފައެވެ. ހުދުގަމީސް ގަޔަށް ހިފާފައެވެ. އެކަމަކު މޫނުމަތިން ފެންނަނީ މައުސޫމްކަމެވެ. ބޮޑާކަމުގެ އެއްވެސް އަސަރެއްނެތެވެ.
މިއީ އެމީހުންގެ ދިރިއުޅުމުން ހުރިހާ އުފާތަކެއް ފޭރިގަތް އަނިޔާވެރިޔާއެވެ.
"މިއައީ މާފަށް އެދެން ނޫން....."
ކަންޒާ ހިތްދަތިކަމާއެކުވެސް ހިތިގޮތަކަށް ހީގަތެވެ."ދެން ކީއްކުރަން ކަލޭ ތިއައީ؟ އަމިއްލަ މީހާ ހިތްހަމަޖެހޭނެތީ؟"
"އަހަރެން ދެކެ ހޭޓްކުރުމުގެ ހައްގު އޮތީމަ..ކުރިމަތީގައި އެހެން ބުނެލިޔަސް އޯކޭ...."
އެ ލަފުޒުތަކުން އޭނައަށް ހައިރާންކަމެއްލިބުނެވެ. އެ ސިކުންތުކޮޅު އޭނައަށް ކާދިންގެ މޫނުމަތިން އެހެން ހަގީގަތެއް ފެނިލިއެވެ. އެލޮލުގައިވީ ކުށުގެ އިހުސާސްއެވެ. އެކަމުން އިތުރަށް އޭނަގެ ރުޅިގަނޑު ގަދަވިއެވެ.
"ކަލޭ އަހަރެންގެ މަންމަ މަރައިލީ....ގޭމެއްހެން ބާރަށް ކާރު ދުއްވީ.ތިކަހަލަ މީހުންނަށް އެހެން އެއްވެސް ކަމަކަށް ފަރުވާލެއްނެތް ފަދަ..."
"އަހަންނަށް އެކަން އެނގޭ..."
"އަހަރެމެން ތިބީ މަންމަގެ އިންތިޒާރުގައި....މަންމަ ބުނީ ދިހަވަރަކަށް މިނިޓުން އަންނާނަމޭ...ދިހަ މިނިޓް..."އޭނަގެ އަޑު ކެނޑުނެވެ."އެކަމަކު މަންމައެއް ނައި.......ދުވަހަކު އެނބުރި ނާންނާނެ ތަނަކަށް މަންމަ ދިޔައީ.."
އެދެމީހުންގެ ދެމެދަށް ހިމޭންކަންވެރިވިއެވެ. ލަފުޒުތައް ހުސްވީފަދައެވެ. ވާރޭ ހައްތާ ބޯކުރިއެވެ.
"އަހަންނަށް އެ މަންޒަރު ކޮންމެ ރެއަކު ތަކުރާރުކޮށް ފެނޭ...މަގު...ހެޑްލައިޓް....އަހަންނަށް ނުނިދޭ...." އިރުގަނޑެއްފަހުން ކާދިން ބުނެލިއެވެ.
"ރަގަޅު....ކަލެއަށް ނިދުމުގެ ހައްގެއްނެތް..."
ކާދިން އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"ތިކަމާއި އެއްބަސްވަން..."
އޭނަ ރުޅިގަދަވާގޮތްވިއެވެ. މި ކާދިންއަށް ދެކޮޅަށް ވާހަކަދައްކަން ނޭގެނީހެއްޔެވެ؟
"އެއްޗެއް ބުނެބަލަ..އަމިއްލަ ނަފުސްގެ ދިފާއުގައި..މަންމަ ކުށްވެރިކޮށްފައި...ނޫނީ މަގު ކުށްވެރިކޮށްފައި..ކޮންމެވެސް އެއްޗެއް...އަމިއްލަ ނަފުސް ނޫނީ...."
"އެކަމެއްނުވާނެ.."
"ކީއްވެތަ؟"
"ސަބަބަކީ އަހަންނަކީ ކުށްވެރިޔާއަށްވީމަ....އިޓް ވޯޒް މައި ފޯލްޓް..."
ކާދިން މާ މާތްވާން އުޅެނީއެވެ. އެހެން މީހުންގެ ހަމްދަރުދީއާއި ލޯބި ހޯދަން ޖަހާ މަޅިއެކެވެ. އޭނަގެ ހިތް އަނދައިގަތެވެ. ރުޅިވެރިކަމުގެ ހުޅުގަނޑު އުތުރިއަރައިގަތެވެ.މިހުރިހާ ދުވަހު އެތެރެހަށީގައި އުފެދެމުން އައި ތޫފާންގެ ކުންނުއައިފަދައެވެ. އޭނަ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.
"އެނގޭތަ އެންމެ ލޯބިވާ މީހާ ކައިރީ ނެތުމުން ލިބޭ ހިތްދަތިކަން؟ ދުވަހަކު މަންމަ ގޮވާލާ އަޑު ކަންފަތުގައި ނުޖެހި....އެއަތުގެ ފިރުމުން މަހުރޫމްވެ...ދުވަހަކު ނާންނާނެ މަންމައަކަށްޓަކާ އަބަދު ރޮމުންދާ ކޮއްކޮމެންގެ ހުރިހާ ޒިންމާއެއް އުފުލާ އެކުދިންގެ ބެލެނިވެރިއަކަށްވާން ޖެހުމުގެ ބުރަކަން..."
