އެމެރިކާއާއި އިސްރާއީލުގެ އުދުވާނާ ދެކޮޅަށް އީރާނުން ބޭނުންކުރަމުންދާ އެންމެ ވަރުގަދަ ހަތިޔާރު "ހުރްމޫޒް ކަނޑުއޮޅި"!

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަމަލާތަކަކާ ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މެދުއިރުމައްޗަށް ހުއްޓިފައެވެ. މި ހަނގުރާމައިގެ ތެރެއިން އީރާނުން އެންމެ ބޮޑަށް ބޭނުންކުރަމުންދާ އަދި ދުނިޔޭގެ އިގްތިސާދަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިކޮށްފައިވާ ހަތިޔާރަކީ ހުރްމޫޒް ކަނޑުއޮޅި ބަންދުކުރުމެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައިގަނޑު މަގު ކަމަށްވާ މި ކަނޑުއޮޅި އީރާނުން ކޮންޓްރޯލްކޮށް ބަންދުކުރުމުގެ ސަބަބުން، ހަނގުރާމަ ކާމިޔާބު ކުރުމަށް އައި އެމެރިކާގެ އަޒުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

  • ހުރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ އެންމެ މުހިންމު ކަނޑުގެ މަގެވެ.
  • މި ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގު އިންތިހާއަށް އުފުލި، އެމެރިކާއާއި އެކުވެރި ގައުމުތަކަށް ބޮޑެތި އިގްތިސާދީ ގެއްލުންތަކެއް ލިބެމުންދެއެވެ.
  • އީރާނުން މިސައިލް، ޑްރޯން އަދި މައިން ބޭނުންކޮށްގެން ކަނޑުއޮޅީގެ ސަލާމަތީ ނިޒާމު ހުއްޓުވުމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުއަށް ވަނީ ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައެވެ.
  • އެމެރިކާގެ އަސްކަރީ ބާރުތަކަށް މި ކަނޑުއޮޅި ހުޅުވުމަށް ކުރެވޭ މަސައްކަތްތައް ނާކާމިޔާބުވަމުންދާތީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން މަޝްވަރާތަކަށް އިސްކަންދޭން ފަށާފައިވެއެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނަށް އުދުވާނީ ހަމަލާތައް ދޭން ފެށިފަހުން މިހާރު ތިން ހަފުތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައީއެވެ. ހަނގުރާމަ ފެށުމާއެކު އީރާނުގެ ލީޑާޝިޕްގެ ބޮޑު ބައެއް، އަސްކަރީ ހަމަލާދީ އަވަހާރަކޮށްލުމަށް ފަހު އެމެރިކާއާއި އިޒްރޭލުން ބުނެފައި ވަނީ އަމާޒަކީ އީރާނުގެ ވެރިކަން ބަދަލުކުރުމާއި، މަދު ހަފުތާތަކެއްގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެނެސް އީރާން "މިނިވަން ކުރުން" ކަމުގައެވެ.

އެހެންނަމަވެސް ހުރިހާ ގޮތަކުން ވެސް ގެއްލުން ބޮޑު މިހަނގުރާމަ ދިގުލައިގެން ގޮސް މަހަކާ ކައިރިވެފަވާއިރު އެއްވެސް ގައުމަކަށް އަސްކަރީ ގޮތުން ހަނގުރާމަ ކާމިޔާބު ކުރެވިދާނެކަމާމެދު އަސްކަރީ ތަޖުރިބާކާރުން މިހާރު ވަނީ ޝައްކު އުފައްދަން ފަށައިފައެވެ. ޚުދު އެމެރިކާއިން ވެސް މިހާރު ވަނީ، ހަނގުރާމަ ނިމުމަކާ ކައިރި ވަމުންދާ ކަމަށް ބުނެ، ހަނގުރާމަ ނިންމާނެ "ހުތްޖަތްތަކެއް" ހޯދަން ފަށާފައި ކަމަށް ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެހެންނަމަވެސް އެމެރިކާއިން ފަހަތު ފަޔަށް ބުރަވާން މިހާރު އޮތީ މަޖުބޫރު ވެފައެވެ. އެމެރިކާއިން އެގޮތަށް ވިސްނަން މަޖުބޫރު ކުރުވީ އިރާނުގެ ކޮން ސިޔާސަތެއްތޯ އަދި އެ ގައުމުން ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރަކީ ކޮބައިތޯ ބަލައިލުން މުހިންމެވެ. މިއީ މި ހަނގުރާމަ ނިމުމަކާ ދިމާލަށް މިސްރާބުޖަހަން ފަށާފައިވާ ކަމަށް ގަބޫލު ކުރެވޭއިރު ވަޒަން ކޮށްލަންޖެހޭ މުހިންމު ކަމެކެވެ.

ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭންފެށި ޢުދުވާނީ ހަމަލާތަކަށްފަހު، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ ކާރުބާރު ބޮޑު އެއް ކަނޑުމަގު ކަމަށްވާ 'ހުރްމޫޒް ކަނޑުއޮޅި' އީރާނުން ވަނީ މުޅިންހެން ބަންދުކޮށްފައެވެ.

ދުނިޔޭގެ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ)ގެ ގާތްގަނޑަކަށް 20 އިންސައްތަ އާންމު ގޮތެއްގައި ހުރަސްކުރަނީ މި ކަނޑުއޮޅިންނެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އީރާނުން ބުނެފައި ވަނީ، މި ހަނގުރާމަ ނިމެންދެން މި ކަނޑިއޮޅިން ދަތުރު ކުރެވޭނީ އެ ގައުމުން ހުއްދަ ދޭ އުޅަނދުތަކަށް އެކަނި ކަމަށެވެ. އަދި ދުޝްމަނުންގެ (އެމެރިކާއާއި އިސްރޭލުގެ) އެއްވެސް އުޅަނދަކަށް މި ކަނޑުއޮޅި ހުރަސް ނުކުރެވޭނެ ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

ހަމައެއާއެކު އެމެރިކާއިން އީރާނުގެ ކަރަންޓު އުފައްދާ އިންޖީނު ގެތަކަށް އަސްކަރީ ހަމަލާ ދީފިނަމަ އަރަބި ބައްރުގައިވާ ކަރަންޓު އުފައްދާ ހުރިހާ އިންޖީނު ގެއެއް ވެސް އީރާނުގެ އަސްކަރީ ހަމަލާތަކުގެ އަމާޒަކަށް ވާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ. އިރާނުން ދެން އެމެރިކާއަށް ދެއްކި އެންމެ ބޮޑު ބިރަކީ ވެސް އެފަދަ ހާލަތެއްގައި މި ކަނޑުއޮޅީ އެކީއެކަށް ބަންދު ކުރާނެކަމުގެ ބިރެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއިން މިހާރުވަނީ މި ކަނޑު އޮޅި ހުޅުވަން އިރާނަށް ދިން 48 ގަނޑިއިރުގެ މުހުލަތު ފަސް ދުވަހަށް ބަދަލުކޮށް އީރާނާއެކީ މަޝްވަރާ ކުރަން ފަށައިފައެވެ.

އިރާންގެ އައްސޭރިފަށުގައި އޮންނަ ހުރްމޫޒް ކަނޑުއޮޅި

ހުރްމޫޒް ކަނޑުއޮޅިއަކީ ކޮބާ؟ އަދި އެތަން އޮންނަނީ ކޮންތާކު؟

ހުރްމޫޒް ކަނޑު އޮޅިއަކީ އަރަބި ބައްރުން ނުކުމެ، އިންޑިއާ ކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދުތައް ހޭރިޔާ ކުރުމަށް ފަހިވާ ގޮތަށް އެ ކަނޑަށް ހުޅުވިފައި އޮންނަ "ސްޓްރެޓީޖިކް ލޮކޭޝަނެއްގައި" އޮތް ކަނޑު އޮޅިއެކެވެ. އެގޮތުން، އުތުރުން އީރާނު އަދި ދެކުނުން އޮމާނާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އޮންނަ މި ކަނޑުއޮޅިއަކީ ގަލްފާއި އަރަބި ކަނޑު ގުޅުވައިދޭ މަގެވެ. މި ކަނޑު އޮޅިއަށް ވަންނަ ދޮރާށީގެ ފުޅާމިނުގައި ގާތްގަނޑަކަށް 50 ކިލޯމީޓަރު (31 މޭލު) ހުންނައިރު، އެންމެ ހަނި ހިސާބުގައި ހުންނަނީ 33 ކިލޯމީޓަރެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ސާފުނުކުރާ ތެޔޮ އުފުލާ ޓޭންކަރުތަކަށް ދަތުރުކުރެވޭ ވަރަށް މި ކަނޑުއޮޅި ފުންވެފައި، މިއީ މެދުއިރުމަތީގެ ތެލާއި އެލްއެންޖީ އުފައްދާ ފަރާތްތަކުންނާއި އެ ފަރާތްތަކުގެ ކަސްޓަމަރުން އެންމެ ގިނައިން ބޭނުންކުރާ މަގެވެ.

އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން (އީއައިއޭ) އިން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރު ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާގެ ތެލާއި، ތެލުގެ ބާވަތްތައް މި ކަނޑުއޮޅިން ހުރަސްކޮށްފައިވެއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 600 ބިލިއަން ޑޮލަރުގެ ހަކަތައިގެ ވިޔަފާރިއެވެ.

ހަމައެއާއެކު މި މަގުން އަންނަ ތެލަކީ ހަމައެކަނި އީރާނުގެ ތެލެއް ނޫނެވެ. އޭގެ ތެރޭގައި އިރާގު، ކުވައިތު، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ފަދަ ގަލްފުގެ އެހެން ގައުމުތަކުގެ ތެޔޮ ވެސް ހިމެނެއެވެ.

ދުނިޔޭގެ އެލްއެންޖީގެ ގާތްގަނޑަކަށް 20 އިންސައްތަ ބޭރުކުރަނީ މި މަގުންނެވެ. އެމެރިކާ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ގަތަރުން ދުވާލަކު 9.3 ބިލިއަން ކިއުބިކް ފޫޓު (Bcf/d) ގެ އެލްއެންޖީ މި ކަނޑުއޮޅިން ބޭރުކޮށްފައިވާއިރު، ޔޫއޭއީން ގާތްގަނޑަކަށް 0.7 Bcf/d ބޭރުކޮށްފައިވެއެވެ. އެލްއެންޖީއަކީ ދިޔާކޮށްފައިވާ ގޭހެވެ. މިގޮތަށް ދިޔާކުރުމުން އުފުލުމަށް ބޭނުންވާ ޖާގަ 600 ގުނަ ކުޑަވެގެންދެއެވެ. އަދި މަންޒިލަށް ފޯރުމުން އަނެއްކާވެސް ގޭހަށް ބަދަލުކޮށް، ހޫނުކުރުމަށާއި، ކެއްކުމަށާއި ކަރަންޓު އުފެއްދުމަށް ހަކަތައިގެ މި ބާވަތް ބޭނުންކުރެވެއެވެ.

ތައިލޭންޑް ފެގްޝިޕް މަޔުރީން ނަރޭއަށް މާރްޗް 11 ވަނަ ދުވަހު އީރާނުން ވަނީ ހަމަލާ ދީފައި --

ކަނޑުއޮޅި ބަންދުކުރުމުގެ އަސަރަކީ ކޮބާ؟

އެމެރިކާއާއި އިޒްރޭލުން އީރާނަށް އުދުވާނީ ހަމަލާތައް ދޭން ފެށުމާއެކު، އިގްތިސޯދީ އަދި ސިޔާސީ ތަޖުރިބާކާރުން ލަފާ ކޮށްފައިވާ ގޮތަށް، އީރާނުން ވަނީ މި ކަނޑުއަޅި ބަންދުކޮށް، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އަސްކަރީ ހަމަލާ ދޭން ފަށާފައެވެ. އާންމު ގޮތެއްގައި މަހެއްގެ މައްޗަށް 3،000 ބޯޓު މި މަގުން ދަތުރުކުރި ނަމަވެސް، ޓޭންކަރުތަކަށާއި އެހެނިހެން ބޯޓުފަހަރަށް ހަމަލާދޭނެކަމަށް އީރާނުން އިންޒާރު ދިނުމާ ގުޅިގެން މި އަދަދު ވަނީ ހަނގުރާމަ ފެށުމާއެކު ވަރަށް ބޮޑަށް ދަށްވެފައެވެ.

