ސިނަމާލެއާއި މާލެހިޔާ ފުލެޓުތައް މާރާމާތުކުރުމުގެ ކުރިން، އެސެސްމެންޓެއް ހަދާނެ ބަޔަކު ހޯދަނީ

ސިނަމާލެ ފްލެޓުތައް: އެ ފުލެޓުތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން ވެސް ވަނީ އިއުލާނުކޮށްފައި -- ފޮޓޯ/ސީއެންއެމް

ސިނަމާލެ އާއި މާލެ ހިޔާ ފުލެޓުތައް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން، އެ އިމާރާތްތަކުގެ މިހާރުގެ ހާލަތު ވަޒަންކޮށް، މަރާމާތަށް ބޭނުންވާ ކަންކަމާއި އެކަމަށް ހިނގާނެ ޚަރަދުތައް ދެނެގަތުމަށްޓަކައި އެސެސްމެންޓެއް ހަދާނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފިއެވެ. 1990ގެ އަހަރުތަކުގައި ބިނާކުރި މި ފުލެޓުތަކުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާތީ، އެތަންތަން މަރާމާތު ކުރުމަކީ ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، ފުލެޓުތަކުގެ ވެރިންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ޖޫރިމަނާ މާފުކޮށްދިނުމަށާއި، އިނާޔަތެއްގެ ގޮތުން ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

  • ހައުސިން މިނިސްޓްރީން ފުލެޓުތަކުގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓެއް ހަދަން ބަޔަކު ހޯދަނީ
  • އެސެސްމެންޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ
  • ފުލެޓުތަކުގެ ކުއްޔަށް ނުދައްކައި ހުރި ޖޫރިމަނާތައް މާފުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވޭ
  • ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތުގެ ގޮތުން އެއް ލައްކަ ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވޭ

ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތައް މަރާމާތުކުރުމުގެ ކުރިން، އެ ފުލެޓުތަކުގެ މިހާރުގެ ހާލަތުގެ އެސެސްމެންޓެއް ހަދާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

އެ ފުލެޓުތައް މާރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.

އޭގެފަހުން، ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވަނީ، އެ އިމާރާތްތަކުގެ މިހާރުގެ ހާލަތު ބަލައި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ޚަރަދާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރަން ބޭނުންވާ ބަޔަކު ހޯދާ ކަމަށް ބުނެފައެވެ.

https://sun.mv/219463

މިނިސްޓްރީން ބުނި ގޮތުގައި، އެ ކަމަށް ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށް، ޝަރުތު ހަމަވާ ކުންފުނިތަކާއި ޖަމިއްޔާތަކުގެ އިތުރަށް ކޮންސަލްޓަންޓުންނަށެވެ.

އެ ކަމަށް ޝައުގުވެރިވާ ބަޔަކު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ، އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 13:00އަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ސިނަމާލެ ފުލެޓުތަކާއި މާލޭހިޔާ ފުލެޓުތަކަށް 1990ގެ އަހަރުތަކުގައި މީހުން ބަދަލުވީއިރު އެއީ ޖާގަ ތަނަވަސް، އެ ޒަމާނަށް ބަލާއިރު ފެންވަރު ރަނގަޅު ފުލެޓުތަކެކެވެ. އޭގެ ފަހުން 35 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާއިރު، އެ ފުލެޓުތަކުގެ އެތެރެއާއި ބޭރުން ވެސް ފެންނަނީ ވީރާނާކަމެވެ.

އެ ފުލެޓުތަކުގެ ލިފްޓުތައް ހުއްޓުމާއި ވާރޭވެހިއްޖެ ނަމަ ފެން ފޭބުން ފަދަ އެތައް މައްސަލައެއް އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެއެވެ. އެ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ އުއްމީދު، އެމްޑީޕީ އިސްކޮށް އޮތް ކައުންސިލްތަކާއި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މޭޔަރުކަން ކުރެއްވި ކައުންސިލުގައި ވެސް ދީފައިވެއެވެ.

https://sun.mv/218017

ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލާއި ރައީސް މޭޔަރުކަން ކުރެއްވި ކައުންސިލުގައި ވެސް ވަނީ، އޭރު އޮތް ސަރުކާރުގެ ސަބަބުން ފުލެޓުތަކުގެ ވެރިންނަށް ހެޔޮ ގޮތެއް ހޯދައިދޭން ދަތިވި ކަމަށް ބުނެފައެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ، އަދި މިހާރުގެ ރައީސް މިދިޔަ ޑިސެންބަރު މަހު، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ، ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތައް ދޫކޮށްލާފައި ބަހައްޓަން ބޭނުންނުވާ ކަމަށާއި އެ ފުލެޓުތަކުގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު މިދިޔަ ފެބްރުއަރީ 16ގައި އެ މަނިކުފާނު އެ ފުލެޓުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ނިންމެވީ ފުލެޓުތަކުގެ ވެރިންނަށް އިނާޔަތް ދެއްވުމަށެވެ.

ރައީސް ވަނީ، ފުލެޓުތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށް ނިންމަވައިފައެވެ. އަދި ފުލެޓުތައް ބައުވުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދެއްވުމަށް ވެސް އެ މަނިކުފާނު ނިންމެވިއެވެ.

comment ކޮމެންޓް