ކާދިންގެ ލޯ ފުރިގެން ދިޔައީ ހޫނު ކަރުނައިންނެވެ.
"މީހަކުދެކެ ކުރާ ނަފްރަތުގެ ބޮޑުކަމުން ނޭވާލުން އަޒާބަކަށްވުމަކީ ކިހާވަރެއްގެ ކަމެއްކަން ކަލެއަށް އެނގޭތަ؟"
ކާދިން ޚިޔާރުކުރީ ހިމޭންކަމެވެ.
މިކުދިން އޭނައަށް ނަފްރަތުކުރުން ހައްގެވެ.
ކަންޒާއަށް އެ ހިމޭންކަމާއި އަމިއްލަ ނަފުސްގެ ކުށް ގަބޫލުކުރުން ވީ މަލާމާތެއްކަމުގައެވެ. އޭނައަށް ކާދިންގެ މޭގައި އަތްއަޅާ ކޮށްޕައިލެވުނީ ކޮންމެހެން އިޚުތިޔާރުގައެއްނޫނެވެ. ރޭވުމެއްވެސް ނޫނެވެ. ވެދާނެގޮތެއްވެސް ވިސްނިގެނެއްނޫނެވެ. ރުޅިވެރި އަމަލެކެވެ. އެސިކުންތުކޮޅު ތެމިފައިވާ ތަޅުމުން ކާދިންއަށް ނަފުސް ސަމާލުނުކުރެވި ފަސޭހައިން ކައްސައިލީއެވެ. ދެމީހުންގެ ލޯ ގުޅުނު ސިކުންތުކޮޅެކެވެ. ވަގުތުވެސް ހުއްޓުނުފަދައެވެ. ރުޅިވެރިކަމެއް އަދި ބިރެއްވެސް ލޮލުގައި ނެތެވެ. ކޮންމެވެސް ނުނިމޭ ވިޔަފާރިއެއް ބާކީ އޮތްފަދައެވެ. އެއާއެކު ކާދިން ވެއްޓިގެން ދިޔައިރު ކަންޒާއަށް ހިފަން އަތްވެސް ދިއްކޮށްލެވުނެވެ. ކާދިން އެންމެ ތިރީ ތަޅުމުގައި ޖެހުނު އަޑުފަށްގަނޑާއެކު ވާރޭގެ އަޑު ނޫން އަޑެއް ނީވުނެވެ.
ކަންޒާ ގަނޑުވާގޮތްވިއެވެ.
"ހެލޯ.... އޯކޭތަ؟"
ޖަވާބެއް ނުލިބުނެވެ.
އެއާއެކު ކަންޒާ ވިދުވަރެއްހާ ހަލުވިމިނުގައި ސިޑި ކަޑައްތުކޮށް ތިރިއަށް ފޭބިއެވެ. އިނގިލިތައް ތުރުތުރުލަމުން ދިޔައީ ކުރިއަށްވުރެ ވަރުގަދަކޮށެވެ. ހިތުގެ ބާރު އަޑުގެ ތެރެއަށް ވާރޭގެ އަޑުވެސް ޣަރަގުވިިއެވެ. ކާދިން އޮތީ ޖެހުނުގޮތަށެވެ. ބޮލުގެ ކައިރީގައި ލޭގެ ކޯރެކެވެ. ލޯ ކުޑަކޮށް ހުޅުވިފައި އެކަމަކު ހުއްޓިފައެވެ.
"ނޫން ނޫން ނޫން....ނޫން..."އޭނައަށް ކަކޫމައްޗަށް ތިރިވެވުނީ ބިރާއެކު އެތައް ޖަޒުބާތެއް މަސްހުނިވެގެންނެވެ. މިއީ މިކަން ހިނގާންވީގޮތެއް ނޫނެވެ. ބަދަލުހިފާން އޭނަ ވިސްނިގޮތެއްނޫނެވެ. މިއީ ގޯސްކަމެކެވެ. ވަރަށް ގޯސް ކަމެކެވެ. ކާދިން އެއްޗެކޭ ބުނަން ތުންފަތް ހަރަކާތްކުރުމުން އޭނަ ކައިރިވެލިއެވެ.
"އައިމް....ސޮރީ.."
އެއާއެކު ކާދިންގެ ލޯ މެރުނެވެ.
ވާރޭ ބޯކޮށްލިގޮތުން ހީވީ ދުނިޔެ ކޮންމެވެސް އެއްޗެއް ދޮންނަން މަސައްކަތްކުރާހެންނެވެ. އެކަމަކު ބައެއް އެއްޗެއްސަކީ ކިތަންމެ ވަރެއް ވިޔަސް ދޮވެވިގެންދާނެ އެއްޗެއް ނޫނެވެ.
ނުނިމޭ