9.6 މިލިއަން ރުފިޔާގެ ޑުރަގާއެކު ވީއައިއޭއިން ހައްޔަރުކުރީ އިންޑިއާ ދެ މީހުން

ޑުރަގާއެކު ހައްޔަރުކުރި ދެ މީހުން --- ފޮޓޯ: ފުލުހުން

މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މި މައްސަލައާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 5.37 ކިލޯގެ ކެނަބިސް ފަތާއި 6.59 ކިލޯގެ ހަޝިޝް އޮއިލް ހިމެނޭއިރު، މި ތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 11.96 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުން.
  • މި މައްސަލައިގައި އިންޑިއާގެ ދެ ޒުވާނަކު ހައްޔަރުކުރުން.
  • އަތުލައިގަތް ތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރުން.
  • ކޯޓުން އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރުން.
  • ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މައްސަލަ ތަހުގީގުކުރުން.

މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ދެ ޒުވާނުންކަން، ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން އިއްޔެ ބުނީ، މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 11.96 ކިލޯގުރާމުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 5،370 ގްރާމްގެ ކެނަބިސް ފަތާއި، 6،590 ގްރާމްގެ ހަޝިޝް އޮއިލެވެ.

އެ ތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

https://sun.mv/219532

ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި އިންޑިއާގެ 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ތުހުމަތުވާ 24 އަހަރުގެ މީހާ ވަނީ، އޭނާ ރާއްޖެ އައީ ރައްޓެއްސެއް ބުނެގެން ކަމާއި، އިތުރު އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ބުނެފައެވެ.

އަދި މި މައްސަލައިގައި ތުހުމަތުވާ 27 އަހަރުގެ މީހާ ބުނިގޮތުގައި، 24 އަހަރުގެ މީހާ ރާއްޖެ އައީ އޭނާ ބުނެގެންނެވެ. އަދި އޭނާ އައީ ޓޫރިސްޓު ވިސާއެއްގައި ކަމަށްވެސް 27 އަހަރުގެ މީހާ ބުނި ކަމަށް، ކޯޓު އަމުރުގައިވެއެވެ.

ދެ މީހުންވެސް ވަނީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް