ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހު، ރަޖިސްޓްރީވާން ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މިއަހަރުގެ ޖަލްސާ އޮންނާނީ ހޮނިހިރުގައި --- ފޮޓޯ: ބީއެމްއެލް

އަންނަ ހޮނިހިރު ދުވަހު ގައުމީ ބޭންކު ބީއެމްއެލްގެ 43ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނެކަން އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ.

ބީއެމްއެލުން ބުނީ، މި ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެރޭ ނުވައެއް ޖަހާއިރު، ބާސެލޯ ނަސަންދުރާ ހޮޓެލްގެ މާލޭގެ ބޯލްރޫމްގައި ކަމަށެވެ.

މި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި، އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓު" މެދުވެރިކޮށް ކަމަށް، ބީއެމްއެލުން ބުންޏެވެ.

މި ޖަލްސާގައި ބައިވެރިވުމަށް އޮންލައިންކޮށް ބީއެމްއެލުން ވަނީ ހުޅުވައިލައިފައެވެ. އެ ފުރުސަތު ހުޅުވައިލައިފައިވަނީ ބުރާސްފަތި ދުވަހުގެރޭ ނުވައެއް ޖެހުމާ ހަމައަށެވެ.

އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށްވެސް ރަޖިސްޓްރީކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ، ބޭންކާއި ހިއްސާދާރުންގެ މެދުގައިވާ ގުޅުން ބަދަހިކޮށް، އިތުބާރު ދެމެހެއްޓުމަށްޓަކައި އަހަރީ އާންމު ޖަލްސާ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައި ކުރުމަށާއި، ބީއެމްއެލްގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފައިވާ ކަމަށާއި، އެ ހުށަހެޅުންތައް ފާސްކުރެވެނީ ހިއްސާދާރުންގެ ޚާއްސަ ގަރާރަކުން ކަމަށް، ބީއެމްއެލުން ބުންޏެވެ.

އެހެންވެ، ވީހާވެސް ގިނަ ހިއްސާދާރުން މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭންކުން އެދެއެވެ.

މިދިޔަ އަހަރު ބީއެމްއެލުން ވަނީ 2.5 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައިފައެވެ.

އެއީ ރެކޯޑު ނަތީޖާއެއްގެ ގޮތުގައި ސިފަކޮށް ބީއެމްއެލުން އޭރު ބުނީ، އެ އަހަރު ބޭންކުން ހޯދި ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ޚާއްޞަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށެވެ.

https://sun.mv/218398

މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 2024ވަނަ އަހަރާ އަޅާ ބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

comment ކޮމެންޓް