''ރާއްޖެ ޓީމުގައި ފިޓްނަސް މައްސަލައެއްނެތް، އުޅެނީ ހެދިބޮޑުވުމުގެ މައްސަލަ''

ބޫޓާން މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު އުރުބާނީ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ

ރާއްޖޭގެ 20 އަހަރުންދަށުގެ ގައުމީ ޓީމު ރޭ ބޫޓާނާ ލަނޑެއްނުޖެހި އެއްވަރުވި މެޗަށްފަހު ގައުމީ ކޯޗު އިސްތަވާން އުރުބާނީ ވަނީ ގިނަ އުދާސްތަކެއް ބޭރުކޮށްލާފައެވެ. ހާއްސަކޮށް މި މުބާރާތަކީ ނަތީޖާ ނެރޭ މުބާރާތަކަށްވުރެ ރަނގަޅު ތަޖުރިބާތަކެއް އެ ކުޅުންތެރިންނަށް ހޯދައިދޭން ކުޅޭ މުބާރާތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

ރޭ ބޫޓާނާ އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވަނީ ކުޅުންތެރިންގެ ފިޓްނަސްއާ ގުޅިގެން ބައެއް ފާޑުކިޔުންތައް އަމާޒު ވާކަމަށް ބުނެ އެކަމަށް ރައްދުދީފައެވެ.

އުރުބާނީ އޭނާ ބުނީ ފިޓްނަސްގެ މައްސަލައެއް ޓީމުގައި ނެތް ކަމަށާއި މައްސަލައަކީ ކުޅުންތެރިންގެ ފިޒިކަލް ޑިވެލޮޕްމަންޓް ނުވަތަ ހެދިބޮޑުވުމުގެ މައްސަލަ ކަމަށެވެ.

"ކުޅުންތެރިންގެ ފިޒިކަލް ކަންކަމަށް ހޭދަކުރާ ވަގުތު ކިޔާދެވިދާނެ؟ އަހަރެމެންގެ ކުޅުންތެރިންގެ ކެއުމުގެ ކަންކަން ހުންނަ ގޮތް ކިޔާދެންތަ؟ ހައިރާންވޭ ކުޅުންތެރިންނަށް މެޗު ނިމެންދެން ކުޅެވޭތީ ވެސް،" ދިވެހި ކުޅުންތެރިންގެ ދިރިއުޅުގެ ވައްޓަފާޅިއަށް އަލިއަޅުވާލާ ކޯޗު ބުންޏެވެ.

ކޯޗު ބުނީ ރާޢްޖޭގައި ތިބީ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޖީލެއް ކަމަށާއި އުންމީދުތައް މަތިކުރެވޭނީ މި ޖީލާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.

ކޯޗު އެންމެ ބޮޑަށް ސިފަކުރީ ބައިނަލްއަަގްވާމީ މުބާރާތްތަކެއްގެ ތަޖުރިބާ ނެތި ދިވެހި ކުޅުންތެރިން މިފަދަ މުބާރާތެއްގައި ކުޅޭއިރު މޮޅުވުން، ނުވަތަ ތައްޓާ ހިސާބަށް ދިއުމަކީ އުންމީދުކުރުން ރަނގަޅު ގޮތެއް ނޫންކަމަށް އޭނާ ބުންޏެވެ.

"ކޮންތާކުން ޓީމާ މެދު ބޮޑެތި އުންމީދުތަކެއް ކުރަމުން މި އަންނަނީ؟ ކާކު މި އުންމީދުތައް ނުވަތަ (އެކްސްޕެކްޓޭޝަން) އުފައްދަނީ؟ ސޯޝަލް މީޑީއާއިންތަ؟ ކުރިމަގުގެ ރަން ޖީލޭ ކިޔާފައި؟ އެއީ ނޫން ރަނގަޅުގޮތަކީ، އަހަރެން ޝުކުރުކުރަން އެ ވައްޓަފާޅިއާއެކު އެ ކުޅުންތެރިން މިއަދު ދުނިޔޭގަ ހުރީތީވެސް" އުރުބާނީ ބުންޏެވެ.

މަގާމާ ހަވާލުވީވެސް އުންމީދީ ޖީލެއް ބިނާކުރުމުގެ އަޒުމުގައިކަން ފާހަގަކޮށް އުރުބާނީ ބުނީ ރާއްޖޭގައި ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނަށް ކުޅެވޭނެ ރަނގަޅު މާހައުލެއް ނެތި، ވާދަވެރި މުބާރާތްތަކެއް ނެތި، ކުޅޭނެ މެޗެއް ނެތި ދިވެހިން މިފަދަ މެޗުތަކުން މޮޅުވާން އެދުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް ބުނެފައެވެ. އަދި ނަތީޖާއަކީ ކުރު މުއްދަތަކުން ނެރެވޭނެ އެއްޗެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

މިކަންކަން ހައްލުކުރަން އެންމެ މުހިންމު ކަމަކީ ކުޅުންތެރިން ރަނގަޅަށް ބައްޓަން ކުރެވޭނެ މާހައުލެއް ގާއިމު ކޮށްދިނުން ކަމަަށާއި އުންމީދެއް ކުރެވޭނީ ކުޅުންތެރިން ޓެސްޓުކުރަން ގަވާއިދުން މިފަދަ މެޗުތަކެއް ލިބޭނަމަ ކަމަށެވެ.

"ސިންގަޕޫރަށް ގޮސް ދެ މެޗެއް ކުޅެލާއިރަށް އުންމީދެއް ނުކުރެވޭނެ." ނަތީޖާ ނުނެރެވޭކަމަށް ބުނާ ބުނުމާމެދު ރައްދެއްގެ ގޮތުގައި ކޯޗު ބުންޏެވެ.

މުބާރާތުގައި ރާއްޖެއަށް ދެން އޮތީ ނޭޕާލާ ދެކޮޅަށް ކުޅޭ ވަރުގަދަ މެޗެވެ. ނޭޕާލް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ.

ކޯޗު ވަނީ ރޭގެ މެޗުގައި ދިވެހި ކުޅުންތެރިން ކޮންފިޑެންސާ އެކު ކުޅުނުކަން ފާހަގަކޮށްފައެވެ. އެގޮތުން ފަހަރަށް ގެނައި ބަދަލުތަކާއެކު ފުރަތަމަ މެޗަށްވުރެ ދެވަނަ މެޗުގައި ޑިފެންސްލައިން ވަރުގަދަކަން ކޯޗު ފާހަގަކުރިއެވެ.



ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު