ދިވެހި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް, އެމެރިކާއިން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ސާޖިއޯ ގޯރ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބެއްގެ ގޮތުން ގޯރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާ ބައްދަލުކުރައްވާފައެވެ.
އެ ދެ ބައްދަލުވުމަށް ފަހު ސޯޝަލް މީޑިއާގައި އާއްމު ކުރި ޕޯސްޓެއްގައި ގޯރ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ސަރަޙައްދީ މަސްލަޙަތުތަކާ ގުޅޭގޮތުން ރާއްޖޭގެ ދެ ވަޒީރުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. މި އަހަރަކީ ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި އޮތް ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.
"މުހިންމު ދާއިރާތައް ދެނެގަނެ، [ދެ ގައުމު] ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެއް," ގޯރ ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރެއްވުމަށް އެމެރިކާގެ ފަރާތުން އެދިފައިވީ ނަމަވެސް، ގޯރ ފުރާވަޑައިގެންނެވީ ރައީސާ ބައްދަލުނުކުރައްވަވައެވެ.
އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ މަންދޫބާ މަޝްވަރާކުރައްވަން ބޭނުންފުޅުނުވާ ކަމަށާއި، ރާއްޖޭގެ ސަރަޙައްދު އެފަދަ އެއްވެސް އަސްކަރީ ކަމަކަށް ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.