ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގަ ހިމެނޭ ތިން ޓީމުގެ ތެރެއިން ސެމީފައިނަލުގެ ދެ ޖާގަ އިންޑިއާއާއި ބަންގްލަދޭޝް ހޯދިއިރު، ޕާކިސްތާނަށް މުބާރާތް ނިމިއްޖެއެވެ.
މި ދެ ޓީމަށް ސެމީގެ ޖާގަ ކަށަވަރުވީ ޕާކިސްތާން ކުޅުނު ދެ މެޗުންވެސް ބަލިވުމާއެކު އެވެ. އަދި އިންޑިއާާ އާއި ބަަންގްލަދޭޝް ވަނީ ޕާކިސްތާން އަތުން މޮޅުވެފައެވެ.
މުބާރާތުގެ ސެމީއަށް އިންޑިއާ ދަތުރުކޮށްފައިވަނީ މިއަދު ހަވީރު ޕާކިސްތާނާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ޕާކިސްތާނު ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ސާފް 20 އަހަރުންދަށުގެ މުބާރާތުގައި އިންޑިއާ އާއި ޕާކިސްތާނު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ސާފް
މީގެ އިތުރުން ދެން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަަށަވަރުކޮށްފައިވަނީ ނޭޕާލެވެ. އެއީ ހަތަރު ޓީމާއެކު މެޗުތައް ކުޅެމުން އަންނަ ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެންނެވެ. ފަހު މެޗުގައި އެ ޓީމު ބައްދަލުކުރާނީ އަދި މެޗަކުން މޮޅު ނުވެއޮތް ރާއްޖެއާއެވެ.
ނޭޕާލް ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވީ 1-2 އިންނެވެ. އަދި ދެވަނަ މެޗުގައި ސްރީލަންކާ އަތުން މޮޅުވީ 0-1 އިންނެވެ.
ރާއްޖެއާ ނޭޕާލް ބައްދަލުކުރާ މެޗު ކުޅޭނީ ހުކުރުދުވަހުގެ ހަވީރެވެ. މިއީ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ކުޅޭ ދުވަހެވެ.