މާރިޗު 18 ވަނަ ދުވަހު އޭއެފްޕީ ނިއުސް އެޖެންސީން އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ފެށުނު ފަހުން މަދުވެގެން 21 ބޯޓަކަށް އީރާނުން ހަމަލާދިން ކަމުގެ ރިޕޯޓުކޮށްފައިވެއެވެ.

ދުނިޔޭގެ ހަކަތައިގެ ތަޖުރިބާކާރުން މި ހަމަލާތަކާއި ގުޅިގެން ވިދާޅުވެފައި ވަނީ، މި ކަނޑުއޮޅިން ދަތުރުކުރުމަކީ އުޅަނދުތަކަށް ހަމަލާއެއް އަމާޒުވެދާނެ ފަދަ ރިސްކު ބޮޑު ދަތުރަކަށް ވާނެ ކަމަށެވެ. އަދި ސަލާމަތީ ކަންކަން ރަނގަޅުވަންދެން މި ކަނޑުއޮޅު ހުރަސްކޮށް ކުރާ ދަތުރުތައް މަޑުޖައްސާލުން ނޫން އެހެން ހައްލެއް މިހާރު ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ސަބަބެއް ކަމުގައި އެ ފަރާތްތަކުން ވިދާޅުވެފައި ވަނީ "ފިޒިކަލް ބްލޮކޭޑެއް" ނެތް ނަމަވެސް، އީރާނުގެ އިންޒާރުތަކާއި، ޑްރޯން އަދި މިސައިލް ހަމަލާތަކުގެ ސަބަބުން ޓޭންކަރުތަކަށް ކަނޑުއޮޅިން ދަތުރުކުރާނެ ހާލަތެއް ތަނަވަސްވެފައި ނެތް ކަމަށެވެ.

އިރާން ހަނގުރާމަ ދިގުލައިގެން ދާން ފަށާފައި ވާއިރު، މި ކަނޑު އޮޅީގެ ހާލަތަށް ބަދަލެއް ނައިސް، ހަކަތައިގެ އަގުތައް ދުނިޔޭގެ ބާޒާރުގައި މިހާރު ހުރީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ މާ މަތީގައެވެ.

ބައެއް އާގު ބޯޓުފަހަރުތައް ހޮރުމޫޒް ކަނޑުއޮޅި ހުރަސްކުރަނީ --

މީގެ ކުރިން ވެސް ހީކުރެވިފައިވާ ގޮތަށް މި ހަނގުރާމަ ފެށުމާއެކު އިރާނުން ވަނީ މި ހަނގުރާމާގައި އެ ގައުމުން ބޭނުންކުރާނެ އެންމެ ވަރުގަދަ ހަތިޔާރަކީ ހުރްމޫޒް ކަނޑުއޮޅި ކަމުގައި ހަދާފައެވެ. އެގޮތުން މި ކަނޑުއޮޅި ބަންދު ކުރުމުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރަމުންދާ ނޭދެވޭ އަސަރު ޚުދު މި ރާއްޖެއިން ވެސް މިދަނީ ފެންނަމުންނެވެ. އެގޮތުން ތެލާ ގުޅުންހުރި އެކި ޚިދުމަތްތަކާއި މުދަލާއި ތަކެތީގެ އަގު އިންތިހާއަށް އުފުލި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ވެސް ދަނީ އިގްތިސޯދީ ގޮތުން ގޮންޖެހުތަކާއި ކުރިމަތިލަމުންނެވެ.

އެހެންކަމުން، މި ކަނޑުއޮޅި ބަންދު ކޮށްފައި އޮންނަ އޮތުމަކީ ދުނިޔެއަށް ތަހައްމަލު ކުރެވިދާނެ ގޮންޖެހުމެއް ކަމަކަށް ނުބެލެވެއެވެ. އަދި މި ހަނގުރާމާގައި އީރާނުން ކަނޑުއޮޅީގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރަމުންދާ ކަމަށް އަސްކަރީ އަދި އިގްތިސޯދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އަދި އެމެރިކާއިން މި ހަނގުރާމަ ނިމުމަކަށް އައުމާ ގާތްވެފައިވާ ކަމަށް ބުނަން މަޖުބޫރުވެފައިވާ ހަގީގީ ސަބަބަކީ ވެސް އެއީ ކަމުގައި ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

comment ކޮމެންޓް