މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ގާނޫނެއް ތައާރަފްކުރަން ބިލެއް ޑްރާފްޓުކޮށް އެބަނިމޭ، މި ދައުރުގައި ބިލް ހުށަހަޅާނެ: ރައީސް

2 މާރިޗު 2026: ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރެއްވި ގޮތުގައި، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު ހަމަޖެއްސުމަށް ޚާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ދަނީ ކުރަމުންނެވެ. މި ބިލުގެ މަސައްކަތްތައް ނިމުމާ ގާތްވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މަރުގެ އަދަބު ތަންފީޒު ކުރުމަކީ ގަވައިދަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ޚާއްސަ ގާނޫނެއްގެ ދަށުން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ ފަރާތްތަކަށް އަދަބު ދިނުން ލަސްކުރުމަކީ އެ މަނިކުފާނުގެ ބާރުގައިވާ ކަމެއް ނޫން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

  • މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްސަ ބިލެއް އެކުލަވާލަމުންދާކަން.
  • މި ބިލު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ހުށަހެޅުމަށް ނިންމާފައިވާކަން.
  • މަރުގެ އަދަބު ތަންފީޒު ކުރުމަށް ފުރިހަމަ ގާނޫނީ އޮނިގަނޑެއް ބޭނުންވާކަމަށް ރައީސް ވިދާޅުވުން.
  • މަރުގެ ހުކުމް ތަންފީޒު ކުރުން ލަސްކުރުމުގެ ބާރު ރައީސަށް ލިބިވަޑައިނުގަނނަވާކަން.

މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި، އެކަމަށް ޚާއްސަ ގާނޫނެއް އެކުލަވައިލުމަށް ޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ޚާއްސަ ބިލެއް ޑްރާފްޓުކުރުމުގެ މަސައްކަތް އެބަކުރިއަށްދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އެ ބިލް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަށް ޓަކައި ހުރިހާ މަރުހަލާއެއް ފުރިހަމަވެފައި ތިބި މީހުން އެބަތިބި ކަމަށެވެ. އެ ފަދަ ފަރާތްތަކަށް އެ އަދަބު ތަންފީޒުނުކުރުވައި މަޑު ޖެއްސުމަކީ އެ މަނިކުފާނަށް އޮތް ބާރެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މަރުގެ އަދަބު ތަންފީޒުކުރަންވާނީ ގަވައިދެއްގެ ދަށުން ނޫން ކަމަށާއި، އެއީ އެކަމަށް ޚާއްސަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުން މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ޚާއްސަ ގާނޫނެއް ތައާރަފްކުރަން ބިލެއް ޑްރާފްޓުކުރަމުން އަންނަކަމަށާއި، އެ މަސައްކަތް އޮތީ ނިމުމާ ގާތުގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން އަންނަ ދައުރުގެ ތެރޭ ބަންޑާރަ ނައިބުގެ އޮފީހުން އެ ބިލް ހުށަހަޅުއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް